ރައީސް ޞޯލިހުއަށް ކުރެވޭ ތުހުމަތުތަކާއެކު ގޭގައި މަޑުކުރަން އަންގަވާނީ ކާކު؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކު ރިލޭޝަންސް ( އެމްއެމްޕީއާރުސީ )ގެ ފައިސާގެ ތެރެއިން ސްކޯޒް އޮފް ފްލެއާޒްއިން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާ އަދި އިންފްރާ ސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަކުރަމު ކަމާލުއްދީނުގެ އެކައުންޓަށް ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަނު ކޮމިޝަން އޭސީސީން ނެރުނު ރިޕޯޓުން ހާމަވުމުން، އެ މައްސަލަ ބަލާ ނިމެންދެން އެ މިނިސްޓަރުން ޒިންމާ ތަކުން އެއް ފަރާތްކޮށް ގޭގައި މަޑުކުރަން އެންގެވި. އަދި މައްސަލަ ބަލާ ނިމުމުން އަލުން އޮފީހަށް ނުކުންނަން އެންގެވިއެވެ.

މި އަމުރު ނެރުއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ޞޯލިހުއެވެ. ނަމަވެސް އުފެދޭ ސުވާލެއް އެބައޮތެވެ. އެއީ ޤައުމެއްގެ ރައީސްއެއްގެ މައްޗަށް ތުހުމަތުތަކެއް ކުރެވި އޭސީސީން އެމަނިކުފާނުގެ މައްސަލައެއް ބަލާ ކަމުގައިވަނީ ނަމަ އެމަނިކުފާނު ވެސް ޒިންމާ ތަކުން ދުރުކޮށް ގޭގައި މަޑުކުރުވަން ނުޖެހޭ ބާއެވެ؟


ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ވަރަށް އާދަޔާ ޚިލާފު ވާހަކަތަކެއް ފެންމަތިވެގެން ދިޔައެވެ. އެއީ އޭރުގެ ރިޔާސީ ކެންޑިޑޭޓެއްކަމުގައިވާ ޅ.ހިންވަރު ނޫރާނީއާގޭ އިބްރާހިމު މުހައްމަދު ޞޯލިހުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކަންއުންޓަކަށް ފައިސާތަކެއް ޖަމާވިކަމަށް ބުނެ މެލޭޝިޔާގެ ފުލުހުން ދިވެހި ފުލުހުންގެ އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒުއަށް ސިޓީއެއް ފޮނުވި ވާހަކައެވެ.

ނަމަވެސް އޭރުވެސް އެ ވާހަކަތައް އެމްޑިޕީން ވަނީ އޮއްބާލާފައެވެ. އަދި އެކަން އެހެން އޮއްވާ ދެންވެސް އިވިގެން ދިޔައީ އަނެއްކާ ވެސް އިބްރާހިމު މުހައްމަދު ޞޯލިހުއާ ގުޅުން ހުރި ފައިސާގެ މުއާމަލާތެއްގެ ވާހަކައެވެ. މަދު އަދަދެއްގެ ވާހަކައެއް ނޫނެވެ. 4.2 މިލިއަން ޔޫރޯގެ ވާހަކައެވެ. އަދާނީ ޕްރައިވެޓު ލިމިޓެޑް ކިޔާ އިންޑިޔާ ކުންފުންޏަކުން ރައީސް ޞޯލިހުގެ ނަމުގައި މެލޭޝިޔާގެ ސީއައިއެމްވީ ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމަށް ބުނެ ލިޔެ ކިޔުންތަކެއް އަނެއްކާވެސް ދައުރުވާން ފެށިއެވެ.

