ރޭސް ޖަހަނިކޮށް ހިނގި އެކްސިޑެންޓެއްގައި މަޝްހޫރު އެންތޮނީ ހަބާޓް މަރުވެއްޖެ

ބެލްޖިއަމްގެ ރޭސިން ޓްރެކެއްގައި ކުރިޔަށްދިޔަ ފޯމިއުލާ 2 ގެ ރޭހެއް ތެރެއިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، މަޝްހޫރު ޑްރައިވަރު އެންތޮނީ ހަބާޓް މަރުވެއްޖެއެވެ.

ފްރާންސަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ރޭސިންގް ޑްރައިވަރު، އެންތޮނީ މަރުވީ ރޭހުގެ ދެވަނަ ލެޕުގައި ގަޑިއަކު 250 ކިލޯމީޓަރު ބާރުމިނުގައި ދުއްވާފައި ދަނިކޮށް އޭނާ ދުއްވަން އިން ކާރު، ރޭހުގެ އެހެން ބައިވެރިއެއް ކަމަށްވާ ޖުއާން މަނުއެލް ކޮރެއާ ދުއްވަން އިން ކާރުގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައެވެ.

އޭނާ މަރުވެފައި ވަނީ މި ހާދިސާގައި ލިބުނު އަނިޔާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާ ދުއްވާފައި ދިޔަ ކާރު ޖެހި އެކްސިޑެންޓުވި ކާރުގައި ހުރި ކޮރެއާ އަށްވެސް މި އެކްސިޑެންޓުގައި ވަނީ އަނިޔާވެފައެވެ.

ސިއްހީ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ކޮރެއާއަށް ލިބުނު އަނިޔާގެ ތަފްސީލް ހާމަކޮށްފައެއް ނުވއެވެ.

މި ހާދިސާ އާއި ގުޅިގެން މުބާރާތް މެދުކަނޑާލި ނަމަވެސް ފަހުގެ ތާރީޚެއްގައި އަލުން މުބާރާތް ބާއްވާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ. އަދި މި ހާދިސާގެ ތަހުޤީޤެއް ކުރިޔަށްދާއިރު، އެންތޮނީ މަރުވުމުމާއި ގުޅިގެން ރޭސިންގް އަށް ލޯބިކުރާ ގިނަ ބަޔަކާއި، ގިނަ ޑްރައިވަރުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

މި އެކްސިޑެންޓު ހިނގި ޓްރެކަކީ 1960 ވަނަ އަހަރުވެސް ނުރައްކާތެރި ބޮޑު އެކްސިޑެންޓެއް ހިނގި ޓްރެކެކެވެ. އެފަހަރު އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ދެ ޑްރައިވަރުން ކަމަށްވާ ކްރިސް ބްރިސްޓޯ އާއި އެލެން ސްޓޭސީ ވަނީ މަރުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...