މާލިތަކުގެ ޒަރީޢާއިން ރައްޔިތުންގެ ޝުއޫރުތައް ބަންޑުން ޖަހާލައިފި

މާލި ނެރުމަކީ ރައްޖޭގައި ޢީދު ތަކާ ދިމާކޮށް ކުޅޭ ކުޅިވަރުތަކުގެ ތެރެއިން އެކި ހިސާބުތަކުގައި ކޮށްއުޅޭ ކަމެކެވެ. މީގެ ކުރިން ނެރެ އުޅުނީ ކަފަ މާލި ބަބުރު މާލި އަދި ވެސް މިފަދަ ތަފާތު ނަންތަކެއް ދީފައިވާ މާލިތަކެއް. މާލިތައް ނެރެނީ ދިވެހި ކާބަފައިން ކޮށް އުޅުނު ސަގާފީކަންކަން ދެމެހެއްޓުމަށެވެ. ނަމަވެސް މިހާރު މާލިތައް ނެރުން ފެނިގެން ދަނީ ވަރަށްވެސް ތަފާތުކޮށެވެ.

މިއަހަރުގެ އަޟްހާ އީދުގެ ފުރަތަމަ ތިން ދުވަސް ނިމިފައިވާ އިރު މިއަހަރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެ ފޯރިއާއެކު ކުރިއަށްދާ އެއް ހަރަކާތަކީ މާލި ހަރަކާތްތަކެވެ. ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މިހަރަކާތް ވަނީ ވަރަށް ތަފާތު ގޮތަކަށް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ބަލާއިރު މި ފަހަރުގެ މާލިތަކުގެ ޒަރީއާއިން ރައްޔިތުންވަނީ ޤައުމުގެ ވެރިންނަށާ އަދި ވުޒާރާތަކަށްވެސް ޚާއްޞަ މެސެޖުތަކެއް ދޫކޮށްލާފައެވެ. މާލިތަކަށް ބަލާލުމުން ސިކުނޑި އެކ ކިޔާފައި މީދާ ކޭ އުނބެއް ނެތިއްޔާ ކޮންމެ މީހަކަށްވެސް އެވަރު ވިސްނޭނެއެވެ. އެއްވެސް ހާލެއްގައި މި ދަންނަވަނީ ޤައުމުގައި މި ވަގުތު ތިއްބެވި ވެރިންނަކީ ކޮހުންނެކޭ ނޫނެވެ.

ހދ. ކުޅުދުއްފުށީގައި މަށިމާލި ޕެރޭޑްގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ވަރަށް ގިނަ ބައެއްގެ ޝައުގު ހުއްޓުނެވެ. ވަރަށް ވެސް ތަފާތު މާލި ތަކަކާއެކު ވިއްސާރައިގައި ކުރިއަށް ދިޔަ އެ ޕެރޭޑުގައި ލޮލުގައި އަޅާއިގަތް ކިތަންމެ ކަމެއްވެސް ހުއްޓެވެ.

ސަރުކާރު ޒިންމާދާރުކުރުވަން އެތައް މެސެޖްތަކެއް އެ މާލިތަކުގެ ޒަރީއާއިން ދޫކޮށްލިއެވެ. ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު މި ސަރުކާރު ޒިންމާދާރު ކުރުވަން ބޭނުން ކުރެއްވި ހަތިޔާރަކީ ޓްވީޓާ ކަމަށްވާއިރު ދިވެހި ރައްޔިތުން މި ފަހަރު ބޭނުން ކުރި އުކުޅަކީ މާލިތަކެވެ.

ހދ. ކުޅުއްފުށީ ރައްޔިތުން ފުޅަނދުބުރުގެ ހަރަކާތެއްގެ ގޮތަށް ކުރިއަށް ގެންދިޔަ އެ މަށިމާލި ޕެރޭޑަކީ އެތައްކަމެއް އޭގެ ތެރޭގައި ހިމެނޭ އަދި އެތައް ބައިވަރު ވައްތަރުގެ މާލިތަކުގެ އިތުރުން މެސެޖުތަކެއް ގެނެސްދޭ ކުޅިވަރެކެވެ. އޭރެއްގައި އެންމެ “ޓްރެންޑިންގ” ކަންކަމަށް ހަޖޫ ޖަހާލުމެކެވެ.

އަދި އެމައްސަލަތައް މަށިމާލި ޕެރޭޑްގެ ތެރެއިން ހިއްސާކޮށް އެމައްސަލަތައް ގައުމުގެ އިސްވެރިންގެ ސަމާލުކަމަށް ގެނައުމަކީ މިކަމުގެ މަޤްސަދެއް ކަމަށް އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

މިއަހަރުގެ މަށިމާލި ޕެރޭޑުންވެސް ސިޔާސީ ގިނަ ޖޯކްތަކެއް ފެށިގެން ދިޔަ ސަރުކާރުން ރައްޔިތުންނަށްވެފައިވާ ބައެއް ވައުދުތައް ނުފުއްދާތީ އެކަމަށްވެސް ހަޖޫ ޖަހާފައިވެއެވެ.

އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލު ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށް މި ސަރުކާރުން ވީ ވައުދަށް އަދިވެސް އަމަލީ ސިފައެއް އަންނަން ފަށަފައި ނުވުމުން އެކަން ހަނދާކޮށް ދެމުން އެ ރައްޔިތުންވަނީ ތަފާތު މާލިތަކެއް ދައްކާލާފައެވެ.

އޭގެ ތެރޭގައި އެމްއާރުއައި މެޝިނުގެ ނަމުގައި ހަދާފައިވާ މާލި އަކާ ބަލި މީހާގެ ޚާއްޞަ ކޮއްތު، ހޮސްޕިޓަލު ކެންޓީނުގެ ޚާއްޞަ އެހީ މިނަމުގައި ނެރުނު މާލިވެސް ފާހަގަކުރެވެއެވެ. މީގެ އިތުރުން އެހެން ހޮސްޕިޓަލުތަކުގައި އެއާކޯނު، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފުރެޝް އެއަރ މިހެން ކިޔާ މާލިއެއްވެސް ނެރުނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާއި އެހެން ހޮސްޕިޓަލުތަކުގައި އޭސީ ބޭނުންކޮށްގެން ފިނިކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު އެހޮސްޕިޓަލަށް އެއިންތިޒާމް ހަމަޖެހިފައި ނެތީ ކީއްވެތޯ އެމީހުން ވަނީ ސުވާލުކޮށްފަ އެވެ.

އަދި ހޮސްޕިޓަލަށް ބޭނުންވަނީ މަސް ފެންގަނޑުތަކާއި ކެފެޓީރިއާތައް ނޫންކަމަށާއި ބޭނުންވަނީ ފެންވަރު ރަނގަޅު ޚިދުމަތްތައްކަންވެސް އަންގާ ދީފައިވެއެވެ. ޞިއްޙީ ދާއިރާއިން އެރައްޔިތުންނަށް ވީ ވައުދު މިނިސްޓަރު އަމީނަށް ހަނދުމަކޮށްލަ ދިނީއެވެ.

މީގެ އިތުރަށް ކުޅުދުއްފުށްޓަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށްވެސް ބައެއް ފުޅަނދުތައް ވަނީ ހާއްސަކޮށްފަ އެވެ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ރޯހައުސްތައް އެއްކޮށް ނިމިފައި ވާއިރުވެސް، އެއްވެސް ރައްޔިތަކާ ހަވާލުނުކޮށް އެތަނުގައި ގަސްފަޅައި ސާފުނުކޮށް ވީރާނާވާން ދޫކޮށްލާފައިވާތީ އެކަން ސަރުކާރަށާއި ކަމާ ގުޅޭ އިސްވެރިންގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ.

މިފުޅަނދަށް އެރަށު ރައްޔިތުން ދީފައިވާ ނަމަކީ ގުނބޯދަޅަ އެވެ.

ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންނާ ދެމެދު ސަރުކާރުން ދޭން ވައުދުވި ފެރީގެ ނިޒާމަށްވެސް ވަރަށް ފުރިހަމައަށް މި މާލި ޕެރޭޑްގައި ވަނީ ހަޖޫޖަހާލާފަ އެވެ. އެގޮތުން އެފަދަ ތަފާތު ދެ ފުޅަނދެއް ދައްކާލާފައިވެ އެވެ. ޗޮކުން ފެރީގެ ނަމުގައި ނެރުނު އެ މާލި ނުވަތަ ފުޅަދަކީ މިނިސްޓަރު ނަހުލާއަށް ޚާއްޞަ އެއްޗެކެވެ. ވައުދެއްގެ ހަނދާން އާ ކޮށްލަ ދިނުމެކެވެ.

މީގެ އިތުރުން މި ސަރުކާރުގައި އެންމެ ޒިންމާދާރު އެއް ވަޒީރު ޖެންޑަރ މިނިސްޓަރުގެ ބަސްފުޅަކަށްވެސް މި މާލި ޕެރޭޑުގައި ހަޖޫ ޖަހާފައިވެއެވެ. އެގޮތުން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޖޫން މަހުގެ އަށާރަ ވަނަ ދުވަހުގެ ރޭ ދަންވަރު ގެއްލުނު އަބްދުﷲ ޝައިމު ގެއްލުމުން ޝިދާތާ ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކެކެވެ.

ޝިދާތާ ވިދާޅުވީ ޝައިމް ގެއްލުނީ އޭނާ އަކީ އާދަކޮށްވެސް ނިދާއިރު މޫނާ އެއްކޯށް ބެޑް ޝީޓު އަލާއިގެން ނިދާ ކުއްޖަކަށް ވާތީ އޭނާ ގެއްލުނު ރޭ ވެސް އެނދުގެ ބާލީސްތައް އަތުރާ ބެޑް ޝީޓު އަލާފައި އޮތުމުން ސުޕަވައިޒް ކުރާ ބޭފުޅުންނަށް ނުބެލުމުން ކަމަށެވެ.

