ސުޕްރީމު ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުން ބޮޑު ބަހުސަކަށް

 


އެންމެ މާތް އެންމެ ޢިލްމުވެރި، އަދި އެންމެހައި މުސްލިމުންގެ މަންމައިންކަމުގައިވެފައިވި ކަނބަލުންނަށް އިސްލާމީ އުއްމަތުގެ އެންމެ މާތް ތިން​ޤަރުނުގައި ވެސް ޤާޟީކަން ދެއްވާފައި ނެތްކަން އިސްލާމީ ތާރީޚު ހެކިދޭ. ނަމަވެސް މިއަދު މި ރާއްޖޭގައި މިކަން މިވަނީ ދެބަސް ވުމަކަށް ވެފައެވެ.

މިއަދު ޢާއްމު ކޮށް ދެކެވޭ އެއްވާހަކައަކީ އަހަރުމެން އަންހެނުންގެ ވާހަކައެވެ. އަހަރުމެންގެ ޙައްޤުތަކުގެ ވާހަކައެވެ. އިސްލާމްދީން އަހަރުމެން ނިކަމެތި ކުރި ކަމަށް ބުނެ ދައްކާ ވާހަކައެވެ. އިސްލާމްދީނުގެ ޢަދާވާތްތެރިން އިސްލާމް ދީނުގައި އަންހެނުންނަށް ދެވިފައިވާ މަޤާމު އޮޅުވާލުމަށްޓަކައި އިސްލާމްދީނުގެ ކުރީގައްޔާއި އަދި ފަހުގައި އަދި ކާފަރު ޤައުމުތަކުގައި އަންހެނުންގެ ހާލަތު ނޭންގޭ މީހުންގެ ގާތު މިފަދަ ވާހަކަތައް ދައްކާ ހަދައެވެ.

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ އެއްވެސް ބައެއް ނޫނެވެ. އެމީހުން އަންހެން ކުދިން ލިބިއްޖެ ނަމަ އެކަމާ ނުރުހުންވެއެވެ. އަދި އެކުދިން ދިރި ތިއްބާ ވަޅުލައި ހަދައެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެން ކުއްޖަކު ނުމަރައި ބޮޑު ވެއްޖެނަމަ އެކުއްޖާ ތަރިކަ މުދަލުން މަހުރޫމު ކުރެއެވެ. އަދި އެ ކުއްޖާއަކީ ތަރިކަ މުދަލެއްގެ ގޮތުގައި ހަދައި ބޭނުންކުރެއެވެ. ނަމަވެސް އިސްލާމުދީނު އައުމާ އެކީ މިކަންކަން ނިމުމަކަށް އައެވެ.

މިކަންކަމަކީ ގުރުއާނާ ސުންނަތުން ސާބިތުވާ ކަންކަމެވެ. އާނއެކެވެ! އިސްލާމްދީން ވަނީ އަންހެނާ މަތިވެރި ކުރައްވާފައެވެ. ޤަދަރު ދެއްވާފައެވެ. އެބައިމީހުންގެ ޙައްޤުތަކުގެ ގެރެންޓީ ދެއްވާފައެވެ. ދީނީ ގިނަ ކަންތައްތަކެއްގައި ފިރިހެނުންނާ އެންހަމަ ކުރައްވާފައެވެ.

އެހެންނަމަވެސް ބައެއްކަންތައްތަކުގައި މާތްﷲ ވަނީ ފިރިހެނާ އަންހެނާގެ މައްޗަށް މާތްކުރައްވާ އިސްކުރައްވާފައެވެ. ތަރިކަމުދަލާއި ހެކިބަސްދިނުމާއި ވެރިކަމާއި ވަރިއާއި މިފަދަ ކަންކަމުގައެވެ. އެއީ ފިރިހެނާ އުފެއްދެވުމުގައިވެސް ތަފާތުތަކެއްވާތީއެވެ. އަދި ދިރިއުޅުމުގެ ހަޔާތުގައި އަންހެނާއަށް ވުރެ ފިރިހެނާގެ މަސްއޫލިއްޔަތު ބޮޑުވީމައެވެ. މި ކަންކަން އައް ނިސާ ސޫރަތުގެ ތިރީސް ހަތަވަރު އާޔަތުން ދޭހަވެގެން ވެއެވެ.

