އަލަށް ތައާރަފްކޮށްފައިވާ އެޕަލް ޓެން

މުޅިން ތަފާތު ފީޗަރސްތަކާއެކު އެޕަލްގެ އެންމެ ފަހުގެ ސްމާޓްފޯނު ކަމަށްވާ އެޕަލް އައިފޯން ޓެން ތައާރަފްކޮށްފިއެވެ.

އެޕަލް ކުންފުނިން މީގެ ކުރިން ނެރެފައިވާ އައިފޯންތައް ދާދި އެއް ޑިޒައިނަކަށް ފަރުމާކޮށްފައިވީ ނަމަވެސް، މި ފޯނުގެ ޑިޒައިނަކީ ވަރަށް ތަފާތު ޑިޒައިނެކެވެ. މި ފޯނުގެ ސްކްރީނުގައި 5.8 އިންޗި ހުންނައިރު، ފޯނުގެ ޑިސްޕލޭއަކީ ސުޕަ ރެޓީނާ ޑިސްޕްލޭއެއް ކަމަށް އެޕަލް ކުންފުނިން މައުލޫމާތު ދެއެވެ.

އިތުރު ފީޗާތަކަށް ބަލާއިރު އައިފޯން 7 އާ އެއްގޮތަށް މި ފޯނު ވެސް ފަރުމާކޮށްފައިވަނީ ވޯޓާ ރެސިސްޓެންޓްކޮށެވެ. އަދި ފޯނުގެ ރިއަރ ދެ ކެމެރާގައި 12 މެގަޕިކްސެލް ހުންނައިރު، ކެމެރާގެ ފްލޭޝްއާއި ސެންސަރގެ ފެންވަރު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުވާނެ ކަމަށް އެޕަލްއިން ބުނެއެވެ.


މި ފޯނުގައި ހިމެނޭ އެންމެ ތަފާތު އެއް ކަމަކަށް ވާނީ ކުރީގެ ފޯނުތަކުގައި ހުންނަ ހޯމް ބަޓްން ފެންނަން ނެތުމެވެ. ފޯނުގެ ކުރިމަތީގައި ހުންނަ ކެމެރާގައި ވެސް އާ އެތައް ކަމަށް ހިމަނާފައިވުމާއެކު އެޕަލްއިން ވަނީ އެ ކެމެރާއަށް ޓްރޫޑެޕްތް ކެމެރާގެ ނަމުން ނަންދީފައެވެ. މި ކެމެރާ މެދުވެރިކޮށް ސްނެޕްޗެޓް ފަދަ އެޕްލިކޭޝަންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް އެޕަލްއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން އައިފޯން ޓެން ވަޔަލެސްކޮށް ޗާޖުކޮށްލެވޭނެ ކަމަށް ވެސް އެޕަލްއިން މައުލޫމާތު ދެއެވެ.

އަލަށް ތައާރަފްކުރި އެޕަލް ޓެންގެ 64 ޖީބީއާއި 256 ޖީބީގެ މޮޑެލްތައް ލިބެން ހުންނާނީ ސިލްވަރ އަދި ސްޕޭސް ގްރޭ ކުލަތަކުންނެވެ. މީގެ ތެރެއިން 64 ޖީބީގެ މޮޑެލްގެ އަގަކަށް 999 ޑޮލަރު ކަނޑައަޅާފައިވާއިރު، 256 ޖީބީގެ މޮޑެލްގެ އަގަކީ 1149 ޑޮލަރެވެ.


އައިފޯން ޓެންގެ އިތުރުން އެޕްލްއިން ވަނީ އައިފޯން 8 އަދި 8 ޕްލަސްގެ ނަމުގައި އިތުރު ދެ ސްމާޓްފޯން ވެސް ތައާރަފްކޮށްފައެވެ. މި ދެ ފޯނުގެ ޑިޒައިން އައިފޯން 7 އާ އެއްގޮތް ކަމެއް ހުރި ނަމަވެސް މި ފޯނުތަކަށް ފީޗާސްތައް އައިފޯން ޓެންއާ ގާތްކުރާނެ ކަމަށް އެޕަލްއިން ބުނެއެވެ.