ރިޟްވާނުގެ ހާދިސާގެ ރިޕޯޓު އާންމުކުރުން ކޮމިޝަނުން ހެދި ބޮޑު ގޯހެއް!

މާޒީގެ ބޮޑު ބައި ބާއްވާފައި ވޭތިވެދިޔަ އަށެއްކަ އަހަރު ދުވަހަށް އެކަނި ބަލައިލިއަސް ރާއްޖޭގައި އަނިޔާވެރި އެތައް އަމަލުތަކެއް ވަނީ ހިންގާފަ އެވެ. ރަހުމްކުޑަ ގޮތްގޮތަށް އެތައް ބަޔަކު މަރާލާފައި ވެއެވެ.

މި މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ގާނޫނީ ވަކީލަކާއި، ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރަމުންދިޔަ ފުލުހަކު މަރާލާފައި ވެއެވެ. އޮކްޓޫބަރު 1، 2012 ގައި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުން ވެގެން ދިޔައީ މުޅި ގައުމު ހިމޭންކުރި އަދި ނުރައްކާތެރިކަން އޮތް މިންވަރު ވެސް ފެނިގެން ދިޔަ ކަމަކަށެވެ.

ރާއްޖޭގައި މީހުން މެރުން ސިލްސިލާއަކަށްވެ ރަހުމްކުޑަ ގޮތްގޮތަށް ކޮންމެ އަހަރަކުވެސް ބަޔަކު މަރައެވެ. ބްލޮގާ ޔާމީން ރަޝީދުގެ މަރާއި، ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގުން ވެސް ހިމެނެނީ އެ ސިލްސިލާގަ އެވެ. އެ މައްސަލަތަކުގެ ހަގީގަތް އޮތީ ވަރަށް ބޮޑަށް ފޮރުވިފައެވެ. އެއިން އެއްވެސް މައްސަލައެއްގައި އިންސާފާ ހަމައަށް ދެވޭނެ މަގެއް ނުފެނެ އެވެ. ކޮންމެވެސް ސަބަބަކާ ހުރެ ހަގީގަތް "މަރުވަނީ" އެވެ.

ކަންމިހެން އޮއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެމަނިފާނު ވަނީ "ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މީހުންގެ މަރުތައް ތަހުގީގު" ކުރަން ރިޔާސީ ކޮމިޝަނެއް އެކުލަވާލިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާނުގެ މައްސަލައިގެ ހަގީގަތް ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހަމާކުރައްވާނެ ކަމަށް ރައީސް ޞޯލިހު ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމަށް ސައުވީސް ގަޑިއިރު ހަމަވެ ރިޟްވާނުގެ މައްސަލައިގެ ތަފްޞީލު ހާމަކޮށްފައިވަނީ ވެރިކަމަށް ނުވަސް ފުރުނު ފަހުންނެވެ.

ބަންދު ދުވަސްތައް ކަނޑާ ސައުވީސް ގަޑިއިރު ހަމަވީ އެ ހާ ދުވަހުން ކަމަށްވެސް ވެދާނެއެވެ. ކޮންމެ އަކަސް ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށްވީ ގޮތުގެ މައުލޫމާތުތަކެއް ތިލަކޮށް ކޮމިޝަނުންވަނީ ރިޕޯޓެއް އެކުލަވާފައެވެ.

ރިޕޯޓުގެ ތަފްޞީލުތައް ހާމަކޮށް ރިޔާސީ ކޮމިޝަނުން ބޭއްވި ޓީވީއިން ލައިވް ކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާންމުންނަށް އެނގެން ނުޖެހޭ ފަދަ މައުލޫމާތުތަކެއް ވެސް ވަނީ ތިލަކޮށްފައެވެ.

އޭގެ ފަހުން އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެރުވި އެވެ. އަދި މަޖިލީހުގެ ރައީސް ވަނީ އެ ރިޕޯޓް ހަމަ އެދުވަހު ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް ދެއްވާފަ އެވެ.