މުސްކުޅިން ބުނެ އުޅޭ އަޑު އަހަމުއެވެ. އަޑެއްކިޔައިފިއްޔާ ރެދެއް ލާނެއެވެ. ކޮންމެ އަކަސް މި 4.2 މިލިއަން ޔޫރޯގެ ވާހަކައިގެ އަޑުވެސް ދުވަސްކޮޅަކުން މަޑުވާން ފެށިއެވެ. އެ އަޑު މަޑުވިތާ މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ރައީސް ޞޯލިހާ ގުޅުން ހުރި ފައިސާގެ ވާހަކަތަކެއް އަޑު ފެތުރިގެންދިޔައެވެ. 37 މިލިއަން ރުފިޔާއެއްގެ ވާހަކައެވެ. ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގިކަމަށް އެމްޑިޕީ މީހުން ބުނާ ޚިޔާނާތުގެ މައްސަލަ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ވެސް މި ފަހަރުގެ ވާހަކަތަކުން ރައީސް ޞޯލިހުއާ ގުޅިގެން ހިނގައްޖެއެވެ.

އެ ފައިސާއަކީ ރައީސް ކަމަށް އާދެވޭ އުމުރު ބަދަލު ކުރަން ޤާނޫނު އަސާސީ އިސްލާހު ކުރުމަށާއި، ނައިބު ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އާދެވޭ ގޮތް ހެދުމަށް ރައީސް ޞޯލިހު ނުވަތަ އޭރުގެ އެމްޑީޕީގެ ޕީޖީ ލީޑަރު ހިންވަރު ދާއިރާގެ މެމްބަރު އިބްރާހިމު މުހައްމަދު ޞޯލިހަށް ރިޝްވަތުގެ ގޮތުގައި ދިން ފައިސާ ކަމަށް ވަރަށް މުޢުތަބައްރު ފަރާތަކުން ނަން ހާމަނުކުރުމަށް އެދި ޗެނެލް 13 އަށް ވަނީ މީގެ ކުރިން ކަށަވަރުކޮށްދެއްވާފައެވެ.

އަދި އެ ފައިސާތަކާ ޙަވާލު ވެވަޑައިގެންނެވުމަށް ޚުދު ރައީސް ޞޯލިހު ވަޑައިގެންނެވި ކަމަށާ އަދި އެ ވަގުތު އަދީބު ދިރިއުޅުއްވާ އެޕާޓުމަންތުގައި ކުރީގެ ޕީޖީ މުހައްމަދު އަނިލްއާ ކުރީގެ ފިޝަރީޒު މިނިސްޓަރު ޑރ.މުހައްމަދު ޝައިނީވެސް އިންނެވި ކަމަށް އެމީހާ ވަނީ ޗެނެލްއަށް ކިޔާ ދީފައެވެ.


އެ ހާދިސާގެ އިތުރު ތަފްޞީލު ދެމުން އެމީހާ ބުނީ އެ ދުވަސްވަރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުގައި އޮންނެވި ދުވަސްވަރު ކަމަށާ ނަމަވެސް އެމްޑިޕީގެ ކަންކަން ނިންމުމުގައި ނަޝީދުގެ މަޝްވަރާ އަބަދުވެސް ހޯދަމުން އަންނައިރު އެ މައްސަލަ އާ ގުޅުގެންވެސް ނަޝީދުގެ ޚިޔާލު ޞޯލިހު ހޯއްދެވިއެވެ.

ނަޝީދުއަށް ޒިޔާރަތްކޮށް ވިޒިންޓިން ރޫމުގައި ތިއްބަވައިގެން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ރައީސް ކަމަށް އާދެވޭ އުމުރު ބަދަލު ކުރުމާ އަދި ނައިބު ރައީސް ކަމަށް އަދީބުއަށް އާދެވޭ ގޮތް ހެދުން ހިމެނެއެވެ. ނަމަވެސް އެ މަޝްވަރާތަކުގައި އަދީބު ނައިބު ރައީސްކަމަށް ގެންނަން ނަޝީދު ދެކޮޅު ހެއްދެވިކަމަށާ ނަމަވެސް ނަޝީދު އާ ދެކޮޅަށް ޞޯލިހު އެކަމާ ވަކާލާތުކުރެއްވި ކަމަށްވެސް އެމީހާވަނީ ޗެނެލްއަށް ކިޔާ ދީފައެވެ.

