ދިހަ އިންސައްތަ ސާވިސް ޗާޖް ނަގަން ރިސޯޓްތަކަށް ލާޒިމް ކުރަން މަޖިލީހުން ފާސްކޮށްފި

ރާއްޖޭގެ ރިސޯޓްތަކުން މަދުވެގެން 10 އިންސައްތަ ސާވިސް ޗާޖް ނަގަން ޖެހޭ ގޮތަށް ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަށް ސާވިސް ޗާޖް ދެމުންދޭތޯ ބެލުމާއި ސާވިސް ޗާޖު ދެމުންދާ އުސޫލު ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުއެވެ.

ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށްފަހު ނެރެނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ހުރިހާ ރިސޯޓްތަކުން ސާވިސް ޗާޖު ދިނުމުގައި އެއް އުސޫލަކުން އަމަލު ކުރުމަށް ގާނޫނަށް އިސްލާހެއް ގެންނަން ފެންނަ ކަމަށެވެ.

ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ގުޅޭ ގޮތުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ސާވިސް ޗާޖު ދިނުމަށް ހުރި ދަތިތައް ރިސޯޓުތަކުގެ ބޭފުޅުންނާއި މަޝްވަރާކޮށްގެން ހޯދުން ރަނގަޅު ކަމަށެވެ.

ގާސިމް ވަނީ 10 އިންސައްތަ ސާވިސް ޗާޖްގެ ގޮތުގައި ނަގަން ދެކޮޅު ނުހައްދާވާކަން ވިދާޅުވެފައެވެ. އަދި އިގްތިސާދަށް ލޮޅުމެއް އަންނަ ވަރުގެ ނިންމުންތައް ނިންމާއިރު ރަނގަޅަށް ދިރާސާ ކުރަން ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ބަލާއިރު އެގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި މިހާރު ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވާ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެއެވެ. ނަމަވެސް މިހާރު ގާނޫނުގައި ސާވިސް ޗާޖު ނެގުން ލާޒިމްކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...