ދިވެހިންގެ އުއްމީދުގައި ކުލަ ޖައްސާލަދިން ބްރިޖަށް އެއް އަހަރު!

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރިޔާސީ ކެންޑިޑޭޓުން ހުށަހެޅި ރިޔަސީ ވަޢުދުތަކަށް ދިވެހި ރައްޔިތުން މާކްސް ދިން އިރުގައި ދިވެހިންނަށް އެންމެ ކަމުދިޔަ ވަޢުދަކީ މާލެއާއި ހުޅުލެއާއި ދެމެދު ބުރިޖެއް އެޅުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްވި ވަޢުދެކެވެ.

އިދިކޮޅު ކެންޑިޑޭޓާއި ސަޕޯޓަރުންގެ ޖޯކްތައް އަމާޒުވި މި ވަޢުދަށް އިދިކޮޅު ފަރާތްތަކުން ދިން ނަމަކީ "ހުވަފެނީ ބްރިޖް"އެވެ. 2013ގެ އިންތިޚާބުގައި ރިޔާސީ ވަޢުދެއްގެ ގޮތުގައި ދިވެހިންނަށް ބްރިޖް އަޅާދޭނެކަމުގެ ވަޢުދުވި ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިވަނީ އިދިކޮޅުން ސިފަކުރި ހުވަފެނީ ބްރިޖް ދިވެހި ރައްޔިތުންނަށް ޙަޤީގަތަކަށް ހައްދަވާދެއްވާފައެވެ.

ތަރައްޤީވެ ކުރިއަރަމުން އަންނަ މި ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑަށް ތޮއްޖެހިފައިވާ އެއް ސިޓީއެވެ. ދޮޅު ލައްކައަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން ދާ މި ސިޓީގެ ކާރުބާރު ބޮޑުކަމާއި، ތޮއްޖެހުން އިންތިހާއަށް އޮތުމުން ހުޅުމާލެ ތަރައްޤީކޮށް ހުޅުމާލެއަކީ މާލޭގެ އަވަށެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން ނިންމެވިއެވެ.

2008 ގެ ރިޔާސީ އިންތިޚާބުގައި އާ އުސްމިންތަކެއްގެ މެނިފެސްޓޯގައި ރައީސް މައުމޫން މާލެއާއި ހުޅުލެއާއި ދެމެދު ބުރިޖެއް އެޅުމަށް ވަޢުދުވެލެއްވުމުން އޭރުގެ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދުވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޖޯކް ޖައްސަވާފައެވެ. ބްރިޖް އަޅާނީ ކިހިނެއްތޯއާއި؟ ބްރިޖްގެ އިންޖިނިއަރިންގް މަސައްކަތް ކުރައްވާނީ ކޮން ބައެއްތޯ އަދި ބްރިޖް އެޅުމަށް ފައިސާ ހޯއްދަވަނީ ކިހިނެއްތޯ ބުނެ ސުވަލު އުފެއްދެވިއެވެ.

އޭގެ ފަހުން ދިވެހި ރައްޔިތުންނާއި ބްރިޖްގެ ވައުދާއެކު ބައްދަލުކުރެއްވީ ރާއްޖޭގެ ތަރައްޤީގެ ބާނީ ރައީސް އަބްދުﷲ ޔާމީން. ރައީސް ޔާމީން ބްރިޖުގެ ވަޢުދުވެލެއްވުމުން އިދިކޮޅު ފަރާތްތަކުން އެކަންވެސް ހެއްދެވީ ބޮޑު ޖޯކަކަށެވެ. އަދި ރައީސް ޔާމީންގެ މި ވަޢުދަކީ ހުވަފެނީ ބިލާހެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން އިންތިހާއަށް މަސައްކަތް ކުރިއެވެ.

މިއީ ހުވަފެނީ ބްރިޖެއްކަމަށާއި، ދައްކަމުން ދަނީ ނަނާ ހުވަފެންތަކެއް ކަމަށްބުނެ އިދިކޮޅު ފަރާތްތަކަށް ތާޢީދުކުރާ މީޑިއާތަކުން ތާ އަބަދު ގޮވަމުން ދިޔައެވެ. ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވުމާއިއެކު ދުވާލަކު ދެއިރު ދެ ދަޅައަށް ބްރިޖް ނޭޅޭނެކަމަށް ރައްޔިތުންނަށް ވިސްނަދޭން މަސައްކަތް ފެށިއެވެ.

ދިވެހި ރައްޔިތުން ޚާއްސަކޮށް މާލޭއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހިގެން ދިޔައީ ޗައިނާގެ ރައީސްގެ ރަސްމީ ދަޢުވަތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުންނެވެ. އެ ދަތުރުފުޅުގައި ބުރިޖު އެޅުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިއުމާއެކު ދިވެހިންގެ އުންމީދުތަކަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ.

