ރައީސް ޔާމީންގެ ދައުރުގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފަ: އޭޑީބީގެ ރައީސް

އޭޑީބީގެ ރައީސް ޓަކެހީކޯ ނަކާއޯ. ފޮޓޯ: ސަން އެމްވީ

މިދިޔަ 5 އަހަރުގައި ރާއްޖެއިން ހޯދި އިޤްތިސާދީ ކުރިއެރުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްގެ ރައީސް ޓަކެހީކޯ ނަކާއޯ ވިދާޅުވެއްޖެވެ.

އޭޑީބީގެ ރައީސް ނަކާއޯ މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ އިތުރުން ނަކާއޯ ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް އަންނަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

މިދިޔަ 5 އަހަރު ދިވެހިރާއްޖޭގެ އިޤްތިސާދީ ދުވެލި ހުރީ އެވަރެޖް ގޮތެއްގައި 6 އިންސައްތައިގައެވެ. އަދި 2018 ވަނަ އަހަރު ހުރީ 7.5 އިންސައްތައިގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތަކުންވަނީ ދައްކާފައެވެ.

މިއަހަރު 6.4 އިންސައްތައިގައި ހިފެއްހެއްޓޭނެ ކަމަށް ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވީ ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިންވަނީ މިއަހަރު އިޤްތިސާދީ ކުރިއެރުން 5.4 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާ ކޮށްފައެވެ.

އޭޑީބީގެ ރައީސް ނަކާއޯ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ދިވެހިރާއްޖެއަށް އެހީގެ ގޮތުގައި 1 ބިލިއަން ރުފިޔާދޭން ވަނީ އެއްބަސްވެފައެވެ. މި ފައިސާ ހަރަދު ކުރާނީ ކުނި މެނޭޖު ކުރަން އަދި ހަކަތަ އާއި ގުޅޭ ޕްރޮޖެކްޓުތަކުގައެވެ.

އޭޑީބީ އަކީ 1978 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ތަފާތު ގޮތް ގޮތުން އެހީތެރިވަމުން އަންނަ ބޭންކެކެވެ. ނަކާއޯ ވަނީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަޖްލީސް ރައީސް ނަޝީދު އަދި ސަރުކާރުގެ އެހެނިހެން އިސްފަރާތްތަކާއި ބައްދަލު ކުރައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...