ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅުންނަށް މަޖިލީހުގެ ކޮމިޓީން ރުހުންދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން ދީފިއެވެ.

ޑރ. އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ނިންމައި ރުހުން ދީފައި ވަނީ ރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ކުރިޔަށްގެންދިޔަ ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާޤުންނެވެ.

މި ދެ ބޭފުޅުންގެ އިތުރުންވެސް ފަނޑިޔާރުންގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ޝުއައިބް ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒުގެ އިތުރުން ޢަލީ ސަމީރުގެ ނަންފުޅުތައް ވެސް ރައީސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ނަން ހުށަހަޅުއްވައި ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގަތީ ވެސް ރައީސް ސޯލިހެވެ. އެއަށްފަހު ޖޭއެސްސީ އިން ވަނީ މި ދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް އަށް ލަފާ ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން މި ދެ ބޭފުޅުންގެ ނަން މި ހަފްތާގެ ތެރޭގައި ފާސް ކުރައްވާނެ ކަމަށް މިހާރުވަނީ އަޑުތަކެއް ފެތުރިގެން ގޮއްސައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރަން މަޖިލީހަށް ހުށަހެޅީ ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު، ރައީސް ސޯލިހް ތަސްދީގު ކުރެއްވުމުންނެވެ.

ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރަކު އައްޔަން ކުރަން ރައީސް ނިންމެވުމުން، ދީނީ އިލްމުވެރިންގެ މެދުގައި ވަނީ އެ މައްސަލާގައި ދެބަސްވުން އުފެދިފައެވެ. އެ ގޮތުން ބައެއް އިލްމުވެރިން ގެންދަނީ އެއީ ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ރައީސްގެ ނިންމެވުން ބަދަލު ކުރުމަށް ގޮވާލަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...