ކަޝްމީރުން ކާބޯ ތަކެއްޗާއި ފައިސާ ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

މުސްލިމުންގެ އަޣުލަބިޔަތެއް އޮންނަ ކަޝްމީރުގައި ހިންދޫންގެ އާބާދީ އިތުރު ކުރުމަށް އިންޑިއާ ސަރުކާރުން ފެށި މަސައްކަތުގެ ސަބަބުން މުޅި ސަރަހައްދު ހުއްޓުމަކަށް ގޮސް، ކާބޯތަކެއްޗާއި ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެއްޖެއެވެ.

ކަޝްމީރުގެ  މައި ސިޓީއާއި ހަވާލާދީ މީޑިއާތަކުގައި ބުނެފައި ވަނީ އިންޑިއާ ސިފައިން މުޅި ކަޝްމީރު ވަށާލާ އެ ސަރަހައްދަށް އެއްވެސް މުދަލެއް އެތެރެ ނުކުރެވޭ ގޮތް ހަދާފައި ވުމުން ފިހާރަތަކުން ކާބޯތަކެތި ހުސްވުމާއި ގާތަށް ގޮސް އޭޓީއެމްތަކުން ފައިސާ ވެސް ހުސްވާން ފަށާފައިވާ ކަމަށެވެ.

މީޑިއާތަކުގައި ވަނީ ކޮންމެ ދުވަހެއްގެ ކެއިން ބުއިމަށް ބޭނުންކުރާ ގިނަ ތަކެތި ކަޝްމީރުގެ ފިހާރަތަކުން ހުސްވި ނަމަވެސް ސިފައިން ދަތުރުފަތުރަށް ހުރަސް އަޅާތީ ކާބޯތަކެތި އެތެރެ ކުރެވޭނެ އެއްވެސް ގޮތެއް ނެތިފައިވާ ކަމަށެވެ. އެގޮތުން ކަޝްމީރުގައި ކާފިއު އިއުލާންކޮށް އިންޑިއާ ސިފައިން ގެންދަނީ ދަތުރު ފަތުރު ކުރުމަށާއި، ބައެއް ވިޔަފާރިތައް ހުޅުވަން ވެސް ހުރަސް އަޅަމުންނެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަޝްމީރުގެ ހާލަތު ގޯސްވެފައި ވާއިރު ކާފިއުގެ މުއްދަތު އިތުރު ކުރާނަމަ ކާބޯތަކެތީގެ ދަތިކަން ކަޝްމީރުގެ ރައްޔިތުންނަށް ވަރަށް ބޮޑުވެގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިހާތަނަށް ފެންނަ މަންޒަރަށް ބަލާއިރު ދިމާވެގެން އުޅޭ މަައްސަލައަށް ސުލްހަވެރި ހައްލެއް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް ކަޝްމީރުގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔޫނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރުގެ ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔޫނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު އެ އަވަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.

ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ކެމްޕޭން ވައުދެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...