ނަމަވެސް އޭގެ ފަހުން ކުއްލި ގޮތަކަށް ރިޕޯޓްގައި ސިއްރު މައުލޫމާތުތަކެއް ހުރެގެން ރިޕޯޓް އަތުލީ އެވެ. އެކަމަކު އޭރު ރިޕޯޓްގައި ހިމެނޭ ހުރިހާ ވާހަކައެއް އޮތީ މުޅި ޤައުމުގައި ފެތުރިފައެވެ.

އެހާ ހިސާބުން ފެށިގެން ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ކޮމިޝަނުން ކުރި ތަހުގީގުގެ ބޭނުމާއި، އެ ތަހުގީގަށްފަހު ލިބުނު މައުލޫމާތުތައް ހިއްސާ ކުރުމުގައި އަމަލުކުރި ގޮތާއިމެދު ވަނީ ސުވާލު އުފައްދާ ވާހަކަ ދައްކަން ފެށިއެވެ.

ސުވާލުތައް އުފެދި މާހައުލު ހޫނުވެފައި ވަނިކޮށް ނުކުމެގެން އުޅެނީ ރިޕޯޓެއްތޯވެސް ސުވާލު އުފެދިއްޖެ އެވެ. އާންމުވެގެން އުޅޭ ވާހަކަތަކާ ގުޅުވައި ރައީސް ކުރެއްވި ޓްވީޓެއްގައި އޮންނަނީ ކޮމިޝަންގެ "ދެވަނަ ޑްރާފްޓް" ކަމަށްވާތީ އެވެ.

ކޮމިޝަނަކީ ރައީސްގެ ރިޔާސީ ކޮމިޝަނެކެވެ. ވީމާ ރައީސް އެއީ ޑްރާފްޓެއް ކަމަށް ވިދާޅުވާ ނަމަ އަދި ރިޕޯޓެއް ނުނިމެ އެވެ. -- އެހެން ވިޔަސް ރިޕޯޓެއް ބޭރުވެގެން އެބަ އުޅޭތާއެވެ.

ކޮންމެ އަކަސް ރިޕޯޓުގައި ހުރި މައުލޫމާތުތަކާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ރިލްވާންގެ މައްސަލާގައި ކޮމިޝަނުން އަމަލު ކޮށްފައި ވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެފަދަ ކޮމިޝަނަކުން އަމަލު ކުރާނެ ގޮތަކަށް ނޫނެވެ. އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ ސައްތައިން ސައްތައަށް ސާފު ނުވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ރިލްވާން މަރުވެފައިވާ ކަމަށް ކަނޑައެޅުމެވެ.

މިއޮތީ ރިޕޯޓު ފެށުމުގެ ގޮތުން ދެއްކި ވާހަކައެވެ. މައުލޫމާތެއް އާންމު ކުރާއިރު އެ މައުލޫމާތެއް އާންމު ކުރުމުން ނުކުންނާނެ ނަތީޖާއާ އަދި އޭގެ ތެދު ދޮގާ އެއީ ޤައުމުގެ ރައްޔިތުންނަށް ކިހާ އަސަރެއް ކުރާނެ މައުލޫމާތުތަކެއް ކަމަށް އެބަ ބަލަން ޖެހެއެވެ.

ތަހުގީގު މުޅިން ނުނިމޭ އެ މައްސަލާގައި ހިމެނޭ މުހިންމު ހެކިންތަކެއްގެ މައުލޫމާތު އާންމު ވެދާނެ ކަމުގެ ބިރުހީވެ، ޕީޖީ ލީޑަރުންގެ އަތަށް ދިން ރިޕޯޓް ވަނީ އަނބުރާ އަތުލައިފާ ކަމަށް އަޑުފެތުރި އެވެ.

އަދި އެއަށް ފަހު އެ ރިޕޯޓްގެ ހުލާސާއެއް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށް ފެންނާނެހެން ބެހެއްޓި އެވެ. އެއާ އެކު ދެން އުފެދުނު ބަހުސަކީ، މިހާ ހައްސާސީ މައްސަލައެއްގެ "ސިއްރު" ރިޕޯޓެއް މަޖިލީހުގެ ޕީޖީ ލީޑަރުންނާ ހިއްސާކުރުމުން ކޮމިޝަންގެ ތަހުގީގުގައި ބާކީ އޮތް ބަޔަށް ހުރަސް އެޅިދާނެ ހެއްޔެވެ؟ ސިއްރު ހެކިންތަކެއް އާންމުވެ، މުޅި ކޮމިޝަނުން ކުރި މަސައްކަތް ފެނަށް ދިޔައީ ހެއްޔެވެ؟ މިއީ އެ ރިޕޯޓްގައި ބަހުސްގެ މަރުހަލާގައި ވެސް މެންބަރުން އުފެއްދެވި ސުވާލެކެވެ.

ރިލުވާނުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސިއްރު ހިފަހައްޓަން ޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފައި ވަނިކޮށް، ކަމާ ނުބެހޭ ފަރާތްތަކެއްގެ އަތްމައްޗަށް އެ ރިޕޯޓުގެ ކޮޕީ ދިޔުމަކީ ވަރަށް ދެރަކަމެއްގެ ގޮތުގައި މެމްބަރަކުވަނީ ސިފަކޮށްފައެވެ.

ކަންމިހެން ހުރިއިރު ބޭއްވި ޕްރެސްގައި ސުއޫދު ވެސް ވިދާޅުވީ ރިލްވާން މަރާލި ކަމަށް ސާބިތު ކުރީ ތިން ސިއްރު ހެކިވެރިއެއްގެ ބަހުން ކަމަށެވެ. އަދި، އެތިން ހެކިވެރިންގެ ބަހުގައި ވެސް ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރުމުން ޖިނާއީ މިންގަނޑުން ކޯޓެއްގައި އެކަން ސާބިތު ކުރަން އަދި ހުރަސް ހުރި ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އެ ވާހަކަތަކުން މާނަ ނެގެނީ އެ މަރުގެ ތަހުގީގު އަދި ނިމެން ވެސް ގާތް ނުވާ ކަމެވެ.

އެހެން ނަމަވެސް، އިތުބާރު ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޕީޖީ ގްރޫޕްގެ ލީޑަރުންނަށް ނަޝީދު ބެެއްސެވި ރިޕޯޓްގައި ހުރި މައުލޫމާތުތައް ރަނގަޅަށް ގުޅުވާލަން އެނގިއްޖެ ނަމަ ސިއްރު ހެކިވެރިންނަކީ ކޮބައިކަން ހާމަވާނެ އެވެ.

ހާއްސަކޮށް އެ މައްސަލާގައި ތުހުމަތުވެގެން ރިޕޯޓްގައި ނަން ޖަހާފައިވާ "ނުރައްކާތެރި" ފަރާތެއްގެ އަތަށް އެ ރިޕޯޓް އަރައިފި ނަމަ، ސިއްރު ހެކިވެރިންނަކީ ކޮން ބައެއްކަން ދެނެގަންނަން އުނދަގުލެއް ނުވާނެ އެވެ. ދައުވާ ކުރެވުނަސް، އެ ގަތުލުގެ ކަންކަން ސާބިތު ކުރެވެން އޮތީ ސިއްރު ހެކިން ދޭ ހެކިބަހެއްގެ މައްޗަށް ބިނާކޮށްފަ އެވެ. އެކަމަކު، މިހާވަރަށް ކަންކަން ތިލަވެއްޖެ ނަމަ، ނުރައްކާތެރި ދެ ޓެރަރިސްޓް ޖަމާއަތް ކަމަށްވާ، އަލްގައިދާ އާއި އައިއެސްއާ ގުޅިފައިވާ ބަޔަކު ހިންގާފައިވާ ކަމަށް ބުނާ މި ބޮޑު ލާއިންސާނީ ޖަރީމާގެ ވާހަކަތައް އެކަކަށް ވެސް ކިޔައިދޭން ކެރޭނެ ހެއްޔެވެ؟

އަދި ރިޕޯޓްގައި މުޅިންހެން ވެސް އޮތީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު ހިންގާފައިވާ ބިރުވެރި ކަންތައްތަކެއްގެ ވާހަކަ އެވެ. އެ ރިޕޯޓް ނުކުތުމާއި އެ ރިޕޯޓަށް މައުލޫމާތު ދިނީ ކޮން ބައެއްކަން އެ މީހުން ހޯދަން މަސައްކަތް ކުރާނެ އެވެ. އެ ހިސާބުން އެ މައުލޫމާތު ދިން ބަޔަކަށް އެ ކުރިމަތިވަނީ، ބޮޑު ނުރައްކަލެކެވެ.