އަދި އެވާހަކަތައް ދެ ބޭފުޅުން މާފުށީ ޖަލުގެ އެ ވިޒިޓިން ރޫމުގައި ކުރިއަށް ގެންދިޔައިރު އެތާ ހުރި މޭޒާ އަދި ގޮނޑިތަކުގެ ދަށް ބަލާ ޗެކުކުރި ކަމަށާ ބެލެވޭ ގޮތުގައި ރިކޯޑަރެއ އެއްޗެއް ހުރިތޯ ޗެކުކުރި ކަމަށްވެސް އެމީހާ ވަނީ މައުލޫމާތު ދީފައެވެ.

ކޮންމެ އަކަސް ރައީސް ޞޯލިހާ ގުޅިގެން މިއަންނަ ފައިސާގެ އަދަދު ހަމަ ޔަގީނުންވެސް ކުޑައެއް ނޫނެވެ. ކަންމިހެން އޮއްވާ އަދާނީ ޕްރައިވެޓު ލިމިޓެޑް ކިޔާ އިންޑިޔާ ކުންފުންޏަކުން ރައީސް ޞޯލިހުގެ އެކައުންޓަށް ޖަމާކުރި ޔޫރޯތަކުގެ މައްސަލަ އަމިއްލަ ފަރާތުން އޭސީސީއަށް ހުށަހެޅި މައްސަލަ މި އޮގަސްޓު މަހުގެ ހަވަނަ ދުވަހު އެ ކޮމިޝަނުގައިވަނީ ރަޖިސްޓްރީ ކޮށްފައެވެ.

އަދި އެ މައްސަލަ މިހާރު ބަލަން ނިންމާފައިވާކަމަށް މިވަނީ މީޑިޔާތަކަށް އެ ކޮމިޝަނުން މައުލޫމާތު ދެއްވާފައެވެ. ރައީސް ސާލިޙުގެ އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލަ ތަޙުޤީޤު ކުރަން ނިންމާފައިވާއިރު މިކަމާބެހޭގޮތުން އެމަނިކުފާނު އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. ރައީސް ޞޯލިހުގެ މައްސަލައެއް ބެލުމަށް އޭސީސީން ނިންމުމުން އެމަނިކުފާނު ޒިންމާތަކުން އެއް ފަރާތްކޮށް ގޭގައި މަޑުކޮށްލަން ޖެހިވަޑައިނުގަންނަވާ ބާއެވެ؟ އަދި އެކަން ކުރާނީ ކޮން ފަރާތަކުންބާއެވެ؟ ރައީސް ޞޯލިހު އަމިއްލަފުޅަށް އިނިޝިއޭޓިވް ނަންގަވައިގެން ކޮރަޕްޝަނަށް ޒީރޯ ޓޮލަނރެންސް ދެއްވަން ވެ ވަޑައިގެންނެވި ވައުދު ތަންފީޒު ކުރައްވާނީބާއެވެ؟

އެމަނިކުފާނުގެ ހުންނެވި އިންސާފާވެރިކަމާ އަދި އަދުލުވެރިކަން ހާމަވެގެން ދާނެ ފުރުޞަތަކަށް މި ފަހަރު ވެގެންދާނެއެވެ. އަމިއްލަފުޅަށް އެކަމުގައި އިސްނަންގަވާ ގޭގަގއި މަޑުކުރައްވާ ނަމޫނާ ދައްކަވާނެ ރައީސަކަށް ރައީސް ޞޯލިހު ވެއްޖެއިއްޔާ ކިތަންމެ ހާވެސް ރަގަޅެވެ.

