ހައްޖާޖީންނަން ޚާއްޞަކޮށް އައިޖީއެމްއެޗްގައި ވަކި ކްލިނިކެއް ހުޅުވައިފި

ޙައްޖާޖިންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް އައިޖީއެމްއެޗުގައި ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ހައްޖާޖީން މާލެ އައިސް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް އެ ހޮސްޕިޓަލުގައި ހަމަޖައްސާފައިވާ ކަމަށެވެ. އައިޖީއެމްއެޗުން ވިދާޅުވީ ހައްޖާޖީންނަށް ހާއްސަކޮށް ހައްޖު އޯޕީޑީގެ ނަމުގައި ކްލިނިކެއް ހުޅުވާފައިވާ ކަމަށާއި ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 ޖެހުމާއި ދެމެދު އެ ކްލިނިކުން ޚިދުމަށް ފޯރުކޮށްދޭނެ ކަމަށެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ހައްޖު އޯޕީޑީން އެއްވެސް އެޕޮއިންޓްމަންޓަކާ ނުލައި ހައްޖާޖީންނަށް ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ. އަދި ހައްޖުވެރިން ހައްޖުން އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް، ކެއްސާ، ނޭވާލާން އުނދަގޫވެ އެހެން އިތުރު ބަލިމަޑުކަމެއްގެ އަލާމާތެއް ފެންނަނަމަ ލަސްނުކުރައްވާ ޑޮކްޓަރަކަށް ދެއްކެވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖެއިން ހައްޖަށްދިޔަ ހައްޖާޖީން މިމަހުގެ 19ވަނަ ދުވަހުން ފެށިގެން މާލެ އަންނަން ފަށާފައިވާއިރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިމަހު 31 ވަނަ ދުވަހުއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން 2000 މީހުން ހައްޖަށް ގޮސްފައިވާއިރު އޭގެ ތެރެއިން ޙައްޖާޖީއަކު ވަނީ ސްޓްރޯކެއް ޖެހި މިނާގައި ނިޔާވެފައެވެ. ކޮންމެ ހައްޖު މޫސުމަކުވެސް ރާއްޖެއިން ހައްޖަށްދާ މީހުން ހައްޖުވުމަށް ފަހު އެނބުރި އަންނައިރު ތަފާތު ރޯގާތައް ފެތުރިއެވެ.

އެކަމާ ގުޅިގެން ރޯގާތައް އިތުރުވެދާނެތީ އެކަމަށް ސަމާލުވުމަށްވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...