ބަލަންވީ މައްސަލަތައް ކިތަންމެހާ ވެސް ގިނަ!

ދިވެހިރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފްވެ މިހާ ހިސާބަށް އައިއިރު ސިޔާސީ މަޞްރަހުގައި ކުޅެފައި ހުރި ފިލުމުތައް ކިތަންމެ ވެސް ގިނައެވެ. ނަމަވެސް އޭގެ ތެރއިން ބައެއް ފިލުމުތަކުގެ ވާހަކަ ދައްކާ އޭގެ މައްސަލަ ބަލަން ނިންމުމަކީ އެންމެ އިންސާފުވެރި ގޮތްބާ އޭ ހަމަ ހިތަށް އަރައެވެ. އާދެ! އަޅުގަޑު މިހެން ދަންނަވާލީމާ ބައެއް ބޭފުޅުން ހިތްޕުޅަށް އަރާ ވަޑައިގެންފާނެ މި މަންޖެ މި ދައްކަނީ ކޮން ފިލްމެއްގެ ވާހަކަ އެއް ބާއެވެ. އަޅުގަޑު މި ދައްކަނީ ރާއްޖޭގެ ސިޔާސީ މަޞްރަހުގައި ކޮށްފައި ހުރި އެކި އެކި މުޒާހަރާ ތަކާ އަދި ހންގާފައި ހުރި އެކި ޖަރީމާތަކުގެ ވާހަކައެވެ.

މި ހާހިސާބުން އަނެއްކާ ވެސް ތިޔަ ބޭފުޅުން ހިތްޕުޅަށް އަރާ ވަޑައިގެންފާނެ ކީއްވެ ބާ އޭ މި މަންޖެ މި ވާހަކަ މި ދައްކަނީއެވެ. އާދެ އޭގެ ޖަވާބު އަޅުގަޑު މި ދެނީއެވެ. ހަތެއް ފެބްރުއަރީ 2012 ގައި ފުލުހުންނާއި ސިފައިން ދެއްކި ނުކިޔަމަންތެރިކަން ބަލަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު  މިވަނީ ވިދާޅުވެފައެވެ. ނަޝީދު މިހެން ވިދާޅުވެފައި އެމްޑީޕީ ޒުވާނުންގެ ކޮންގުރެސްގައި ވާހަކަ ދައްކަވަމުންނެވެ.

ފުލުހުންނާއި ސިފައިން ނުކިޔަމަންތެރިކަން ދައްކައި ހިނގި ހަމަނުޖެހުންތަކުގައި ނަޝީދުގެ ވެރިކަން “ބަޣާވާތަކުން” ވައްޓާލީ ކަމަށް ރައީސް ނަޝީދާއި އެމްޑީޕީން އަބަދުވެސް ތުހުމަތުކުރާއިރު، އޭރު އެމްޑީޕީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ އެދުވަހުގެ ވާހަކަތައް ދައްކައިގެން ގެއްލޭނީ ޤައުމުގެ މަޞްލަހަތު ކަމަށް ވިދާޅުވި މިއަދުގެ ހޯމް މިނިސްޓަރެވެ.

ހަތެއް ފެބްރުއަރީގެ “ބަޣާވާތް” އަލުން ތަހުގީގު ކުރައްވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވަންތޯ ބައިވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، އެދުވަހުގެ ކަންތައްތަކަކީ އަމުރެއް ނުކިޔަމަންތެރިވުން ކަމަށާއި އެކަން ނުބަލައިފިނަމަ އެއީ ނުރައްކަލެއް ކަމަށެވެ. އަދި އެއީ ދައުލަތަކަށް ރަނގަޅެއް ވާނެ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ. ކަންތައްތައް މިހާ ހިސާބަށް ދިއުމުން، ރާއްޖޭގައި ސިޔާސީ ޕާޓިތައް ތަޢާރަފުވިފަހުން ހިނގި މިފަދަ ހާދިސާތަކުގެ ތެރެއިން ހަމައެކަނި އެދުވަހު ފުލުހުން ނުކިޔަމަންތެރިވީ ސަބަބު ބަލާ ތަހުގީގުކުރަން މިއުޅެނީ ކީއްވެ ކަމާމެދު ސުވާލު އުފެދެއެވެ.

