އަބަދުވެސް ޙައްޤަށް ނަޞްރު ދެއްވާނެ!

ދިވެހިރާއްޖޭގައި މިހާރު އެންމެ ވައިގައި ހިފައިވާ އެއް ވާހަކައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ނޫސްވެރިޔަކު ގެއްލުނީ 2014 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 8 ވަނަ ދުވަހުއެވެ، އެއީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނެވެ.

މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަން ފުލުހުނަށް އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ 13 އޮގަސްޓް 2014 ވަނަ ދުވަހު 13:15 ހާއިރުއެވެ. ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދި ޚަބަރަކަށް އެ ޚަބަރު ވެގެން ދިޔައެވެ.

ރިޟްވާނު ހޯދުމުގެ މަސައްކަތް ވަގުތުން ފަށާ އެ މައްސަލަ ތަހުގީގުކުރަން ފެށިއެވެ. އަދި ރިޟްވާނު ހޯދުމުގެ މަސައްކަތް އެކަމަށްޓަކައި ޚާއްޞަ ޓީމެއް އެކުލަވާލައި ހޯދަން ޖެހޭ ހޯދުންތައް ހޯދަމުން ދިޔައެވެ. ބަލައި ފާސްކުރަންޖެހޭ ތަންތަން ބަލައި ފާސްކުރިއެވެ. ދިރާސާކުރަންޖެހޭ ސީސީޓީވީ ފުޓޭޖާއި އެހެނިހެން ތަކެތި ދިރާސާކުރިއެވެ. މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އޭނާ ހޯދުމަށާއި ފުރިހަމަ ތަޙުޤީޤެއް ކުރުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުންގެ ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން ދިޔައީ ކުރަމުންނެވެ.

ނަމަވެސް އެކަންކަމުގެ ތަފްޞީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެއީ އެފަދަ މަސައްކަތްތަކުގެ ތަފްޞީލްތަކަކީ އެފަދަ ނާޒުކު މައްސަލައެއްގައި ރައްޔިތުންނާ ޙިއްސާކުރެވޭނެ މަޢުލޫމާތުތަކެއް ނުވުމުންނެވެ.

އެހެންނަމަވެސް މިމަސައްކަތުގެ ޙަޤީޤަތެއް އަދި ބޮޑު ކުޑަމިނެއް ބެލުމެއްނެތި ސިޔާސީ ބައެއް ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން ފުލުހުންގެ މަސައްކަތާދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދޭގޮތަށް މަޢުލޫމާތު ފަތުރައި ވާހަކަދައްކާފައިވެއެވެ.

އެގޮތުން ވީނުވީތަނެއް ނޭނގި ގެއްލިފައިވާ ރިޟްވާނުގެ މައްސަލައާއި ގުޅުވައިގެން ރައްޔިތުން ކަންބޮޑުވުން އުފެދޭގޮތަށް އެ މައްސަލަ ސިޔާސީ ކުރުމަށް ބައެއް ސިޔާސީ ޕާޓީތަކުންނާ އެގޮތަށް މަސައްކަތްކުރާ މީޑިއާތަކުންވެސް މަސައްކަތްކޮށްފައިވެއެވެ.

އެގޮތުން އޭރުގެ ސަރުކާރުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ އިސްތަށިފުޅުގައި އެކަން އަޅުވަން މަސައްކަތްކުރިއެވެ. އެގޮތުން މިކަމުގައި ކުރީގައި ރައީސް އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އަތެއް ވާކަން ދެއްކުމަށް އޭރުގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވަރަށް މަސައްކަތް ކުރެއްވިއެވެ.

އަދި އެކަމުގައި ކަން ހިނގާ ދިޔަ ގޮތާ މެދު ރައީސް ޔާމީން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭ ކަމަށް ބުނަމުން ދިޔައެވެ. އަދި ރިޟްވާނުގެ މައްސަލަގައި އަދި ރިޟްވާންގެ ތަހުގީގަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި "މޮޔަމީހާ"ގެ ނަން ބޭނުންކުރަމުންދާ، މިނިވަން ނޫހުގެ ނޫސްވެރިޔާ މ.ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ (28އ) ގެއްލުމަކީ އެތައް ބަޔަކަށް ލިބުނު ސިހުމެކެވެ. އޭނާއަށް ވީނުވީ ގޮތެއް ނޭނގި ދުވަސްތައް ފާއިތުވަމުން ދިއުމަކީ އަދި މާ ކަންބޮޑުވުން އިތުރުވާ ކަމެކެވެ.

ނަމަވެސް ކޮންމެ ކަމެއް ސިޔާސީ ކުރުމަކީ އެއީ އަދި އެންމެ ރަގަޅުގޮތެއް ނޫނެވެ. ޚާއްޞަކޮށް ގެއްލިފައިވާ މީހެއް ނުވަތަ މަރުވެފައިވާ މީހެއްގެ ވާހަކައެވެ. ކޮންމެ އަކަސް އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ރައީސް ޔާމީންގެ އަގު ވައްޓާލުމަށްޓަކައި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުން އައި ތުހުމަތުތަކަކީ އެއްވެސް ޙަގީގަތެއްނެތްކަމެއްކަން ހާމަވެގެން މިދަނީ ހަަމ އެއްކަލަ ތުހުމަތުގެ އިނގިލި ދިއްކުރެއްވި ބޭފުޅުންގެ ވެރިކަމެއްގައެވެ.

