ރައީސްގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާވި މައްސަލަ ތަޙްޤީޤު ކުރަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާވެފައިވާ މައްސަލަ ބަލައިދިނުމަށް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅި މައްސަލަ ތަޙްޤީޤު ކުރަން ނިންމައިފިއެވެ.

ރައީސް ޞާލިޙުގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާވި މައްސަލަ ހުށައެޅި ފަރާތުން ބުނީ އެ މައްސަލަ ތަޙްޤީޤު ކުރަން ނިންމާ އޭސީސީން އޭނާއަށް އެކަން އަންގާފައިވާ ކަމަށެވެ.

ރައީސް ސާލިޙުގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ އިންޑިއާގެ އަދާނީ އެކްސްޕޯޓް ނަމަކަށް ކިޔާ ކުންފުޏަކުން އެމަނިކުފާނުގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ (72 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ. އެއާއެކު ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތައް އެކުންފުންޏަށް ދޭންއުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

ރައީސް ސާލިޙުގެ އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލަ ތަޙުޤީޤު ކުރަން ނިންމާފައިވާއިރު މިކަމާބެހޭގޮތުން އެމަނިކުފާނު އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރައީސް ޞާލިޙާއި ގުޅޭ ފައިސާތަކެއްގެ މައްސަލަ ފެންމަތިވެފައިވާއިރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް ރައީސް ޞާލިޙުގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވި ކަމުގެ އަޑުތަކެއް ވަނީ ފެންމަތިވެފައެވެ. އަދި ހުޅުމާލޭ ދާއިރާގެ މެމްބަރުކަން ކުރައްވާ ރައީސް ޞާލިޙްގެ ކޮއްކޯފުޅު އަލީ ނިޔާޒްގެ އެކައުންޓަކަށް ފަސް މިލިއަން ޑޮލަރު ޖަމާވިކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އަލީ ނިޔާޒްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް މަޖިލިސް އިންތިޚާބާއި ދިމާކޮށް ޖަމާކޮށްފައިވާ ފައިސާ އަކީ ރިޝްވަތުގެ ގޮތުގައި ބެހުމަށް ހޯދާފައިވާ ފައިސާތަކެއް ކަމަށް ބުނާ އަޑުތަކެއް ވަނީ ފެންމަތިވެފައެެވެ. އަދި މެލޭޝިއާގެ ކޮމާޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށް ރާއްޖޭގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުވާފައިވާ ލިޔުމެއްގައި ނިޔާޒްގެ ފައިސާގެ މައްސަލައެއް ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ރައީސް ޞާލިޙާއި އެމަނިކުފާނުގެ ކޮއްކޯފުޅުގެ މައްޗަށް ތުހުމަތު ކުރެވޭ ފައިސާގެ މައްސަލަތަކެއް ފެންމަތިވެފައިވާ އިރު ސަރުކާރުން މިއަހަރަށް ފާސްކުރި 32 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ހުސްވެދިޔަ ގޮތާއި ގުޅޭގޮތުންނާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބުނު 1.9 ބިލިއަން ރުފިޔާގެ ތެރެއިން 1.8 ބިލިއަން ރުފިޔާއަށް ވީ ނުވީއެއް ނޭންގުމާމެދު ވެސް ސަރުކާރުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...