ބަގީޗާގެ ނަން ބަދަލު ކުރިޔަސް ޔާމީންގެ ތަރައްގީ ނުފޮހެވޭނެ: ޑރ. މުއިއްޒު

- ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު -

ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރިޔަސް ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ރައްޔިތުންގެ ހިތުން ނުފޮހެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްރަނި ބަގީޗާ ހުޅުވިތާ ދެ އަހަރުވުމާއި ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަގީޗާ ހުޅުވުނުތާ ދެ އަހަރު ވުމުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކުޑަކުދިންނާ އާއިލާ ތަކަށް ތަހުނިޔާ ދަންނަވާ ކަމަށާއި ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރިއަސް ރައީސް ޔާމީންގެ ތަރައްގީ ރައްޔިތުންގެ ހިތްތަކުން ނުފޮހެވޭނެ ކަމަށެވެ.

އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށް ތަރައްޤީކުރެވިފައިވާ ރަސްރަނި ބަގީޗާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އެކާވީސް ވަނަ ދުވަހުގައެވެ.

ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ބަގީޗާއަކީ ހުރިހާ ދިވެހިންގެ ތަނެއްކަމާށާއި، އެފަދަ ބަގީޗާއެއް ހެދުމުގެ ބޭނުމަކީ، ކުޑަކުދިންނަށް ފަންނީ މަސައްކަތްކުރެވޭ، ތަޢުލީމީ ތަޖުރިބާ ލިބޭފަދަ ތަނެއް ޤާއިމުކުރުން ކަމަށެވެ.

އެ ޕާކަކީ ވިރާނަވެގެން ދަނިކޮށް ރައީސް ޔާމީންގެ އިސްނެންގެވުމަށް ކުޑަކުދިންނަށާއި ޢާއިލާތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކުރުމަށް ތަރައްޤީކުރި ޕާކެއްކަމަށް ގިނަ ރައްޔިތުން ބުނެއެވެ. އެ ބަގީޗާއަކީ ތަފާތު އެކި ބައިތަކާއި ވަޞީލަތްތަށް ހިމަނައިގެން ތަރައްޤީކުރެވިފައިވާ ބަގީޗާއެކެވެ.

އެ ބަގީޗާގައި ކުޑަކުދިންނަށް ޚާއްޞަ ޙަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމްތައް ހަމަޖެހިފައިވުމުގެ އިތުރުން، އެ ބަގީޗާއަކީ އެކި ޢުމުރުފުރާތަކަށް ވެސް ހިތްހަމަޖެހޭ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ ހިތްފަސޭހަ މައިދާނެކެވެ.

ރާއްޖޭގައި އޮތް ރަސްކަން، 1968 ގައި ނިމުމާ އެކު އޭރު ގަނޑުވަރު ހުރި ތަން ބަދަލުކުރީ ސަލްޓަން ޕާކަށެވެ. ރަސްރަނި ބަގީޗާގެ ނަމަށް ސަލްޓަން ޕާކު ބަދަލުކުރީ 2017ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި ސަލްޓަން ޕާކަށް 50 އަހަރު ފުރުނު އިރުގައެވެ. ނަމަވެސް ދާދިފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ އެތަނުން ނަން އަލުން ސަލްޓަން ޕާކުގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

މިކަމާ ގުޅިގެން ސަރުކާރަށް ވަނީ ގިނަ ރައްޔިތުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...