ރިޕޯޓް ވީހާވެސް ބޮޑަށް ހާމަކުރަން އެއްބަޔަކު ބާރު އަޅާއިރު، އެ މައްސަލައަށް އިންސާފު ލިބެން އޮތް ހަމައެކަނި މަގަކީ، ތުހުމަތުވާ މީހުންނަށް އަދަބު ދިނުމެވެ. އެކަން ކުރެވެން އޮތީ ޝަރުއީ ދާއިރާގެ ތެރެއިން އެވެ. އެކަމަކު ހެކިންގެ މައުލޫމާތު ހާމަވެ، ހެކިންތަކެއް ދައުލަތަށް ބީވެއްޖެ ނަމަ، އެކަން ކުރެވޭނެ މަގު ދެން އެ ބަންދުވީ އެވެ.

މީގެ އިތުރުން ދެން އަދި ކުރިމަތިވާ އެހެން ސުވާލެއް ވެސް އެބަ އޮތެވެ. ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަރުވައި، އެ ރިޕޯޓް ބަހައި އެކަން ނިމުނު އިރު، ކޮމިޝަނުން ރައީސް ސޯލިހުއަށް ރިޕޯޓް އެރުވި ކަމަށް އަދި ހާމައެއް ނުކުރެ އެވެ.

އާންމު އުސޫލުގައި، ރައީސް އުފައްދަވާ ރިޔާސީ ކޮމިޝަނެއްގެ ރިޕޯޓް އެންމެ ފުރަތަމަ އަރުވަން ވާނީ ރައީސަށް ނޫންތޯ އެވެ؟ މަރު ކޮމިޝަނުން އެކަން އެ މަގުން ނުކުރުމުގެ ނިޔަތާ ދޭތެރޭ ސުވާލު އުފެދެ އެވެ.

ރިޕޯޓްގައި ދީނީ ހަރުކަށި ބައެއްގެ މައްޗަށާއި ފުލުހުންގެ އިހުމާލުތައް ވަރަށް ސާފުކޮށް ލިޔެފައިވާ އިރު އެ ރިޕޯޓް ކުއްލިއަކަށް އާންމުވުމުން މުޖުތަމައުގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބުނެ ކަންބޮޑުވާ ބަޔަކު ވެސް އެބަ ތިއްބެވެ. ރިޕޯޓުން ވެސް ސާފުކޮށްދޭ މަންޒަރަކީ ހަރުކަށި ފިކުރުތަކުގެ މީހުންނަކީ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ބައެއް ކަމެވެ.

ރިޕޯޓް އާންމުވުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓަސް އަނެއް ބަޔަކު ބޭނުން ވަނީ އެ މައްސަލައިގެ ރިޕޯޓް އިތުރަށް ހާމަކޮށް މުޅި މައްސަލައިގެ ބިތުފަންގި ނަގާށެވެ. އެކަމަކު، ހައްސާސީ މައްސަލައެއްގައި ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ހާމަވެއްޖެ ނަމަ އިންސާފު ލިބިދާނެ ހެއްޔެވެ؟

ރިލްވާންގެ އާއިލާއަށް ވެސް އެންމެ މުހިންމީ އިންސާފެވެ. އެހެންވާ އިރު އެކަން ހާސިލް ކުރެވޭނީ ތަރުތީބުން ފިޔަވަޅުތަކެއް އަޅައިގެންކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ

ބަޔަކަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތުގައި އެންމެ ފަހު މަރުހަލާއަށް ނުދެވެނީސް އެ މައްސަލައިގެ ރިޕޯޓު ނީލަން ކިޔުއްވުން އެއީ ރިޔާސީ ކޮމިޝަނުން ހެއްދެވި ވަރަށް ބޮޑު ގޯހެކެވެ. އިންސާފު ހޯދައިދޭން އަވަސް ވެގަތަސް ގޯސް ނުހައްދަވާ ކުރިއަށް ގެންދަވާށެވެ. އަމާ ބުނީތީ ފަރަށްދާ އުޞޫލުން ކަންކަން ނުކުރައްވާށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...