ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހުގައި ބޭއްވުމަށް ތާވަލްކޮށްފި

- ރައީސް އަބްދުﷲ ޔާމީން -

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައާއި ގުޅިގެން ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސް ނެގުމަށް ބުރާސްފަތި ދުވަހު އަޑު އެހުމެއް ބާއްވަން ތައާވަލް ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑީޖޭއޭއިން ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށް ތާވަލުކޮށްފައިވާ ކަމަށެވެ. އަދި އެ ޝަރީއަތް ވެސް ލައިވް ކުރަން ހަމަޖެހިފައިވާ ކަމަށްވެސް ޑީޖޭއޭއިން ވިދާޅުވިއެވެ. މިއީ ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ނެގުމަށް ބާއްވާ ދެވަނަ އަޑުއެހުމެވެ.

ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އަޑުއެހުމުގައި ވެސް އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ނެގުމަށް ވަނީ ނިންމާފައެވެ.

މި މައްސަލއިގާ ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ގޮތުގައި މުއައްވިޒުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒާއި މުހައްމަދު ޝަރީފު ވެސް ދައުލަތުން ވަނީ ހުށައަޅާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ނަމުގައިވާ އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ.

މި މައްސަލައިގާ ހެކިބަސް ދެމުން މުޢަވިއްޒު ކުރިން ބުނެފައި ވަނީ ރައީސް އޮފީހުގައި ރައީސް ޔާމީނާއި ބައްދަލު ކުރެއްވި ކަމަށާއި އެބައްދަލުވުމުގައި ހަސަން ލުތުފީ ބައިވެރިވި ކަމަށެވެ. އެއާއެކު ރައީސް ޔާމީން ވަނީ ބައްދަލުވުން ބޭއްވީ ރައީީސް އޮފީހުގެ ކޮން ފްލޯއެއްގައިތޯ އާއި ބައްދަލުވުން ދިގުދެމިގެން ދިޔައީ ކިހާ އިރަކަށްތޯ ސުވާލު ކުރައްވާފައިވެއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި ރައީސް ޔާމީނާއި ކުރަން އޭސީސީ އިން ބޭނުންވި ސުވާލުތައް އީމެއިލް މެދުވެރިކޮށް ރައީސް ޔާމީނަށް ފޮނުވުމުން، އީމެއިލް މެދުވެރިކޮށް އެސުވާލުތަކުގެ ޖަވާބު ރައީސް ޔާމީން ދެއްވެވި ކަމަށް މައުލޫމާތު ލިބެއެވެ.

އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން، މުޢައްވިޒާއި ބައްދަލު ކުރެއްވިކަން ދެއްކުމަށްޓަކައި ރައީސް އޮފީހާއި، އޭސީސީގެ ޔައުމިއްޔާތަކެއް އެދުވަސްވަރުގެ ތާރީޚް ޖެހުމަށް ފަހު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގެ ޙަބަރުތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

މި މައްސަލާގައި ރައީސް ޔާމީން ވަނި ތަކުރާރުކޮށް އެސްއޯއެފް ކިޔާ ކުންފުންޏެއް އެނގިވަޑައިނުގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...