ޖޭއެސްސީއަށް ކުރިމަތިލެވޭނެ ހަގު އުމުރަކަށް ތިރީސް އަހަރު ކަނޑައަޅައިފި

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއޮިން. ފޮޓޯ: މަޖިލިސް އިދާރާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް ކުރިމަތިލެވޭ އުމުރު ތިރީހަށް ކުޑަކުރަން ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެވޭ އުމުރު 40އަށް ބަދަލުކުރުމަށް ޖޭއެސްސީގެ ގާނޫނަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އިސްލާހު ހުށަހެޅުއްވި ނަމަވެސް، އެކަމާ ބާ ކައުންސިލުންނާއި ގިނަ ވަކީލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކޮމިޓީގައި ދިރާސާކޮށް އެ ހުށަހެޅުމަށް ބަދަލު ގެނެސްފައިވަނީ ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެވޭ އުމުރު ތިރީހަށް ބަދަލުކުރުމަށެވެ. މީގެ އިތުރުން މެމްބަރުކަމަށް ކުރިމަތިލާ ފަރާތަކީ ވަކީލެއް ނަމަ، އޭނާއަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ޖޭއެސްސީއަށް އައްޔަންކުރާ ވަކީލަކު އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށް ބިލުގައި ކުރިން އޮތް ނަމަވެސް، އެ މާއްދާއަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ބަންޑާރަ ނައިބަށް ކޯޓުތަކުގައި ވަކާލާތު ކުރެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އަދި ޖޭއެސްސީގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމުން ދުރުކުރެވޭނެ ގޮތްތަކެއް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރަން ހުށަހަޅައި، ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ، މަގާމުން ވަކިވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

އަދި ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމުން، އެ މައްސަލަ އެއްވެސް ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...