އެމްޑީޕީން ސަޕޯޓަރުންދިނީ ފެނު ކައްކާ ބޮލީގެ އިއްޒަތް!

އިންތިޚާބެއް ކާމިޔާބު ކުރުމަށް އެންމެ މުހިއްމު އެއްޗަކީ ރައްޔިތުންގެ ވޯޓުކަމީ ޝައްކެތްއޮތް ކަމެއް ނޫނެވެ. އަދި އެރައްޔިތުންނަކީ އެ ބަޔަކު ތާއީދުކުރާ ޕާޓީތަކަށް ނުހަނު ބޮޑެތި ޤުރުބާނީތައް ވެގެން އިންތިޚާބުތައް ޕާޓީއަށް ކާމިޔާބުކޮށްދޭން ޖާނާ މާލުން މަސައްކަތް ކުރާ ބައެކެވެ.

ޕާޓީއަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި ޤައުމުގައި އެ ބަޔަކު ތާއީދުކުރާ ޕާޓީން ވެރިކަންކޮށްފި ނަމަ އެމީހުންނަށް ކުރާނެ ފައިދާ އާ މަންފާއަށް ވެސް ވިސްނާފައެވެ.

އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ރެޔާ ދުވާލު ރަތްދަކަ އަވީގަ އާ ވެހޭ ވާރޭގެ ތެރޭގައި އަދި ރޭގަނޑުގެ ފުރަމެންދަމުގައިވެސް އަރާމު ނިދި ނަގާލާ އެރައްޔިތުން ކުރާ އަދި ކޮށްފައިވާ މަސައްކަތަކީ އެއީ އަގު ވަޒަން ކުރަން ޖެހޭ ކަންކަމެވެ.

މުޒާހަރާތަކަށް އެމީހުން ނެރެ ފުލުހުންނާ ކުރިމަތި ލައްވާ ފުލުހުންނާ ތަޅާނެ ކުދިން އަދި ހޯދިޔަސް ކަމަކު ނުދާނެއެވެ.


ޤައުމުގެ ބޮޑެތި ނިންމުންތައް ނިންމުމުގައި އެމީހުން ކައިރިއަށް ދާން މިޖެހެނީ ސިޔާސީ ބޭފުޅުންނެވެ. އެހެނީ އެއިން އެންމެ ރައްޔިތެއްގެ ވޯޓަކީވެސް މުހިއްމު އެއްޗަކަށް ވުމުންނެވެ.

ނަމަވެސް މިހާރު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން އިން އަމަލު ކުރަނީ މުޅިން ތަފާތު ކޮށެވެ. އެ ޕާޓީގެ ވެރިންނަށް ރައްޔިތުން ފެންނަނީ އަދި މުހިއްމުވަނީ ވެސް ވޯޓެއް ނުވަތަ އިންތިޚާބެއް ކައިރިވުމުންނެވެ.

އިންތިޚާބުތައް ކައިރި ވީ ވީހެން ރައްޔިތުންނަށް ދައްކާ ހުވަފެންތައް އެމްޑީޕީން ގިނަ ކުރެއެވެ. އަދި ދެ ލޯބިވެރިން ލޯބީގެ ފުރަތަމަ ކޮޅު ބާލާވަރަށް ވުރެ ދެގުނަ އިތުރަށް ރައްޔިތުންނަށް ތަރިރު ހަނދު އެމްޑިޕީން ބާލާ ދޭނެއެވެ. ކުރާ ހުވާތަކާ ވައުދުތައް އަމުނާ ގަތާލާއިރު އެއަޔަށް އަޅާނެ އިތުރު ދޯބުރާއްޏެއް ނުހުންނާނެއެވެ.

ނަމަވެސް އިންތިޚާބުތައް ނިމުމާ އެކު އެ ޕާޓީގެ ވެރިން ރައްޔިތުން މަތިން ހަނދާން ނެތި އަމިއްލަ ފައިދާއަށް މަސައްކަތް ކުރަން ފަށައެވެ. އެގޮތުން ބަލާއިރު އެމްޑީޕީން އަބަދުވެސް އިންތިޚާބުތަކާ ކައިރީ ވީ ވީހެން އައްޑޫ ސިޓީއަށް ކުރާ ދަތުރުތައް ގިނަވެ އެ ސިޓީގެ ރައްޔިތުންނަށް ކުރާ ތައުރީފުގެ ހުޝާމަދުތައް ގިނަވެގެންދެއެވެ. ނަމަވެސް އިންތިޚަބުތައް ނިމުމާއެކު އެ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ދިދަ ދަނޑިއަކަށް ބަދަލުވެގެން ގޮސްފިއެވެ.