ޝީދާތާގެ އެ ވާހަކަތަކާ ގުޅިގެން ނެރުނު މާލިއަށް ދީފައިވަނީ އެ ދައިތާގެ ގެއްލުވާލާ ބެޑް ޝީޓެވެ.

މީގެ އިތުރަށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ފާޑު ކިޔައި ފުޅަނދުތަކެއް ތައްޔާރުކޮށްފައިވާއިރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށްހުރި ހާޖަރާގޭ ލުތުފީ ރާއްޖެ އައި މަންޒަރުވެސް މި މާލި ޕެރޭޑްގައި ދައްކާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

މުޅި ފުޅަނދުބުރުންވެސް އެންމެ ފާހަގަކޮށްލެވޭ ފުޅަނދުތަކަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ގައުމު ދޫކުރައްވައި ފިއްލަވައިގެން ދިޔުމާ ގުޅިގެން އެކަން ފާހަގަކޮށް ތައްޔާރުކޮށްފައިވާ ފުޅަނދުތަކެވެ. ސޫތުކުޅި، ބުރޯ ޓަގު މިއީ މިކަމާ ގުޅިގެން ތައްޔާރުކޮށްފައިވާ ބައެއް ފުޅަނދުތަކަށް ދީފައިވާ ނަންތަކެވެ.

ކޮންމެ އަކަސް އީދުގެ މާޅި ޕެރޭޑުން ޤައުމުގެ ހާލަތާއި ރައްޔިތުންގެ އެދުންތައް ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެއެވެ. އެއްވެސް ކަމެއް މި ސަރުކާރަށް ރައްޔިތުންގެ ހައްގުގައި ނުކޮށްދެވޭ ކަމަށް ތުން ތުން މަތިން ގޮވަމުން ދިޔަ ގޮވެލިތައް އީދު ޕެރޭޑުގެ ގޮތުގައި ބަންޑުންކޮށްލި ޝޫޢޫރުތަކުން ވަރަށް ރަގަޅަށް ހާމަ ވެގެން ހިގައްޖެއެވެ. 

އީދުގައި ކުޅިވަރުތައް ކުޅުނު ކޮންމެ ރަށަކުން ކަހަލަ ގޮތަކަށް މި ސަރުކާރަށް ޚައްޞަ މެސެޖުތަކެއް ދޫކޮށްފައިވެއެވެ. އެގޮތުން ތަފާތު ކަންކަން މަތިން ހަނދާން އާކޮށްދީފައިވެއެވެ. ރިޔާސީ ވައުފުޅުތަކާ މަޖިލިސް އިންތިޚާބުގެ ދުވަސްވަރުވީ ވައުދުތަކެވެ.

މިއަދު ދިވެހި ރައްޔިތުން މިވަނީ އިތުރު ވައުދުތަކެއް ވާން ނުކުރޭ ވަރަށް މި ސަރުކާރު ލަދު ގަންނަވާލާފައެވެ. ނަމަވެސް ރައްޔިތުންގެ މި މަލާމާތާ އެކު ވެސް މި ބޭފުޅުން ލަދު ގަންނާނެ ބާއެވެ؟

މި ފަދަ މާލި ތަކެއް މިފަހަރު ނެރެފައިވާއިރު، 2008 ވަނަ އަހަރުގެ ހަނދާންތަކެއް ވެސް އާ ކޮށްލާނަމެވެ. އެގޮތުން އޭރުގައި އޮތް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ވަރަށް ގިނަ ހޮޅިތަކެއްގެ ވައުދު ވިއެވެ. އެހެންކަމުން ފުއްދާ ނުދެވުނު އެ ވައުދުތަކާ ގުޅިގެން އޭރު ރައްޔިތުން ނެރުނީ ގޭސް ހޮޅި މާލިމީ އާ ރިހާކުރު ހޮޅި މާލިމީ އާ ފެން ހޮޅި މާލިތަކެކެވެ.

ކޮންމެ އަކަސް މި ފަހަރު ރައްޔިތުން ދިވެހި ސަރުކާރަށް އެމީހުންގެ ޝުޢޫރުތައް ބަންޑުން ޖަހާލީ މާލިތަކެއްގެ ޒަރީއާއިންނެވެ. ރައީސް ޞޯލިހު ވިދާޅުވިހެން އީދުގެ އުފަލުގައި އެންމެން ވެސް ބައިވެރިކޮށް ބަޔަކަށް އެމީހުންގެ ޒިންމާތަކާ ވައުދުތައް ވެސް ހަނދާން އާކޮށްދެމުންނެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...