ރިލްވާނުގެ މަރާއި ގުޅޭ ރިޕޯޓް މެމްބަރުންނަށް ދިނުމަކީ މަރު ކޮމިޝަނުން ހެދި ގޯހެއް: ފާއިޒް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް، ރަައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަކީ އެ ކޮމިޝަނުން ހެދި ގޯހެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު، އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.

ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓް ވަނީ ރައީސަށް ވެސް އަރުވާފައެވެ. އަދި އެ ރިޕޯޓުގައި ހުރި ބައެއް މައުލޫމާތުތައް ކޮމިޝަންގެ ރައީސް ހުސްނުއްސުދޫ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި، ހާމަކުރައްވާފައެވެ.

ރިލްވާންގެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއް މީހުންގެ ނަންތައް ހާމަކުރެއްވި ނަމަވެސް މުޅި ތަހުގީގު އަދި ނުނިމޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ރިޔާސީ ކޮމިޝަނުން އެ ރިޕޯޓް މަޖިލީހުގެ ރައީސަށް އެރުވުމުން އޭނާ ވަނީ މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެ ރިޕޯޓް އަރުވާފައެވެ. ނަމަވެސް ކުއްލިއަކަށް އެ ރިޕޯޓް ވަނީ ޕީޖީ ލީޑަރުންގެ އަތުން އެ އަތުލާފައެވެ.

މާފުށީ ޖަލުގައި އީވާން ނަސީމާއި އިތުރު ގައިދީންތަކެއް މަރާލި ހާދިސާ ތަހުގީގުކުރަން، އޭރުގެ ރައީސް މައުމޫން އުފެއްދެވި ރިޔާސީ ކޮމިޝަންގައި މަސައްކަތް ކުރެއްވި ފާއިޒް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ޓެރަރިސްޓް ޖަމާއަތްތަކަކަށް ނިސްބަތްވާ ތަހުގީގު ރިޕޯޓެއް އެގޮތަށް ހާމަކުރުމުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭނެކަމަށާއި އޭގެ ސަބަބުން ހެކި ނައްތާލުމުގެ ފުރުސަތު، ތުހުމަތުކުރެވޭ މީހުންނަށް ލިބޭނެ ކަމަށެވެ އަދި ޝަރީއަތުގައި ހެކިބަސް ދޭން ހެކިން ދެކޮޅުހެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ފާއިޒް ވިދާޅުވީ ތަހުގީގަށް މީހުން ހާޒިރު ކުރުމުގެ ބާރު ރިޔާސީ ކޮމިޝަނަށް ދީފައިވާއިރު އެކަން ނުކޮށް ތުހުމަތުކުރެވޭ މީހުންގެ ނަންތައް ހާމަކޮށްގެން ނުވާނެކަމަށާއި އެ ތަހުގީގު ފުރިހަމަވާނީ ތުހުމަތުކުރެވޭ މީހުންގެ ބަޔާންތައް ނެގުމުން ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓަކީ އެ ބޭފުޅުން ހޯއްދެވި މަޢުލޫމާތު ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޖޭޕީގެ ލީޑަރު ގާސިމް ވެސް ވަނީ ވިދާޅުވެފައެވެ.

މަރު ކޮމިޝަނުން އެ ރިޕޯޓް އާންމު ކުރުމާއި ގުޅިގެން ތަހުގީގީ ދާއިރާ އާއި ޝަރުއީ ދާއިރާގެ ގިނަ ބަޔަކު ނުނިމޭ ތަހުގީގެއްގައި ހިމެނޭ ބައެއްގެ ނަންތަކާއި ހެކިންގެ ތަފްސީލު ހިމެނޭ ޑްރާފްޓެއް ނަމަވެސް، ކަމާ ނުގުޅޭ ބައެއްގެ އަތަށް ލިބުން ކަންބޮޑުވުން ފާޅުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...