ކެތްތެރިކަމާއި ހިކުމަތްތެރިކަމާއިއެކު ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވި ރައީސަށް ޗައިނާގެ ސަރުކާރުގެ އިތުބާރު ލިބި ދިވެހިންނަށް ބްރިޖް އެޅޭނެ މަގު ފަހިވެގެން ދިޔައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޕްރޮޖެކްޓް ލޯންޗު ކުރެވިގެން ދިޔައެވެ.

އަދި ބްރިޖްގެ ބަޖެޓަށްވާ 210މިލިއަން ޑޮލަރުގެ ތެރެއިން 116މިލިއަން ޑޮލަރު ޗައިނާގެ ސަރުކާރުން ހިލޭ ދެއްވާނެ ކަމުގެ ޔަޤީންކަން ލިބިގެން ދިޔައެވެ. އަދި ލޯނުގެ ގޮތުގައި އިތުރު 72މިލިއަން ޑޮލަރު ދެއްވާނެކަންވެސް އިއުލާންކުރެއްވިއެވެ ދިވެހި ސަރުކާރުން 12މިލިއަން ޑޮލަރު ޚަރަދު ކުރާނޭކަން އިއުލާން ކުރެއްވިއެވެ.

ބަޖެޓް ހަމަޖެހުމާއިއެކު ރޮކެޓް ސްޕީޑުގައި ބްރިޖް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދަންފެށިއެވެ. އެގޮތުން 1.39 ކިލޯމީޓަރުގެ ބްރިޖް އެޅުމަށް ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޯޕަރޭޝަނާއި ހަވާލުކޮށް މަސައްކަތް ފެށިގެންދިޔަ. މިހާހިސާބުން ބްރިޖްގެ ހުވަފެން ހަޤީގަތަކަށް ވާތަން ފެނުމުން އިދިކޮޅު ފަރާތްތަކުން ދެން ފެށީ އެ ކުންފުނީގެ އަގު ވައްޓާލުމަށެވެ.

އެގޮތުން ތޯތޯ އެކި އެކި ވާހަކަ އެ ބޭފުޅުން ދައްކަވަމުން ދިޔައެވެ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުގެ އުދަގޫތަކާއި ތުރާތަކަށް ވިސްނުމުގެ ބަދަލުގައި ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުމުގެ ޤާބިލްކަމައެކު މަސައްކަތް ކުރައްވާ ރައީސް ޔާމީންގެ ސަރުކާރުން އަދު މިވަނީ ބްރިޖް އަޅާ ނިންމާފައެވެ.

ބްރިޖް އަޅާނީ ކިހިނެއްތޯއާ، އިންޖިނއަރިން މަސައްކަތް ކުރާނީ ކިހިނެއްތޯއާ، އަދި ފައިސާ ހޯދާނީ ކިހިނެއްތޯ ސުވާލު ކުރި ފަރާތްތަކަށް ރައީސް ޔާމީން ވަނީ ބަހާއި ޢަމަލުން ޖަވަބު ދެއްވާފައެވެ.

ހިކުމަތު ޢަމަލު އަބަދުވެސް އިސްކުރައްވާ ރައީސް ޔާމީން މިވަނީ ޒުވާނުންގެ މި އުންމީދީ ހުވަފެން ހަޤީގަތަކަށް ހައްދަވާދެއްވާފައެވެ. ދިވެހި އިޤްތިޞާދުގެ ވެސް ބޮޑު ދައުރެއް އަދާކުރާ މި ބްރިޖް ވެގެންދިޔައީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ލިބިގެންދަނެ ލުއިފަސޭހައަކަށެވެ.

ވިއްސާރަ ވައިގަދަ ދުވަސް ދުވަހު ކަނޑުމަތިން އެ ރައްޔިތުން ކުރި ދަތުރުތަކުގެ ނިމުމަކަށެވެ. ވަޒީފާއަށް ހަމަޖެހިލައިގެން ތާޒާކަމާއެކު ދަތުރުކޮށްލެވޭނެ ބުރިޖަކަށެވެ. އާދެ! ސިނަމާލެ ބުރިޖަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ދެއްވި ހަދިޔާއެކެވެ.