އަންހެނާއަކީ ގޭގެ ވެރިއެވެ. އެބަހީ، ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓަމުން އަންނަ ފަރާތެވެ. ދަރީންނާއި ފިރީންގެ ކަންތައްތަކެވެ. އެހެން ނަމަވެސް ގެއިން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ގެއިން ބޭރަށް ދިއުން މަނައެއް ނުކުރެއެވެ. އިސްލާމް ދީނުގެ ގިއުގަނޑުގެ ތެރޭގައި ވަޒީފާވެސް އަދާކުރެވޭނެއެވެ.

ދުނިޔޭގެ ބޮޑެތި ރަސްރަސްކަލުންނަށް ނުދޭހާ ޤަދަރު އިސްލާމްދީނުގައި އަންހެނާއަށް ދީފައިވެއެވެ. އެބައިމީހުންގެ ޢިއްފަތްތެރިކަން ރައްކާތެރިކުރުމަށް ފުރިހަމައަށް ނިވާވުމާއި ދަތުރުފަތުރު ކުރާއިރު މަހުރަމަކާއި އެއްކޮން ދިއުން ފަދަ ކަންތައްތައް ވަނީ ދީނުގައި އަންގަވާފައެވެ. އެއީ އެއަންހެނާގެ ކަރާމާތްތެރިކަމަށް ޓަކައެވެ.

ނަމަވެސް ދީނުގައި އަންހެނާއަށް ހަރާމުކުރައްވާފައިވާ ކަންތައް ތަކެއްވެސް ވެއެވެ. އެގޮތުން ވެރިކަމުގެ ބާރަކީ އެއީ އަންހެނުންނަށް ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އަދި ޝާރުއީ ކޯޓުތަކުގައި ފަނޑީޔާރުންގެ ގޮތިގައި އަންހެނުން ތިބުންވެސް ހުއްދަ ވެގެން ނުވެއެވެ.

އިސްލާމީ ގައުމެއްގެ އެންމެ އިސް ކޯޓަށް ވަކިން ހާއްސަކޮށް، ޖިނާއީ މައްސަލަތައް ބަލަން އަންހެންކަނބަލުން ގާޒީންގެ ގޮތުގައި އައްޔަން ކުރުމަކީ ގުރުއާނާއި ހަދީސާއި ހިލާފު ބޮޑު މުންކަރާތެކެވެ. މިގޮތަށް ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިން ފަތުވާ ދީފައިވެއެވެ.

އަދި އެކަމަށް ބާރުލިބޭ ގޮތަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަލްމަރުހޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވެސް އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެކަމަށް ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށާ އެއީ ހަރާމް ކަމެއް ކަމަށް ބުނާ ރައުޔަށް ބުރަވާކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ވެސް ވަނީ ހާމަކޮށްފައެވެ. ގަޟިއްޔާއެއް ނިންމުމަށް އަންހެނަކާ ހަވާލުކުރާ މީހާވެސް އަދި ހަވާލުކުރެވުނު މީހާވެސް ފާފަވެރިވާނެ ކަމަށާއި، އެ ހުކުމަކީ ހައްގަށް ވާސިލްވި ކަމުގައިވާނަމަވެސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށް ފަތުވާ މަޖިލީހުންވަނީ ހާމަކޮށްފައެވެ.

އޭގެ އިތުރުން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ހަލީފާއިން ވެސް ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސްކުރައްވާފައި ނުވާކަމަށް އެ ރައުޔުގައިވެއެވެ. އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެމްބަރުން ބުރަވަނީ، ޖުމްހޫރު އިލްމުވެރިންގެ ރައުޔަށެވެ.

