އުރުގުއޭގެ ފޯވާޑް ޑިއެގޯ ފޯލާން ކުޅުން ހުއްޓާލައިފި

އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅުނު އުރުގުއޭގެ ފޯވާޑް ޑިއެގޯ ފޯލާން ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 40 އަހަރުގައި ކުޅުން ހުއްޓާލިކަން އިއުލާންކޮށް ފޯލާން ބުނީ، އެއީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެއީ އޭނާގެ ކެރިއަރުގައި އެންމެ ދެކެން ބޭނުންވާ ވަގުތު ކަމަށެވެ. ނަމަވެސް މިވަގުތު އަންނާނެކަން ކުރިން ވެސް އެނގޭތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ހުރި ކަމަށެވެ.

އާޖެންޓީނާ ލީގުން ފުޓުބޯޅަ ކެރިޔަރު ފެށި ފޯލާން ވަނީ އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެއިންގެ ވިޔަރެއާލް އާއި އެތްލެޓިކޯ މެޑްރިޑް އަދި އިޓަލީގެ އިންޓަ މިލާނަށް ވެސް ކުޅެފަ. އަދި އޭނާ ވަނީ އޭޝިއާގެ ބައެއް ކްލަބްތަކަށް ވެސް ކުޅެފައެވެ. އޭގެ ތެރޭގައި އިންޑިއާގެ މުމްބާއި ސިޓީ އެފްސީވެސް ހިމެނެއެވެ.

ފޯލާން އެންމެ ފަހުން ކުޅެމުން އައީ ހޮންކޮންގ ޓީމެއް ކަމަށްވާ ކިޗީއަށެވެ. އޭނާ ވަނީ ކިޗީއާއެކު ހޮންކޮންގ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ.

ޔުނައިޓެޑާއެކު ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ކޮމިއުނިޓީ ޝިލްޑް ކާމިޔާބު ކޮށްފައިވާ ފޯލާން ވަނީ އެޓްލެޓިކޯއާއެކު ޔުއެފާ ޔޫރޮޕާ ލީގު އަދި ޔުއެފާ ސުޕަކަޕްވެސް ކާމިޔާބު ކޮށްފައެވެ. އަދި އުރުގުއޭ ގައުމީ ޓީމަށް ކުޅުނު 112 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައިވާ ފޯލާން ވަނީ 2011 ވަނަ އަހަރު އެޓީމާއެކު ކޮޕަ އެމެރިކާ ވެސް ކާމިޔާބު ކޮށްފައެވެ.

ފޯލާން ކުޅުން ހުއްޓާލުމާއެކު، ފުޓުބޯޅަ ގިނަ ކުޅުންތެރިން އަދި ސަޕޯޓަރުން އަންނަނީ އޭނާ ފުޓުބޯޅައަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...