އެގޮތުން ގޮތް ނޭނގޭ މަރުތަކާ ވީނުވީ ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމު މުހައްމަދު ޞޯލިހު އުފެއްދެވި ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ހުސްނުއް ސުޢޫދު ވިދާޅުވެފައިވަނީ ރައީސް ޔާމީނާ މި މައްސަލަ އާ ގުޅުމެއް ވާކަމަށް ތަހުގީގުތަކަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަވެރިކަމާއެވެ. އެ ބަޔަކު އެމީކަށް ތުހުނމަތުގެ އިނގި ދިއްކުރި މީހާއަކީ މައުސޫމު މީހެއްކަން ފެނިހާމަ ވެގެން މިދަނީ އެ އިނގިލިތައް ދިއްކުރި މީހުންގެ ވެރިކަމުގައެވެ. މިވަރުންވެސް އިބުރަތަކަށް ނުވޭތޯއެވެ؟

އަހްމަދު ރިޟުވާން ގެއްލުނުތާ 600 ދުވަސްފުރުމުން 03 އޭޕްރީލް 2016 ގައި އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި، އަޙްމަދު ރިޟްވާންގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމިނާ ނޫސްވެރިއަކު ސުވާލުދެންނެވުމުން އަޙްމަދު ރިޟްވާންގެ އާއިލާއަށް ޙަމްދަރުދީގެ ބަސްފުޅެއް ވިދާޅުވުމެއް ވެސް ނެތި، ފަރުވާކުޑަ ޖަވާބެއްދެއްވާފައިވާކަމަށް ވަނީ އަދި އެ މައްސަލަ ތަޙްޤީޤުކޮށްދެއްވާނޭކަމުގެ އެއްވެސް ޔަޤީންކަމެއް ރައީސް ޢަބްދުﷲ ޔާމިން އޭރުވެސް ދެއްވާފައިނުވާކަމުގެ ތުހުމަތުތަކެއް ކޮށްފައިވެއެވެ.

ނަމަވެސް އެބުނާ ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅޫވީ ﷲގެ ރަހުމަތްފުޅާއެކު އަދި ފެންނާނެކަމަށެވެ. ކަމެއްގައި ޔަގީންކަން އެރުވޭނީ ﷲގެ ރަހުމަތްފުޅާ އެކުކަން މަގުމަތީ ޕާޓީ ކުދިންނަށް ނޭނގެނީ ކަން ނޭނގެއެވެ.

ރައީސް ޔާމީން ރިޟްވާނު ގެއްލުނު މައްސަލައިގެ ތަހުގީގަށް ހުރަސް އަޅުއްވާކަމުގެ ތުހުމަތުތައް އެ މައްސަލަ ހުށަހެޅުނުއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ރިޓަޔާޑް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ދޮގުކުރައްވާފައެވެ.

އެގޮތުން 2018 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ސީޕީ ހުސެއިން ވަހީދު ޗެނެލް13 އށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ، ނޫސްވެރިޔާ އަހުމަދު ރިޟްވާން ހޯދަން ފުލުހުންނަށް އެންމެ ބޮޑަށް ބާރު އެޅުއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

ހުސައިން ވަހީދު ވިދާޅުވީ ދުވަހުން ދުވަހަށް ރިޟްވާން ގެ މައްސަލައާއި ގުޅޭ މައޫލޫމާތު އޮޅުން ފިލުވާ ސަރުކާރުގެ ތެރެއިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ފަސޭހަ ގޮތްތައް ރައީސް ޔާމީން ފަހިކޮށްދެއްވި ކަމަށެވެ. މީގެ އިތުރުން ރިޟްވާން މައްސަލަ ލުއިގޮތަކަށް ބަލަން އަންގާފައި ނުވާކަން ވެސް ސީޕީ ހުސެއިން ވަހީދު އޭރު ފާހަގަކުރައްވާފައިވެއެވެ.

ކަން މިހެން ހުރި އިރު މިއަދު ފެނި ހާމަވަމުން މިދަނީ އެއީ ތެދު ހަގީގަތް ކަމެވެ. ރައީސް ޔާމިންއަކީ އިންސެންޓު ބޭފުޅެއްކަން ހާމަވަމުން މިދަނީވެސް އެމަނިކުފާނަށް ތުހުމަތުތައް ކުރެއްވި ބޭފުޅުންގެ ވެރިކަމުގައެވެ. ދެން ބުނެފާނެއެވެ.

އަދީބުގެ އަތެއް ވާ ވާހަކައެވެ. ނަމަވެސް އަދީބު ކުރި ކަމަކުން ރައީސް ޔާމިން ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާން ޖެހޭ އެއްވެސް އަޞާޞުއެއް ނެތެވެ. އެހެން މީހަކު ކުރިކަމެއްގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހިވަޑައިގަންނަވަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެއެވެ.

ކޮންމެ އަކަސް ރައީސް ޔާމީންއަކީ ތުހުމަތުތަކެއް އެމަނިކުފާނަށް ކުރެވި އަދި ކުރަމުން ބަޔަކު ގެންދަނިކޮށް މި ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެން ޤައުމު ނަގާ ކޮޅަށް ޖެއްސެވި ވެރިއެކެވެ. މި ޤައުމު ދުށް ދޮންބަޑާރައިންނެކެވެ. މިޤައުމުގެ ފަހުގެ ތާރީޚުގެ ބޮޑު ރަސްގެފާނެކެވެ.

މީހެއްގެ މައްޗަށް ބަޔަކު އަދި ކިތަންމެ ތުހުމަތުތަކެއް ކުރި ނަމަވެސް އަބަދުވެސް ހަނދާން ބަހައްޓަންވީ ހައްޤަށް ނަސްރުދެއްވާނެ ކަމެވެ. އިންޝާﷲ ކުރިއަށް ވެސް އޮތީ ހަމަ އެފަދަ ދުވަސްތަކެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...