އެ  ރައުޔުގައި ވަނީ އެއްވެސް ކަހަލަ ގަޟިއްޔާއެއްގައި، އެއީ މުދަލާއި ގުޅޭ ކަމަކަށްވިޔަސް ނުވަތަ ޤިޞާޞާއި، ޙައްދުތަކާއި ގުޅުންހުރި ކަމެއްކަމުގައި ވިޔަސް އަދި އެނޫން މައްސަލައެއް ކަމުގައި ވިޔަސް އެމައްސަލަތައް ބަލައި ޙުކުމް ކުރުމަށް އަންހެނަކާއި ހަވާލު ކުރުމީ ހުއްދަނޫން ޙަރާމް ކަމެއް ކަމަށް ބަޔާން ކޮށްފައިވެއެވެ.

ކަންމިހެ ހުރިކަމުގައި ނަމަވެސް އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީސް އިން ނިންމައި، އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް އެއީ ދީނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައި، އެފަރާތްތަކަށް ގޮންޖަހައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ވަނީ ލަފާއަރުވާފައެވެ.

އަދި ބައެއް އެހެން ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އަންހެން ފަނޑިޔާރުން ސުޕްރީމު ކޯޓަށް އައްޔަންކުރެވިދާނެ ކަމަށެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި އަންހެން ފަނޑިޔާރުން މަތީ ކޯޓުތަކުގައި އެބަ ތިއްބެވި ކަމަށެވެ. އަދި އންހެނުން ފަނޑިޔާރު ކަމަށް ގެނެވުތީ ފަޚުރުވެރިވާ ބަޔަކުވެސް އެބަތިއްބެވެ.

ނަމަވެސް އެހެން އެ ވިދާޅުވާ ބޭފުޅުންނަށް ފާހަގަނުވީ ކަމެއް އަޅުގަޑު މިތާ ފާހަގަކޮށްލާނަމެވެ. އެއީ އެ ބޭފުޅުން އެ ވިދާޅުވާ ޤައުމުތަކަކީ ދީނީ މިނިވަންކަން އޮވެ އެހެން ދީނުގެ މީހުންވެސް ދިރިއުޅެމުން ގެންދާ ޤައުމުތަކެއް ކަމެވެ.

ދެން އަންހެނުން ބާރުވެރި ކުރުވަންށޭ ކިޔާ އަންހެނުން މަޤާމުތަކަށް ނުވަތަ ވަޒީފާތަކަށް ހުޅަނގުގެ ޤައުމުތަކުގައި ނެރޭ ސަބަބަށް ބަލާލަމާ ހިނގާށެވެ. 1940 ވަނަ އަހަރު 18 އަހަރުންދަށުގެ ދަރީން ތިބި މައިންގެ ތެރެއިން މަސައްކަތަށް ދާކަމަށް ރެކޯޑްކުރެވިފައިވަނީ %8.6 އަށްވުރެވެސް މަދު ޢަދަދެއްގެ އަންހެނުންނެވެ. ނަމަވެސް 1987 ވަނަ އަހަރާ ހަމަޔަށް އައިއިރު މިނިސްބަތްވަނީ %60.2 އަށް މައްޗަށް އުފުލިފައެވެ.

އަންހެނުންގެ ތެރެއިން ގިނަ ބަޔަކު މިއަދުވެސް މަސައްކަތްކުރަމުން ގެންދަނީ އިޤްތިޞާދީ ޕިރަމިޑްގެ ދަށުފަންތީގެ މަޤާމުތަކުގައެވެ. ގިނަ އަންހެނުން މަސައްކަތްކުރަނީ  އޮފީސް ދާއިރާގައެވެ. ނުވަތަ ކާރުޚާނާތަކުގައެވެ. ނުވަތަ ރީޓެއިލް ވިޔަފާރީގައެވެ.

އަދި ޚިދުމަތްދިނުމުގެ ދާއިރާގައެވެ. ގާތްގަނޑަކަށް ވޯރކްފޯސްގެ %50 އަކީ އަންހެނުންނެވެ. ހުރިހާ ކޭޝިއަރުންގެ %78 އަކީ އަންހެނުންނެވެ. އަދި ސެކެޓްރީންގެ ގޮތުގައި ވަޒީފާއަދަކުރާ މީހުންގެ 99 އިންސަތައަކީވެސް އަންހެނުންނެވެ. ނަމަވެސް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޓިވް ލެވެލްގައި މަސައްކަތްކުރަނީ އެންމެ އެއްތިރީސް ޕަސެންޓް އަންހެނުންނެވެ.

