ރިލްވާންގެ މަރާއި ރައީސް ޔާމީން އާއި އެއްވެސް ގުޅުމެއް ނެތް: ސުއޫދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި މަރާލުމުގައި ކުރީގެ ރައީސް ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސް ޞާލިޙް އުފައްދަވާފައިވާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ ރިލްވާން އާއި ބެހޭގޮތުން އެ ކޮމިޝަނަށް މިހާތަނަށް ހޯދުނު ހޯދުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސުއޫދު ވިދާޅުވީ ރިލްވާން ވަގަށް ނަަގައިގެން ގޮސް މަރާލާފައިވާ ކަމަށާއި އެކަން ކުރީ ރާއްޖޭގައި އޮންނަ އަލްޤައިދާގެ ގޮތްޕަކުން ކަމަށެވެ. އަދި އެކަން ކުރި މީހުން ދެނެގަނެވިފައިވާ ކަމަށާއި އެމީހުންގެ މައްޗަށް ކުށް ސާބިތުވެސް ކުރެވޭނެކަމަށެވެ. އަދި އެ ކަމުގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ.

ސުއޫދު މިހެން ވިދާޅުވިއިރު ރިލްވާން ގެއްލުވާލީ ރައީސް ޔާމީންގެ އޯޑަރަށްކަމަށް އެމްޑީޕީގެ އިސްފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެކަން ކުރީ ރިލްވާން އަތުގައި ގިނަ ސިއްރުތަކެއް އެކުލެވޭ ޕެންޑްރައިވެއް އޮތުމުން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އަޑު ފަތުރާފައެވެ.

ނަމަވެސް ރައީސް ޞާލިޙް އުފެއްދެވި މަރު ކޮމިޝަނުން ހާމަ ކުރި މައުލޫމާތަށް ބަލާއިރު ރިލްވާންގެ މަރުގެ މައްސަލައިގާ ރައީސް ޔާމީންގެ އެއްވެސް ޝާމިލުވުމެއް ނެތްކަން ވަނީ ހާމަވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...