އަދި ރައްޔިތުން ލައްވާ ކުރުވި ޤާނޫނާ ޤަވާއިދާ ޚިލާފުކަންކަމުގެ ސަބަބުން ޖަލުގައި ދުވަސްތައް ގުނަން ޖެހިފައި ތިބި އެމްޑިޕީގެ އެކްޓިވިސްޓުންގެ އާއިލާތަކުގެ ޙާލަތަކީ އަދި މިވަރުން ދަނީ ނަމަ ކޮބައިބާއެވެ؟

އަދި ޕެޕާ ސްޕްރޭ ފަދަ ބާރުގަދަ ކެމިކަލްތަކުގެ އަސަރުކޮށް ދާއިމަށް އެކަމުގެ ސަބަބުން ބޭސްކުރަން ޖެހިފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. ނަމަވެސް ޕާޓިގެ ރޫހާނީ ލީޑަރޯ ކިޔާ މީހަކު ބުނަމުން މިދަނީ ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށްވެސް ކޮންމެވެސް ކަމެއް އޮންނަން ވާނެ ކަން ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ސަރުކާރުން ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެ ހުރިހާ އެންމެނަށް ވަޒީފާ ނުދެވޭނެ ކަމަށެވެ.

ނަމަވެސް އަޅުގަޑަށް ލަދުހުތުރީ ކަންކަމަށް އެދި ދާ ރައްޔިތުން މީހާގެ އާދޭސްތަކެއް ނޫނެވެ. އަޅުގަޑަށް ލަދުހުތުރީ ކަންކަން ކޮށްދޭނެ ކަމަށް ވައުދުވެ އައި މީހުންނަށް ކަމެއްކޮށް ނުދެވުމުންނެވެ.

ރައްޔިތުންނަށް ވީ ވައުދު ކަދުރު ރުކަކަށް އެރި މީހާގެ ނަދުރަށް ވެއްޖެއެވެ. މަސްވެރިންނަށް ވި ވައުދު ކަނޑުގައި އެޅި ރޮގަކަށް ވެއްޖެއެވެ. ބިނދެ ނިންމާލީ ފެންނެތް ބޮޑެތި ކާށިތަކެކެވެ. އެންމެ ގާތުގައި މަސައްކަތް ކުރި ނިކަމެތި ރައްޔިތުންނަށް ދެއްކީ އަވާ މެންދުރެވެ.

ކަންކަން ކޮށް ނުދިނުމުން ރައްޔިތުން އެކަމުގެ ޝަކުވާ ކުރީމާ ދެން އެއީ ލަދު ހުތުރުކަންކަމުގެ ގޮތުގައި ސިފަކުރާއިރު، ޕާޓީގެ ނިކަމެތި މެމްބަރުން ކަންކަމަށް އެދި ޕާޓީގެ އިސްވެރިން އަރިހަށް ދިއުމުން ތިޔަ ބޭފުލުން އެ ފަދަ ކަންކަން ބޮލާލާ ޖެހި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

މިއީ އަމިއްލަ ތަޖުރިބާއެވެ. ލޯބިވާ ބައްޕަ ކެންސަރަށް ޕޮޒިޓިވްވެ އޭރު ރާއްޖެއިން ކެންސަރަށް ފަރުވާ ކުރެވެން ނެތުމާ އަދި އޭރު މަދަނަ އެއްވެސް އާސަންދަ ފަދަ އެއްވެސް ހެލްތު ސްކީމެއްވެސް ތަޢާރަފުވެފައި ނެތުމުން ރާއްޖެއިން ބޭރަށް ދާން އެކި ފަރާތްތަކުގެ އެހީއަށް ޚުދު ބައްޕަ އަމިއްލައަށް ގޮސް އެދުނެވެ.

