އެމްޑީޕީ އެންމެންނަށް ވަޒީފާ ނުދެވޭނެ ކަމަށް ބުނެވުނީތީ މަޢާފަށް އެދެން - ނަޝީދު

އެމްޑީޕީގެ ހުރިހާ މެމްމަބަރުންނަށް ވަޒީފާ ނުދެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުގެ ސަބަބުން އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން ނަޝީދު މައާފަށް އެދި ވަޑައިގެންފިއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ވަނީ ވަރަށް ބޮޑަށް އޮޅިފައި ކަމަށެވެ. އެގޮތުން އެ މަނިކުފާނުގެ ވާހަކަފުޅާމެދު އޮޅުން އަރާނަމަ މައާފަށް އެދިލައްވާ ކަމަށެވެ.

އެމްޑީޕީގެ މެމްބަރުންގެ ފާޑު ކިޔުންތަކާއި ގުޅިގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅު އޮޅިފައިވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ސަރުކާރުން ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެ ހުރިހާ އެންމެނަށް ވަޒީފާ ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިން ބައެއް މީހުން ހާލުގައި ޖެހި މަގުމަތިވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ، ނަޝީދު ވިދާޅުވީ، ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށްވެސް ކޮންމެވެސް ކަމެއް އޮންނަން ވާނެ ކަން ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ، އެމްޑީޕީގެ މުޒާހަރާތަކުގައި މީގެ ކުރިން އެ ޕާޓީގެ "ފްލެގްމޭން"ގެ ގޮތުގައި މަސައްކަތްކުރި މީހަކު އަޅާލާނެ މީހަކު ނެތި ސަލާންޖަހަން މާރުކޭޓް ސަރަހައްދުގައި އިންނަ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވުމާއި ގުޅިގެންނެވެ.

ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ވަރަށް ސީނިއާ ބޭފުޅުންނާއި އާންމު މެމްބަރުން ވަނީ ނަޝީދާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެފަރާތްތަކުން ވަނީ ވެރިކަން ލިބުމުން ޕާޓީއަށް ޚިދުމަތް ކުރި މީހުން ސަރުކާރުން މަގުމަތިކޮށްފައިވާ ކަމަށް ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...