ރައީސް ޔާމީންގެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރ މައްސަލައިގެ ދައުވާގައި، އިތުރަށް ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން މާދަމާ 10:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް އާސިފް ވަނީ އެކަން ޔަގީންކޮށްދެއްވާފައެވެ. އެގޮތުން މާދަމާ ހެނދުނު 10:30 ގައި ކްރިމިިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އިތުރަށް ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ. އަދި މިއީ މި މައްސަލައިގެ ހެކި ބަސް ނެގުމަށް ބާއްވާ ތިންވަނަ އަޑުއެހުމެވެ.

މި މައްސަލައިގައި މިދިޔަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހާއި 22 ވަނަ ދުވަހު ވެސް ވަނީ ހެކިބަސް ނެގުމަށް ދެ އަޑު އެހުން ބާއްވާފައެވެ. އެގޮތުން ފަހުން ބޭއްވި އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ވަނީ ނަގާފައެެވެ.

މި މައްސަލައިގާ ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހެޅި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މުހައްމަދު ވަސީމް އިސްމާއިލް އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ހެކިބަސް މިހާތަނަށް ނަގާފައެއް ނުވެއެވެ. އެބޭފުޅުން ރާއްޖެއިން ބޭރުގައި ތިއްބެވިއިރު އޭގެ ތެރެއިން ހަސަން ލުތުފީ ވަނީ ހެކި ބަސް ނުދެއްވާނެ ކަަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން އެމަނިކުފާނުގެ ނަންފުޅުގައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައިގައެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ޝަރީއަތަށް ސާބިތުވެ ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ހެކިވެރިންގެ ގޮތުގައި ބޭނުން ކުރާތީ ގާނޫނީ ވަކީލުންނާއި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ކޯޓުގައި ހެކި ބަސް ދެމުން ގާނޫނާއި ޚިލާފް ކަންތައްތަކެއް ކުރެއްވި ކަމަށް ވިދާޅުވުމުން ސަރުކާރުން މި މައްސަލައިގެ ދައުވާ ކުރުމުގެ ބޭނުމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...