ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތައް އީދާ ދިމާކޮށް ފަށަން ނިންމައިފި

ރައީސް ޔާމީން ތަރައްޤީކޮށްދެއްވި ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް ޝެޑިއުލް ފްލައިޓްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
|
ބޮޑު އީދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން ގެ ދަތުރުތައް ކުޅުދުއްފުއްޓަށް ފެށުމަށް ނިންމައި މިހާރުވަނީ ޓިކެޓް ވެސް ވިއްކަން ފަށާފައެވެ. ނަމަވެސް އަދި މިހާތަނަށް ފްލައިޓުތަކުގެ ޝެޑިއުލް އާންމުކޮށްފައެއްނުވެއެވެ.

މޯލްޑިވިއަންއިން މައުލޫމާތު ދޭ ގޮތުގައި އަންނަ ހުކުރު ދުވަހުން ފެށިގެން ދުވާލަކު އެއް ފްލައިޓަށްވުރެ ގިނައިން ކޮންމެ ދުވަހަކު ވެސް ޝެޑިއުލް ފްލައިޓްތައް ކުޅުދުއްފުއްޓަށް އޮންނާނެއެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ކޮމާޝަލް ދަތުރުތައް ކުޅުދުއްފުއްޓަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ޓިކެޓް ގަންނަން ލިބޭނެ ކަމަށް ވެސް އެ ޓްވީޓްގައި ވަނީ ބުނެފައިވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ ކެމްޕެއިނުގެ ފަހު ދުވަސްކޮޅު ކުޅުދުއްފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައި އެއާޕޯޓް ހުޅުވުމަށް ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ނަމަވެސް ދަތުރުތައް ނުފެށި އޮތީ ޓާމިނަލްގެ މަސައްކަތް އޭރު ނުނިމޭތީއެވެ. ދަތުރުފަތުރު ނިޒާމަށް ރައީސް ޔާމިންގެ ޒަޢާމަތުގައި ގެންނެވި ބޮޑެތި ކުރި އެރުންތަކުގެ ތެރެއިން 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް ދިވެހި ދައުލަތުގެ މާލިއްޔަތުން 53.4 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...