އެގޮތުން މިއަދު ދިވެހިންގެ ތެރެއިން އެތައް ބަޔަކު ދަތުރުފަތުރައްޓަކައި ބޭނުންކުރާ ތަނެކެވެ. އެގޮތުން ހުޅުމާލެއާއި ހުޅުލެއާއި މާލެއާއި ދޭތެރޭ އެތައް ފަހަރަކު ބަހުގަޔާއި، ސައިކަލުގައި އަދި އޭގެ އިތުރުން ކާރުން ދަތުރުކުރާ މަންޒަރު ފެނިގެން ދެއެވެ. އެގޮތުން ވަޒީފާގެ ބޭނުންތަކަށާއި، ސުކޫލަށް ގެންދިއުމުގެ އިތުރުން ހިތްހަމަޖައްސާލުމަށް ބުރިޖު ބޭނުން ކުރާ މީހުންވެސް މަދެއްނޫނެވެ.

މިއީ އާންމު ގޮތެއްގައި ކޮންމެ ބްރިޖެއްގައިވެސް ދަތުރު ކުރާނެ ބޭނުންތަކެކެވެ. ނަމަވެސް ސިނަމާލެ ބުރިޖު އެހެން ގޮތަކަށްވެސް މިހާރު ބޭނުން ކުރެވެމުންދެއެވެ. ހެނދުނު އަރައިގެން އަންނައިރާއި އަދި އެ އިރު އޮއްސިގެންދާ ގަޑީގައި ބުރިޖު ސަރަހައްދަށް ދިއުމުން އެންމެ ބޮޑަށް ފެނިގެންދާ އެއް މަންޒަރަކީ ކަސްރަތުގެ ބޭނުމަށް ބުރިޖް ބޭނުން ކުރާ މީހުންނެވެ.

އެކި ސަބަބުތަކާއި ހެދި ޖިމަށް ނުދެވި އަދި ގޭގައި ވެސް ކަސްރަތު ކޮށްލަން އުނދަގޫ އެތައް ބަޔަކު މިއަދު ބްރިޖު އެމީހުން ޖިމެއްގެ ގޮތުގައި ބޭނުން ކުރެއެވެ. އެގޮތުން ބްރިޖުގެ ދެފަރާތުގައި ހިނގާ މީހުންނަށް ޚާއްސަކޮށް އަޅާފައިވާ ދެ ލޭން ދުވުމަށް ބޭނުން ކުރާ މީހުންގެ ތެރޭގައި ގިނައީ އަންހެން ވެރިންނެވެ.

ރިންޑް ރޯޑުން ފެށިގެން ބްރިޖުގެ އެއްކޮޅުއަނެއް ކޮޅަށް ގޮސް އަނެއްކާ އަނބުރާ އާދެވޭ އިރު އެ މީހުން ހިތްހަމަޖެހޭ ވަރަށް ހަށިގަނޑަށް ކަސްރަތު ލިބޭ ކަމަށް އެ މީހުން ގަބޫލުކުރެއެވެ.

މީގެ އިތުރުން ދިވެހިންގެ އެތައް އުއްމީއްދަކާއި ގުޅިފައިވާ މިބްރިޖަކީ މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިއްބައިދޭނެ ބްރިޖަކަށްވެސް މިވަނީ ވެފައެވެ. އެގޮތުން ބަލާއިރު، މިހާރު ހުޅުމާލޭގައި ޤާއިމްކުރަމުން އަންނަ ބޮޑު އިންޖީނު ގޭގެ މަސައްކަތާއިއެކު ބްރިޖްގެ ނެޓްވޯކްގެ ތެރެއިން މާލެއާއި ހުޅުމާލެއާއި އަދި ހުޅުލޭގެ ކަރަންޓްވެސް ގުޅާލުމަށްވަނީ ހަމަޖެހިފައެވެ.

މާލޭގެ އިރުމަތި ދިއްލާލައި ރާއްޖޭގައި ބްރިޖު އަޅައި އެ ތާރީޚީ ބުރިޖު ހުޅުވިތާ އެއް އަހަރު ފުރުނީއެވެ. ދިވެހިން ދެކެމުންދިޔަ ހުވަފެންތަކާއި ކުރަމުންދިޔަ އުންމީދުތަކާއި މުސްތަޤުބަލާއި ގުޅުވާލަދިން ބުރިޖުން ދިވެހިންނަށް އުފާވެރި ފާޤަތި މުސްތަޤުބަލަކަށް މަގު ފަހިވެގެން ދިޔައެވެ.

އެ މުސްތަޤުބަލަކީ ކުލަކުލައިން ޖަރީވެ، ފެވިފައިވާ ހިތްގައިމު މުސްތަޤުބަލެއް ކަމަށް ވެގެންދިޔައެވެ. އުންމީދުގެ ބްރިޖު ހުރަސްކޮށް ތަރައްގީގެ އާ ޒަމާނަކަށް ދިވެހިންނަށް ދަތުރުކުރެވުނެވެ.


މިއީ އުއްމީދީ ރައިސަކު ރައްޔިތުންނަށް ގެނެސްދެއްވި އުއްމީދީ ބުރިޖެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...