އެމްޑީޕީގެ ހުރިހާ އެއްމެންނަށް ވަޒީފާއެއް ނުދެވޭނެ: ނަޝީދު

ކުރީގެ ރައީސް ނަޝީދު - ފޮޓޯ: ވަގުތު

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ސަރުކާރުން ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެ ހުރިހާ އެންމެނަށް ވަޒީފާ ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިން ބައެއް މީހުން ހާލުގައި ޖެހި މަގުމަތިވެފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ، ނަޝީދު ވިދާޅުވީ، ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށްވެސް ކޮންމެވެސް ކަމެއް އޮންނަންވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުގެ އެކި މުވައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށް 800 ވަރަކަށް މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށެވެ. އެހެން ކަމުން އެ ހުރިހާ ފައިސާއެއް ޚަރަދު ކުރުމަށްފަހު އެމްޑީޕީގެ ހުރިހާ އެންމެންނަށް ވަޒީފާ ދޭނެ ފައިސާ ނުހުންނާނެ ކަމަށެވެ. އެމްޑީޕީގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ އެކްޓިވިސްޓުން ހާލުގައި ޖެހިފައިވާ ކަމަށް ބުނެ އެ ޕާޓީގައި މަސައްކަތްކޮށްފައިވާ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، އެމްޑީޕީގެ މުޒާހަރާތަކުގައި މީގެ ކުރިން އެ ޕާޓީގެ "ފްލެގްމޭން"ގެ ގޮތުގައި މަސައްކަތްކުރި މީހަކު އަޅާލާނެ މީހަކު ނެތި ސަލާންޖަހަން މާރުކޭޓް ސަރަހައްދުގައި މިހާރު އިންނަ ކަމަށް ބުނެ ފޮޓޯތަކެއް އިއްޔެ މީސްމީޑިއާގައި ދައުރުވެފައިވެސް ވަނިކޮށެވެ.

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ޙިއްސާކުރުމަށްވެސް އެދިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...