ފިޝަރީޒް މިނިސްޓަރީ އާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަ އެއް ހުށަހަޅަން ނިންމައިފި

ފިޝަރީޒު މިނިސްޓަރު ޒަހާ. ފޮޓޯ: ޕީއެސްއެމް

ރ. ފައިނުގައި ކުރިއަށްދާ ޕްރޮޖެކްޓަކަށް ތަކެތި ސަޕްލައިކުރަން ހުޅުވާލި ބިޑެއް އެވޯޑް ކުރުމުގައި ކަރަޕްޝަނަށް މަގުފަހިވާގޮތަށް ފިޝަރީޒް މިނިސްޓްރީން އަމަލުކޮށްފައިވާކަމަށް ބުނެ އެ މައްސަލަ އެންޓިކަރަޕްޝަން ކޮމިޝަން އޭސީސީއަށް ހުށަހަޅަން ބިޑުގައި ބައިވެރިވި ކުންފުންޏަކުން ނިންމައިފިއެވެ.

ރ. ފައިނުގައި ކުރިއަށްދާ ޕްރޮޖެކްޓަކަށް ތަކެތި ސަޕްލައިކުރަން ހުޅުވާލި ބިޑެއް އެވޯޑް ކުރުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަން ނިންމީ ކްރިނަޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.

އެ ކުންފުނިން ބުނީ އެ މައްސަލަ ހުށަހަޅަން ނިންމީ މާކްސްދިނުމުގައި އުސޫލާ ހިލާފަށް ފިޝަރީޒް މިނިސްޓްރީން އަމަލުކޮށްފައިވާކަން ހާމަވުމުންކަމަށެވެ. އެގޮތުން އެންމެ ކުޑައަގު ހުށަހެޅީ އެ ފަރާތުން ކަމަށާ އެހެން ނަމަވެސް ބިޑް ކާމިޔާބު ކުރީ އެންމެ ބޮޑު އަގު ހުށަހެޅި އޭއާރު ބިޒްނަސް މޯލްޑިވިސް ކިޔާ ކުންފުނިން ކަމަށެވެ.

ބިޑް ކާމިޔާބުކުރި ކުންފުނިން ހުށަހަޅާފައި ވަނީ ދެ ލައްކަ ސާޅީސް އަށް ހާސް ސުއި ސައްތަ ތިރީސް ހަތަރު ރުފިޔާ ފަންސާސް އެއް ލާރިއެވެ. އަދި ދެ ދުވަސް ތެރޭ ތަކެތި ސަޕްލައި ކުރާނެކަމަށް އެ ކުންފުނިން ހުށަހެޅި ބިޑުގައި ބުނެފައިވެއެވެ.

އެންމެ ކުޑައަގެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އެއް ލައްކަ ހަތްދިހަ އަށް ހާސް ފައްސަތޭކަ ބާވީސް ރުފިޔާއެވެ. އެ ކުންފުނިން ތަކެތި ސަޕްލައިކޮށްދޭނެކަމަށް ބުނެފައިވަނީ 11 ދުވަހުންނެވެ.

އެ ބިޑަށް މާކްސް ދީފައިވަނީ އަގަށް 70 ޕަސަންޓް، މުއްދަތަށް 20 ޕަސަންޓް އަދި ތަޖުރިބާއަށް 10 ޕަސަންޓްގެ އުސޫލުން. މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...