ޖޭޕީއާ ގުޅުނު ބޭފުޅުންނަކީ ކުނީގެ ގޮތުގައި އެ ޕާޓީގެ ތަރުޖަމާނު ސިފަކޮށްފި

-ޖޭޕީއާ ގިޅުނު މެމްބަރުންނާ އެކު ޖޭޕީގެ ލީޑަރު ފޮޓޯއަކަށް ހުއްޓިލައިގެން. ފޮޓޯ: ވަގުތު އިމޭޖަސް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރުމުން އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވުމުގެ ބަދަލުގައި ޖޭޕީގެ ތަރުޖަމާނު އަލީ ޞޯލިހު އެ ބޭފުޅުންނަކީ ކުނީގެ ގޮތުގައި ސިފަކުރައްވައިފިއެވެ.

ރޭ ޖޭޕީއާ ގުޅިވަޑައިގަތީ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހާއި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

ޖޭޕީ އަށް ސޮއި ކުރި ބޭފުޅުންނަށް ނިސްބަތް ކުރައްވާ ޖޭޕީގެ ތަރުޖަމާން އަލީ ޞާލިހް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހުރިހާ ބާވަތެއްގެ ކުނި ބޭނުމެއް ނުކުރެވޭނެ." ކަމަށެވެ.

ސަރުކާރުގެ ކޯލިޝަންގައި ޖޭޕީ ހިމެނިފައި ވަނިކޮށް ޔާމީންގެ ސަރުކާރުގައި "ހުރިހާ ޖަރީމާއެއް ހިންގި" ކަމަށް އެމްޑީޕީން ގަބޫލުކުރާ ބޭފުޅުންތަކެއް ޖޭޕީ އާއި ގުޅުމުން އެންމެ ބޮޑަށް ޖޭޕީއަށް ފާޑުކިޔަމުން ދަނީ އެމްޑީޕީގެ މެންބަރުންނެވެ.

މީގެ އިތުރުން ފާހަގަ ކުރެވުނު އަނެއް ކަމަކީ ޔާމީން ދޫކޮށް ވަރަށް ސީނިއާ ބޭފުޅުންތަކެއް ޖޭޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް އެކަމާ ރައީސް ޔާމީންގެ ސަޕޯޓަރުން މީސް މީޑިއާގައި ވަރަށް ބޮޑަށް އުފާފާޅުކުރަމުންދާ ކަމެވެ.

އެގޮތުން ޕީޕީއެމްގެ އާއްމު މެންބަރުން ބުނާ ގޮތުގައި ޕީޕީއެމް މިއަދު އޮތް ހާލަތައް ދާން ޖެހުނު ހަޤީޤީ ސަބަބަކީ ރޭ ޖޭޕީ އާއި ގުޅިވަޑައިގެންނެވި ބޭފުޅުންކަމަށެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުންތަކެއް ރޭ ޖޭޕީ އާއި ގުޅުނީ 2023 ވަނަ އަހަރު ޖޭޕީ އަށް ވެރިކަން ހޯދައިދޭނެ ކަމުގެ ވައުދާއި އެކުގައެވެ. ނަމަވެސް ގިނަ މީހުން ތުހުމަތު ކުރާ ގޮތުގައި އެބޭފުޅުން ޖޭޕީ އާއި ގުޅުނީ ކޮރަޕްޝަންގެ ތުހުމަތުތަކުން ސަލާމަތް ވުމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...