ދީނަކީ އިޖުތިމާއީ އެއްޗެއް ކަމަށް މަންދު ކޮލެޖުގެ ޗެއަރމަން އިބުރާ ބުނެފި

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަންދު ކޮލެޖުގެ ޗެއާމަން އިބުރާ: ފޮޓޯ - ސަން އޮންލައިން

ދީނަކީ އިޖުތިމާޢީ އެއްޗެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްމާއިލް ބުނެފިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބުރާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ދީނަކީ ދިރިއުޅުން ބައްޓަންކުރަން އޮންނަ އިޖުތިމާޢީ އެއްޗެއް ކަމަށެވެ. އެހެންކަމުން ދީނުގެ ހުކުމްތައް ނެރެ ފަތުވާ ދޭމީހުންނަކީ އިލްމު އުނގެނިގެން ތިބި ބުއްދިވެރިންނަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އިބުރާ މިހެން ބުނެފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެނުން އައްޔަން ކުރަން ރައީސް ޞާލިހް ނިންމެވުމުން ގިނަ ދީނީ އިލްމުވެރިންތަކެއް އެކަމާއި ދެކޮޅު ހައްދަވާ އެއީ ދީނުގައި ހަރާމް ކަމެއް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުން ކަނޑައަޅުއްވާފައިވާ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ދީނުގައި އަންގަވާފައިވާ ގޮތާއި ފަތުވާ މަޖިލީހުގެ ނިންމެވުމާއި، ދީނީ އިލްމުވެރިންގެ ބަސްފުޅުތަކަށް ގޮންޖެހުމަށް ފަހު ޖޭއެސްސީން ވަނީ ރައީސް ޞާލިޙުގެ ނިންމެވުމާއި އެއްގޮތަށް ދެ އަންހެން ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރުހުން ދީފައެވެ.

ދީނަކީ އިޖުތިމާއީ އެއްޗެއްގެ ގޮތުގައި ސިފަކޮށް އިބުރާ ކުރި ޓްވީޓުގައި ބުނެފައި ވަނީ، ރާއްޖޭގައި ހުރީ ޝަރީޢާ ކޯޓުތަކެއް ނޫން ކަމަށާއި ރާއްޖޭގައި ހުރީ ޤާނޫނީ ކޯޓުތަކެއް ކަމުން، އެތަނަށް މުވައްޒަފުން ލާނީ ގާނޫނުގައި ވާގޮތަށް ކަމަށެވެ. އަދި ޝަރީޢާ އާއި ގާނޫނަކީ ވަރަށް ތަފާތު ދެ އެއްޗެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިބުރާ އަކީ ވަރަށް ގިނަ ފަހަރު އިސްލާމް ދީނުގެ ސިޔާސަތުތަކާއި ދެކޮޅަށް ވާހަކަ ދައްކާ މީހެއްގެ ގޮތުގައި ފާހަގަ ކުރެވި ދީނާއި ގުޅޭގޮތުން އޭނާ ދައްކާފައިވާ ތަފާތު ވާހަކަތަކާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދީނީ ކަންކަމާއި ދެކޮޅަށް ކުރިންވެސް އިބުރާ އަޑުއުފުލާއިރު އޭނާގެ މަސްލަހަތު އޮންނަ މަންދު ކޮލެޖުގައި ކްރިސްޓިއަން ދީނަށް ބާރުއަޅާފަދަ ގޮތަކަށް ދަރިވަރުންނަށް ފަތުވާދޭ ކަހަލަ ވާހަކަތަކެއްވެސް ކުރިން ވަނީ ފެންމަތިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...