ވަޒީފާއިން ވަކި ކުރަމުންދަނީ ތަރައްގީގައި ބުރަކޮށް އުޅުނު މުވައްޒަފުން: ޑރ. މުއިއްޒު

- ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު -

މި ސަރުކާރުން ވަޒީފާއިން ވަކިކޮށް ނިކަމެތި ކުރަމުންދަނީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ތަރައްގީގައި ބުރަކޮށް އުޅުނު މުވައްޒަފުން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރަމުންދާ މިދަނޑިވަޅުގައި ހޭޝްޓެގް ހައްގުމިންވަރު ޓެގު ކުރައްވާ ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީފާއިން ވަކިކޮށް ނިކަމެތިކޮށްލަމުން ދަނީ ރައީސް ޔާމީނުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއްގައި މަަސައްކަތް ކުރި މީހުން ކަމަށެވެ.

އަދި ހާއްސަކޮށް މަގު ހެދުމުގެ މަޝްރޫއު ތަކުގައި ބުރަކޮށް ނުހަނު ހީވާގި ކަމާއި އެކު ހިދުމަތްތަކެއް ކުރި މުވައްޒަފުންނާއި އެމުވައްޒަފުންގެ އާއިލާތައް ކަމަށް ވިދާޅުވިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަން އިއްޔެ ނޯޓިސް ދީފަވާއިރު މިނިސްޓްރީން ސިޔާސީ ފިކުރަށް ބެލުމަށްފަހު ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވިކަން ކަށަވަރު ކުރެވުނު މުއައްޒަފުންގެ އަދަދު 44 އަރާއިރު އޭގެތެރޭގައި ގއ ވިލިނގިިލިން 10 މުވައްޒަފަކާއި ފުވައްމުލަކުން 9 މުވައްޒަފަކު، ތ. ވިލިފުށިން 7 މުވައްޒަފަކު ހިމެނެއެވެ.

މީގެ އިތުރުން ކުޑަހުވަދޫން ވަނީ އެމްއާރްޑީސީން ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރި 18 މުއައްޒަފަކަށް ނޯޓިސް ދީފައިވެއެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ވައުދާއެކުއެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ވަކިކުރި މުވައްޒަފުންގެ އަދަދު އެތައް ސަތޭކައަކަށް އަރާ ކަަމަށް ވެއެވެ. މީގެ ތެރެއިން ގިނަ މުވައްޒަފުން ވަކިކޮށްފައި ވަނީ ސިޔާސީ ފިކުރަށް ބަލާފައި ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަމުންދާއިރު، ސިޔާސީ މަގާމުތަކަށް މިހާރުވެސް ގެންދަނީ ގިނަ އަދަދެއްގެ މީހުން އައްޔަން ކުރަމުންކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...