ޙަސަން ލަތީފު ސަރުކާރަށް ނުސީދާ އިންޒާރެއް ދީފި

އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފު ނުސީދާ ގޮތަކަށް ސަރުކާރަށް އިންޒާރު ދެއްވައިފި އެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބައެއް ބޭބޭފުޅުން ހިތްޕުޅާ ނުވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ދައުރަކީ ސަރުކާރަށް ފާރަވެރިވުން ކަމަށާއި އެކަން މަޖިލީހުން ކުރަން ޖެހޭނެ ކަމަށެވެ.

ހަސަން ލަތީފުގެ ނުސީދާ އިންޒާރެއް ސަރުކާރަށް އަމާޒުވިއިރު ސަރުކާރުގެ ތެރެއިން ފެންނަމުންދާ މަންޒަރު ތަކުން ވެރިކަން ކުރައްވަނީ ކޮންބޭފުޅެއްކަން ނޭންގޭ ކަމަށާއި ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ސަރުކާރު ހިންގުމުގައި ރައީސް ޞާލިހްގެ މާ ބޮޑު ދައުރެއް ނެތް ކަމަށާއި ސަރުކާރު ކޮންޓްރޯލް ކުރަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އަދި ރައީސް ކަމުން އިބްރާހިމް މުހައްމަދު ޞާލިހް ދުރުކުރުމުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ތެރެއިން ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް އަށް ވެރިކަމަށް އާދެވެން އޮތީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ކަމަށް ވާތީ މަޖިލީހުގެ ތެރެއިން އެ މައްސަކަތް ކުރަމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

ޚުދު ނަޝީދު ވެސް ވަނީ އެމްޑީޕީގެ ފަލްސަފާ އަކީ ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރުން ކަމަށާއި ރައީސް އަކާއި ބޮޑުވަޒީރަކު ރާއްޖޭގައި ހުރުން ވަރަށް ބޭނުންތެރި ކަމަށް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...