ހަ މަސް ތެރޭ ރެކޯޑު މިންވަރަކަށް ރާއްޖޭގެ ދަރަނި އިތުރުވެއްޖެ

ފާއިތުވެދިޔަ ހަމަސް ދުވަސް ތެރޭ ރާއްޖޭގެ ދަރަނި ރެކޯޑު މިންވަރަކަށް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ކުއާޓަލީ ޑެޓް ބުލެޓިންދައްކާ ގޮތުން ފާއިތުވި 6 މަސް ތެރޭ ދައުލަތުގެ ދަރަނި ވަނީ 4.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެންމެ ބޮޑަށް މި 6 މަހު އިތުރުވެފައިވަނީ ދައުލަތުން ދީފައިވާ ސޮވެރިން ގެރެންޓީތަކަށެވެ.

ދައުލަތުގެ ބޭރުގެ ދަރަނި ވެސް 5 އިންސައްތަ އިތުރުވެފައިވާއިރު، އެތެރޭގެ ދަރަނި ވެސް ވަނީ 7 އިންސައްތަ އަށް އިތުރުވެފައެވެ. އަދި ގެރެންޓީ ދިން އަދަދުވެސް ވަނީ 14 އިންސައްތަ އިތުރުވެފައެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިހާރުވަނީ 49 ބިލިއަނަށް އަރާފައެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖީޑީޕީން 61.3 އިންސައްތައިގެ އަދަދެކެވެ. ލޯނު ގެރެންޓީއާއި އެކު ދައުލަތުގެ ދަރަނި 64.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 72 އިންސައްތައެވެ.

ދައުލަތުގެ މާލީ ޙަރަދަށް ޒިންމާވާ ޤާނޫނުގެ ދަށުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ އަދަދު 60 އިންސައްތައަށް ވުރެ މަތިވެގެން ނުވާނެއެވެ. އެހެން ނަމަވެސް ގާނޫނާއި ޚިލާފް އަދަދަށް ދައުލަތުގެ ދަރަނި އިތުރު ވަމުންދާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ވަނީ ވުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...