އެ ދުވަހު ފުލުހުންނާ ސިފައިން ނަޝީދުގެ އަމުރުތަކަށް ބޯ ނުލެނބި ސަބަބު ނަޝީދުއަށް އެނގިވަޑައި ނުގެންނެވި ނަމަވެސް ބޮލެކޭ ކިޔާފައި މީދާ ކޭ އޮނބެއް ނެތް ކޮންމެ މީހަކަށް އެނގޭނެއެވެ. އަދި އޭގެ ޖަވާބު އެ ދެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ މީގެ މާ ކުރިން ދެއްވާފައި ވެސް މެއެވެ. އެއީ ތަކުރާރުކޮށް އެ ބޭފުޅުންނަށް ޤާނޫނީ އިމުން ބޭރުން ކުރަމުން ގެންދިޔަ އަމުރުތަކާ ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުމަށް ދިން އޯދަރުތަކުގެ ސަބަބުންނެވެ. މީގައި ދެން ބަލާ ތަހުގިގު ކުރަންޏާ ކުރަން ޖެހޭނީ ނަޝިދު އެފަދަ އޯޑަރުތައް ދެއްވި ސަބަބެކެވެ.


ދެން އޮތް ކަމަކީ، ހަތެއް ފެބްރުއަރީގެ ކަންކަން ތަހުގީގު ކުރާ ކަމުގައި ވަނީ ނަމަ، އަށެއް ފެބްރުއަރީގައި ފުލުހުންގެ މުދަލަށާ އިމާރާތްތަކަށް އެމްޑީޕީ ސަޕޯޓަރުން ދިން 2 މިލިއަނު ރުފިޔާގެ ގެއްލުންވެސް ތަހުގީގުކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ބަލަން ޖެހޭނީއަކީ ހުސް އެކަނި ތިމާއަށް ފައިދާވާ ކަންކަމެއް ނޫނެވެ.

ހަތެއް ފެބްރުއަރީގައި ފުލުހުން ނުކިޔަމަންތެރިވީ ކަމަށް ބުނެ އެ މައްސަލަ ބަލަން ގޮވާލިއިރު، ވެރިކަމުގައި ހުންނެވިވެރިއަކު ހިބަރު ވަދެއް އެއްލައިގެން ވެރިކަމުން ދުރުކުރަން ކުރި މަސައްކަތް އަދި މާ ބޮޑަށް ތަހުގީގުކުރަން ޖެހެއެވެ. އަދި އެ މައްސަލައިގައި ހުކުމްކުރި މީހުންނާ މައްސަލައިގެ ތަހުގީގު ހިނގަމުން ދިޔަ މީސްމީހުން މިނިވަން ކުރި ސަރުކާރަކުގެ މައްސަލަވެސް ބަލަން ޖެހެއެވެ. ބަޣާވާތާ ދެކޮޅުކަމަށް ބުނާ ބަޔަކު ހިންގަން މަސައްކަތް ކުރި ބަޣާވާތަކީ ނުބަލާ ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ. އެފަދަ ކަމެއް ތަކުރާރު ވެދާނެ ކަމަށްޓަކައި ވެސް އެ ކަން ބަލަން ޖެހެއެވެ. ޖަލުގައި ތިއްބެވި ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން އަމުރު ނެރުނުއިރު ދިވެހިން މި ފަހުގައި ދުށް އެންމެ ހައިރާން ކުރުވަނިވި ޙުކުމް، އެކެއް ފެބްރުއަރީ 2017 ގައި ސުޕްރީމު ކޯޓުން ނެރުމަށާއި އަދި އެކެއް ފެބްރުއަރީ ގެންނަން ބަޔަކު ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ.

