ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމަކީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއެޅުން: ޑރ.ޖަމީލް

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީގެ ދަށަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑީޖީއޭ ބަދަލު ކުރުމަކީ ޖުޑިޝަރީ އަށް ނުފޫޒު ފޯރުވާ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއެޅުން ކަަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ޖޭއެސްސީގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޞާލިހް ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.

ޑރޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލުވެގެންދާ ގޮތަށް ގާނޫނު ފާސްކޮށް، ތަސްދީޤުކުރުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެއީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއެޅި، ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއްގެ ގޮތުގައި ޖަމީލު ސިފަކުރެއްވިއެވެ. އަދި ދިވެހި ޖުމްހޫރިއްޔާގެ ފެހި ޤާނޫނުއަސާސީގެ 7 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެންމެހާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމް ނެތިގެން ހިނގައްޖެ ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހް ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާއިންނެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު ތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތަކަށާއި، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް ޢައްޔަންކޮށް ވަކިކުރުމާއި، ކޮމިޝަނުގެ ޖަލްސާތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމާއި ބެހޭގޮތުންނާއި، ޖުޑީޝަލް އެކެޑަމީއާއި ބެހޭގޮތުންނާއި، ކޮމިޝަނުގެ ނުވަތަ ތަޙްޤީޤުކުރާ ކޮމިޓީގެ ބާރުތަކުގެ އިތުރުން މައްސަލަ ސާބިތުކުރުމުގައި ބެލޭނެ މިންގަނޑުތައް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...