މަސައްކަތުގެ މައިދާނުގެ ހަމަހަމަކަމަކީ އަވާމެންދުރެއްކަމުގައި ވެއްޖެއެވެ. ނަމަވެސް މިއަވާމެންދުރަށް ހެއްލި ތިމާމެންގެ ޢާއިލީ ދިރިއުޅުން ބަރުބާދުކޮށްލުމަށްފަހު އެތައް މިލިޔަން އަންހެނުންނެއް ދަނީ މަސައްކަތުގެ މައިދާނަށް ނުކުންނަމުންނެވެ.

އަންހެނުން މަސައްކަތުގެ މައިދާނަށް ނެރެވުނީކީ އަޅުގަނޑުމެންނަށް މިއިވޭ ފަދައިން އެކަނބަލުންނަށް މިނިވަންކަން ދިނުމަކަށްނޫނެވެ. އަދި ކިއެއްތަ! އެކަމުގެ ހަމައެކަނި ސަބަބަކީ ސިޔާސީ އަދި އިޤްތިޞާދީ ސަބަބުތަކެވެ. ޞިނާޢީ އިންޤިލާބު، ގްރޭޓް ޑިޕްރެޝަން، ބޮޑު ހަނގުރާމަތައް، މިހުރިހާ ބޮޑެތި ޙާދިޘާތަކެއް އަންހެން މަސައްކަތްތެރީންގެ ޢަދަދު އިތުރުކޮށްދިނެވެ.

އަދި ވިޔަފާރިވެރީން އެމީހުންގެ ވިޔަފާރިތައް ކާމިޔާބުކުރުމަށްޓަކައި ގިނަ މަސައްކަތްތެރީންނަށް ބޭނުންވިއެވެ. އަދި އެމީހުންނަށް އެންމެ ފަސޭހައިން އަތުޖެހުނު ބަޔަކީ އަންހެނުންނެވެ. ކޮންމެ އަކަސް އަންހެނުން މަސައްކަތަށް ނުކުތުމާ އަޅުގަޑު ދެކޮޅު ހަދަނީއަކީ ނޫނެވެ. ޚުދު އަޅުގަނޑަކީވެސް ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި މަސައްކަތް ކުރާ އަންހެނަކީމެވެ.

ނަމަވެސް ކަނޑަ އެޅީ ދީނުގައި އަންހެނުންނާ ހަވާލު ނުކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަންކަމަށް ގޮން ޖައްސަވާ މި ޤައުމުގެ ވެރިން ކުރަން މިއުޅޭ ކަންކަމާ މެދު ވިސްނާލަމާ ހިންގަވާށެވެ. ދީނީ އިލުމުވެރިން އެއް ކަމެއްގައި މިހާ ވަރަށް ބާރަށް އަޑު އުފުލަމުން ދާއިރުވެސް ޤައުމުގެ ވަލިއްޔުލް އަމުރު ހިތަށް ތަށަށް ކިޔަނީ މަރިޔަބުހޭ ވެސް އަރާ ބާއެވެ.

ބަދަލުގައި އެމޭޒޮން އަނދަމުން ދާތީ އެކަމާ އެމަނިކުފާނު ވަރަށް ކަންބޮޑުވެގެން އުޅުއްވާ މަންޒަރު ފެނެއެވެ. ނަމަވެސް އަންހެނުންގެ އަތްމަޗަށް ޤައުމުގެ އެންމެ މަތީ ކޯޓުގެ ކަންކަން ދޫކޮށްލުމުން ދެން ޤައުމަށް ވެދާނެ ގޮތަކާ މެދު ވިސްނާލެއްވި ބާއޭ ހިތަށް އަރައެވެ. މީގެ ކުރިން ޤައުމުތަކުގައި މަތީ ކޯޓުގެ ފަނޑިޔާރުކަން އަންހެނުންނާ ހަވާލުކުރުމުން މުޅި ދައުލަތް ފެއިލްވެ އަލުން ޤައުމު އާރާސްތު ކުރަން ޖެހުނު މަންޒަރުވެސް ވަނީ ފެނިގެން ގޮއްސައެވެ. މި ފަދަ ކަންކަމުން ދޭހަ ވަނީ އަންހެނުންނަކީ އެފަދަ މަޤާމުތަކަށް އެކަށިގެންވާ ބައެއް ނޫންކަމެވެ.