ރާއްޖޭގައި އުފެދިފައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލަން ދުރާލާ ބަޔަކު ތައްޔާރު ވިއިރު، އެކެއް ފެބުރުއަރީގައި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ދައުވާ ކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީށާއި، ފަނޑިޔާރު އަލީ ހަމީދަށް ހުކުމްކޮށް ހުކުމް ތަންފީޒު ކުރަމުން ދެއެވެ. ނަމަވެސް ޑީޖޭއޭ ގެ ކުރީގެ ވެރިޔާ ހަސަން ސައީދު އަށާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށާއި، ދިއްގަރު ދާއިރާގެ މެމްބަރ ފާރިސް މައުމޫނަށާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، މައްޗަންގޮޅީ ދެކުނު ދާއިރާ ކުރީގެ މެމްބަރު އަބްދުﷲ ސިނާނަށާއި، ދަނގެތީ ދާއިރާގެ ކުރީ މެމްބަރ އިލްޙާމް އަޙުމަދަށާއި، ކުރީގެ ސީޕީ އަޙުމަދު އަރީފަށާއި، ޔުމްނާ މައުމޫނުގެ ފިރިކަލުން އަހުމަދު ނަދީމްގެ އިތުރުން ވިލާ ޝިޕިންގެ އެމްޑީ އަދި ޤާސިމްގެ ދޮށީ ދަރިކަލުން އަހުމަދު ސިޔާދު ގާސިމުގެ މައްސަލަ ބަލަން ޖެހެއެވެ. ޤައުމުގައި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށެވެ.

ދެން އޮތީ މޭޑޭގެ ވާހަކައެވެ. 2015 ވަނަ އަހަރުގެ މައި މަހުގެ އެއް ވަނަ ދުވަހު އޭރުގައި ޤަނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގެ އިސްކޮށް ލީޑު ކުރެއްވި ބޭފުޅުންގެ މައްސަލަ ބަލަން ނުޖެހޭތޯ މިއީ ހަމަ ކޮށް ނުލާ ދޫކޮށްލާ ވަރުގެ ސުވާލެއް ނޫނެވެ. ހަތެއް ފެބުރުއަރީގައި ފުލުހުން ނުކިޔަމަން ތެރިވީ މައްސަލަ ބަލަން ގޮވާ އެމައްސަލަ ނުބެލާނަމަ މިއުޓިނީއެއް ކަމަށް ސިފަކޮށް ސަލާމަތީ ބާރުތައް މިއުޓިނިސް ހާލަތުގައި ބެހެއްޓުންމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ނަޝިދު ވިދާޅުވެފައިވާއިރު، މެއި ޑޭގައި ފުލުހުންނަށް މިހާރުގެ ހޯމު މިނިސްޓަރު އިމްރާނު އަބްދުﷲ އިންޒާރުދިން މައްސަލަ ވެސް ބަލަން ޖެހޭނެ ކަމަށް އަޅގަޑުގެ ސިކުނޑި ޤަބޫލުކުރޭ.

ޤައުމާ ދީނާ ރައްޔިތުންގެ ހައްގުގައި ނުކުމެ ތިބި ޤައުމުގެ ދިފާޢީ ބާރަށް އިންޒާރު ދިނުމަކީ ޤާނޫނީ ކުށެކެވެ. އެހެންކަމުން ކުށުން ފުރިގެން ހުރި މިއަދުގެ ހޯމު މިނިސްޓަރުގެ އެ މައްސަލަ ބަލާ އެދުވަހު ހިންގި ޖަރީމާތައްވެސް ބަލަން ޖެހެއެވެ. ޤައުމުގައި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައެވެ.

