މަސްވެރިކަމުގެ ބިލް ސިފަކުރެވެނީ މަޖިލީސް ރައީސަށް ކުރި މަލާމާތެއްގެ ގޮތުގައި: ޝިޔާމް

މަސްވެރިކަމުގެ ބިލް ފެންނަނީ ދިވެހި މަސްވެރިންނަށާއި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރި މަލާމާތެއްގެ ގޮތުގައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލަށް ބަހުސްކުރައްވަމުން ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ބިލަކީ މަލާމާތެއް ކަމަށް ވިދާޅުވަނީ، ތިރީހަށްވުރެ ގިނަ ގަޑިއިރު މަސްވެރިކަމުގެ ގަރާރުތަކަށް ހޭދަކޮށް ނިމުނީމައި، މަސްވެރިކަމުގެ ބިލެކޭ ކިޔާފަ ރައީސް މައުމޫނުގެ ޒަމާނުގައި އެމަނިކުފާނު ޑްރާފްޓް ކުރެއްވި ބިލެއް ލިބި ވަޑައިގެންނެވުމުން ކަމަށެވެ.

އަދި އެ ބިލުގެ ފްރޭމް ވޯކަކީ ޒަމާނަށް ނުފެތޭ އައުޓް ޑޭޓެޑް ފްރޭމްވޯކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް އަދި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އެއްވެސް މެންބަރަކު އެ ބިލް ވިދާޅުނުވާ ކަމަށް ތުހުމަތު ކުރައްވަމުން ޝިޔާމް ވަނީ މަޖިލީހަށް ސަރުކާރުން ބިލް ފޮނުވާފައިވާއިރު، އެމްޑީޕީގެ މެންބަރުން ޤާރާރުތައް ހުށަހަޅުއްވައިގެން ނެރެން ބޭނުންވާ ހަގީގީ މަގުސަދު އެ ބިލުން ދޭހަ ނުވާކަން އެމްޑީޕީގެ މެންބަރުން ބިލަށް ބަހުސް ކުރައްވާއިރު ދައްކަވާ ވާހަކަފުޅުތަކުން ހާމަވެގެންދާކަމަށް ވިދާޅުވެފައެވެ.

އެގޮތުން މަސްވެރިންނަށް ހަމައަގު ހޯދައިދެވޭނެ ގޮތް ބިލުގައިނެތް ކަން އެމްޑީޕީގެ މެންބަރުންވެސް ފާހަގަކުރައްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ބިލުން މަސްވެރިންނަށް ލިބޭ ފައިދާއެއް ނެތް ކަމަށާއި، މަސްވެރިންގެ އުޅަނދުފަހަރަށް އަޅާ ޑީސަލުން ޑިއުޓީ ކަނޑާލިތާ އެއްއަހަރު ވެގެންދިއަ އިރު، އެއިންވެސް މަސްވެރިންނަށް ކުރި ފައިދާއެއް ނެތްކަން މަސްވެރިންގެ ވާހަކަތަކުން އެނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި މިއަދުވެސް މަސްވެރިން ފެލިވަރަށް ނުވަތަ ކޫއްޑޫއަށްގޮސް ބައި ޓަނު ހަމަނުވާ މަސްކޮޅު ކިރާލީމަ އެއް މަސްވާ އިރުވެސް މަސްވެރިންނަށް ފައިސާކޮޅު ނުލިބޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި މަސްވެރިކަން ހަލާކުކޮށްލުމުގެ ނިޔަތުގައި މަސައްކަތް ކުރަމުންދާތަން ފެންނަމުންދާ ކަމަށާއި، ބޭރުގެ މަސްބޯޓްފަހަރުތަކަށް ރާއްޖޭގެ ކަނޑުތަކަށް ވަދެވޭގޮތަށް ގެންނަންއުޅޭ އިސްލާހުތަކަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...