ތިޔަ ޕާޓީ ނޫނިއްޔާ ބައި ލޯ ލާރިއެއްވެސް ދިއްކޮށްނުލާ ބަޔަކު މި އުޑު ބަޅު ކުރެއްވި ހިސާބުގައިވެސް ނެތެވެ. އެމްޑީޕީއަށް ނަންލީ ބޭފުޅަކަށްވެސް ބައްޕަގެ މަރު ބަލީގައި ޒިޔާރަތެއްކޮށްލީ މިލަންދޫ ދާއިރާގެ މިހާރުގެ މެމްބަރު އަލީ ރިޒާ ނޫނިއްޔާ ނެތެވެ.

ނަމަވެސް ބައްޕައަކީ އެމްޑީޕީގެ މުޒާހަރާތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި އެކަކެވެ. އެހެންކަމުން ލަދު ހުތުރުކަންކަން އޮޅޭ ހިސާބަށް ގޮއްސި ނޫންތޯއެވެ

30.2 ބިލިއަނުގެ ބަޖެޓެއް ހުސްވިއިރު، ހަތަރު ޕާޓީ ހިމެނޭ ބޮޑު ކޯލިޝަނަކުން ވެރިކަން ކުރަމުން އަންނަ ބޮޑު ބިޔަ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދެއްވުނު އެއްވެސް ކަމެއް ހަރާމުން ހަރާމެވެ. މިއީ ލަދު ހުތުރު ކަމަކަށް އަލެ ފަހެ ނުވޭތޯ ކްލާސް ޓީޗަރު އަރިހުން ބޭފުޅަކު ސުވާލުކޮށްލައްވަ ބައްލަވާށެވެ.

ފާސްކުރި ސަޕްލިމަންޓްރީ ބަޖެޓުގައި ތަރައްޤީގެ މަޝްރޫއުތަކަށް ނުވަތަ ޕީއެސްއައިޕީއަށް ޚަރަދުކުރަން އެ ބަޖެޓުގެ 29 އިން ސައްތަ ކަނޑަ އެޅުމަކީ ވެސް ލަދު ހުތުރު ކަންކަމެވެ.

ރައްޔިތުމީހާ ކައިރިން ޕާޓީން ބޭނުންވާ ކަންކަން ހާޞިލުވުމުން އަދި ނިމުނީއެއް ނޫނެވެ. ރައްޔިތު މީހާގެ ހައްގު އަދި މާ ބޮޑެވެ. ނަމަވެސް ފެންނަމުން މިދަނީ ފެނު ކައްކާ ބޮލީގެ އިއްޒަތް އެ ރައްޔިތުންނަށް އެމްޑީޕީން ދެމުން ގެންދާ މަންޒަރެވެ.

1988 ނޮވެމްބަރު ތިނެއްގައި ނިވާ ފަތްގަޑެއްގެ ގޮތުގައި ދިވހެިން ބޭނުންކުރިހެން ރައްޔިތުން ބޭނުންކޯށްލީއެވެ. އިނގިރޭސި ބަހުން ބުނާ ނަމަ ޔޫސްޑް ކޮށްލީއެވެ. ބޭނުންކޮށްލަންވީމާ ނަގާ ޕޮލިޝްކޮށްލާފައި ބޭނުން ކެނޑުނީމާ ނަގާ އަށިދަށަށް ލާ އުޞޫލުންނެވެ.

އެހެންކަމުން ދިވަހި ލޮބުވެތި ރައްޔިތުން ވަރަސް ވިސްނަން ޖެހެއެވެ. އަނެއްކާވެސް އިންތިޚާބެއް ބޯ މަތިވަމުން އެބަ އާދެއެވެ. މިފަހަރު ރައްޔިތުންނަށް ބާލާ ދޭނީ ދުނިޔެ ހިމެނޭ ސުރޫދަ ނިޒާމުގައި ހުރި ގުރަހަތައް ކަންވެސް ނޭނގެއެވެ.

ނަމަވެސް ރައްޔިތުން ހަނދާން ބަހައްޓަންވި ކަމަކީ މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެ ފަހަރު ކަށި ނުޖެހޭނެ ކަމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...