ކޮންމެ އަކަސް ރައީސް ޞޯލިހު އާ ގުޅުން ހުރި ފައިސާގެ މިފަދަ މުއާމަލާތްތަކެއްގެ އަޑު ފެތުރިގެން ގޮސްފައިވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ފާސް ކުރެއްވި ބަޖެޓު، މިހާތަނަށް ރާއްޖޭގައި ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓު ނުވަމަސް ނުވަނީސް ވީނުވީ ނޭނގި ގެއްލިއްޖެއެވެ. ރައްޔިތުންނަށް ވި ފާއިދާއެއް ކުރި މަންފާއެއް ނެތެވެ.

ދެން އޮތީ ދައުލަތަށް ލިބުނު 1.9 ބިލިއަން ރުފިޔާގެ ތެރެއިން ވީނުވީ ނޭނގި ގެއްލުނު 1.8 ބިލިއަން ރުފިޔާއެވެ. ރައީސް ޞޯލިހުއޭ ކިޔާފައި ދެން މިކިޔަންޖެހޭ ފައިސާގެ އަދަދުތަކުން ބިރުން ފިތްކަނޑައިގެން ގޮސް ދެލޯ ބޮޑުވެ އަނގަ ތަތް މިނަށް ހުޅުވިގެންދެއެވެ. އެކަން ވާނީ ވެސް އެހެންތާއެވެ.

ނަޒާހަތްތެރި ބޭފުޅެއްކަމަށް ވިދާޅުވި މި ބޭފުޅާގެ ފަސްބައިގައި މިހާ ގިނަ ފައިސާ އެލުފައިވަންޏާ އަޅުގަޑުމެންނަށް ޤަބޫލުކުރަން އުނދަގޫ ވެސް ވާނެ ނޫންތޯއެވެ. ނުލާހިކު ނަޒާހަތްތެރި މަޑުމޮޅި ތުނި ރަން ކޮކާލެއްވިއްޔާއެވެ. ކޮންމެ އަކަސް ރިޕޯޓު ނިންމާލަމުން ވެސް އަޅުގަޑު ހަމަ ހިތާ ހިތާ ކުރެވޭ ސުވާލަކީ ރައީސް ޞޯލިހު އަރިހު ގޭގައި މަޑުކުރަން އަންގަވާނީ ކޮން ފަރާތަކުން ބާއެވެ؟

ނުވަތަ ރައީސް ޞޯލިހު އަމިއްލަފުޅަށް އެކަން ކުރައްވާނެ ތޯއެވެ؟ އަދުލުވެރި ވެރިއެއް ކަމުގައިވާނީ ނަމަ ތަންފީޒު ކުރައްވާނެއެވެ. އަމިއްލަފުޅު އިސްތަށިފުޅުގައި އެޅޭ އިލްޒާމެއްކަމުގައި ވިޔަސް މެއެވެ. ދިވެހި ތާރީޚުން ވެރިއަކު ވަނީ އެ ނަމޫނާ ދައްކާވާފައެވެ.

އަމިއްލަފުޅު އެކައުންޓަށް ޖަމާވި ގޮތް ނޭނގޭ ފައިސާތަކެއްގެ ތަޙުގީގުކުރަން އެ ރައީސް ވަނީ އެމަނިކުފާނުގެ ޒަޢާމަތުގައި އަމުރުކުރައްވާފައެވެ. މިފަދަ ނަމޫނާއެއް ދައްކަވަން ރައީސް ޞޯލިހުއަށް ކެރިވަޑައިގަންނަވާނެ ބާއެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ކެރޭނެ 22 އޮގަސްޓް 2019 - 03:47

    ނުކެރޭނެ. އިބުރާހިމައް ގޭގަ ހުންނާން.

  2. ށެވެ 21 އޮގަސްޓް 2019 - 23:03

    މިހާ ދިގުކޮށް ލިޔުނީމަ ކިހިނެއް ހޭ މި ކިޔާނީ

ގުޅުން ހުރި
Loading...