ދެން މިހެން ދެންނެވުމުން ބައެއް ބޭފުޅުން ވިދާޅުވެދާނެއެވެ. އެހެން ކަމުގައި ވަނީ ނަމަ އަންހެނުން އިލުމު އުނގެނީ ކީއްކުރަން ހެއްޔެވެ. ޖަވާބު ވަރަށް ވެސް ސާފެވެ. އިސްލާމްދީނުގައި ދަރީން ތަރުބިއްޔަތުކުރުމުގެ ޒިންމާދާރު ވަޒީފާ އަދާކުރުމުގެ އެންމެ އިސްބަޔަކީ މައިންކަމުގައިވީއިރު، ދަރިންނަށް ތަޢުލީމު ދެވޭނީ ފުރަތަމަ މަންމަ ތަޢުލީމު ޙާޞިލްކޮށްގެންނެވެ.

އެކަންވާރެއްގައި ހުރި އެއްޗެއް ނޫނީ އެކަންވާރަކުން ނުނުކުންނާނެއެވެ. އެހެންކަމުން އުޚްތުން ދީނީ ޢިލްމާއި ރިވެތި އަދަބުތަކާއި އަޚްލާޤު ދަސްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ކުއްޖާގެ ފުރަތަމަ މަދަރުސާއަކީ މަންމައެވެ. އަދި ކުއްޖާގެ ދީން ޙިމާޔަތްވުމާއި ނުވުން ބިނާވެގެންވަނީ ކުއްޖާގެ މަންމަގެ ކިބައިގައި ހުރި ދީނީ ޢިލްމެއްގެ މައްޗަށެވެ.

އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެތައްބައިވަރު އަންހެން ޢިލްމުވެރިން އިސްލާމީ ތާރީޚު ދެކެފައިވެއެވެ. ޙަދީޘް ޢިލްމުވެރިންނާއި ފިޤްހު ޢިލްމުވެރިންނާއި، ތަފްސީރު ޢިލްމުވެރިންނާއި ބަހުގެ ޢިލްމުވެރިންނާއި ޝާޢިރުންނާއި އަދަބުގެ ފުންނާބުއުސް ބޭކަނބަލުންނާއި، އެކިއެކި ފަންނުތަކުގެ ޢިލްމުތަކަށް އަރާތިއްބެވި އުންމަތުގެ ފަޚްރުވެރި އަންހެން ސާހިބާއިންނެވެ.

ނަމަވެސް ފަނޑިޔާރަކަށް ނުވަތަ ޤައުމުގެ ވަލިޔުލް އަމުރުގެ މަޤާމަށް ނުވަތަ ބަސް ކިޔާ ވަރުގެ މަޤާމަކަށް އަންހެނަކު އައްޔަނުކުރެވިގެން ނުވާނެއެވެ. މިއީ އިސްލާމީ އުޞޫލެވެ. މި ޤައުމުގެ އިސްލާމީ އުޞޫލުގެ ތެރެއަށް ހުޅަނގުގެ އުޞޫލުތައް ވައްދަން މަސައްކަތް ނުކުރާށެވެ.

އާމިނާ ވަދޫދު ގެނެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރުވި ފަދައިން ކަންކަން ކުރުއްވަން ނޫޅުއްވާށެވެ. ދިވެހިންނެއް އަބަދަކު ތިކަހަލަ ކަންކަން ބަލާކަށް މަޑަކުން ނުތިބޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އިބުރާހިމް 24 އޮގަސްޓް 2019 - 22:06

    އަންހެނުން ގޮތުގަ ތިބީ ފިރިހެނުން ކަމައްވާާތީ ތިހިން ތިވަނީ

ގުޅުން ހުރި
Loading...