ދެން މިއޮތީ މި ސަރުކާރުން ހިމާޔަތް ކުރި ސާމަރާ ދޫނިގެ ވާހަކައެވެ. އަހަން މި ބުނެވުނީ ކީކޭ ހެއްޔެވެ. ސާމަރާ ދޫންޏެއް ނޫން، ބޮޑު ބާޣީ އެއް އެހެންނީނތޯއެވެ. ހ.ހާޖަރާގޭ އަބްދުﷲ ލުޠުފީ ފިލުވައިގެން ދިވެހި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށް ދިވެހި އެމްބަސީއެއްގައި ފިލުވައިގެން ގެންގުޅުމަކީ އެއީ ޖަރީމާއަކަށް ނުވާ ނަމަ ދެން އެވާނީ ކޮންކަހަލަ ކަމަކަށްތޯއެވެ؟ އެވާނީ އަޅުކަމަކަށް ތޯއެވެ؟

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ގައިދީންތަކެއް ދޫކޮށްލަން ބުނެފައި އޮތުމާއި ނޮވެމްބަރު ތިނެއްގައި ދިވެހިންތަކެއް އިސްވެ ތިބެ ތަމަޅަ ޓައިގަރުން ރާއްޖެ އަރާ ހިންގި އުދުވާނާއި މާބޮޑު ތަފާތެއް ނެތްއިރު، އެ އުދުވާނީ ހަމަލާގައި ރާއްޖޭގައި ނަވާރަ ދިވެއްސަކު ޝަހީދުކޮށްލި އެ ޣައްދާރު ކަލޭގެ ދިވެހި އެމްބަސީގައި ބަހައްޓާއިގެން އެތައް ދުވަހެއް ވީއިރު އެކަން ދިވެހި ސަރުކާރުން ސިއްރުކޮށްގެން އުޅުނު މައްސަލަވެސް ބަލަން ޖެހެއެވެ. ދެން އަންނަ އެއްވެސް ސަރުކާރަކުން އެފަދަ ކަމެއް ތަކުރާރު ކުރިޔަ ނުދިނުމަށެވެ. އެހެންކަމުން ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އިހުގައި ހިނގާފައި ހުރި ކަންކަން ދިރާސާކޮށް މައްސަލަތައް ބަލާކަމުގައިވަނީ ވަކި ޓެރިޓަރީއަކުން އެ މައްސަލަތައް ނުބަލާ ހުރިހާ މައްސަލަތައް ވެސް ބަލާށެވެ. ހަތެއް ފެބުރުއަރިގައި ފުލުހުން ނުކިޔަމަންތެރިވީ އެއީ ކުރަމުން އައީ ޣައިރު ޤާނޫނީ އަމުރުތަކަކަށް ވުމުންނެވެ. މަންޒަރު ވަރަށް ސާފެވެ.

އެހެންކަމުން އަމިއްލަފުޅު ސޯޓު ވަލަކުން ނަމަވެސް ބާރަށް އައްސަވައިގެން ހުންނަވާ އެ މައްސަލަ ބައްލަވަން އަމުރު ކުރައްވާށެވެ. އެހެނީ ސޯޓު ބޭލުމުން ދެން ފެންނަ މަންޒަރު މާ ރީތި ނުވާނެތީއެވެ. ކަންކަން ބަލަން ގޮވާލާއިރު، ހަމަހަމާ އާ އިންސާފުން ކަންކަން ބަލަން ގޮވާލާށެވެ. ބޮޑު ކެކުރި އިތުރަށް ބޮޑު ކުރައްވަން މަސައްކަތް ނުކުރައްވާށެވެ. ތިމާގެ އަންބޮޑި ބޮޑުކޮށް ބާއްވަން މަސައްކަތް ނުކުރާށެވެ. މި ސަރުކާރު އައި ފަހުން ބަޑުލާން ފަށައިފި އެހެން ނޫންތޯއެވެ. އެހެންކަމުން ބަޑު އަޅާ ތަކެތި މަދު ކުރާށެވެ. ކެވޭ ވަރު އެނގޭނީ ބިތު ފަންގި ނަގާލި ދުވަހަކުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...