ޖޮގިން ޓްރެކަށް އާސަންދައިން ޚަރަދުކުރި އެނގިފައި ނުވާކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ޖޮގިން ޓްރެކަށް އާސަންދަ ކުންފުނިން އެއްވެސް ޚަރަދެއް ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗެނެލް13އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމުގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރަސްފަންނުގައި ހަދާފައިވާ ދުވާ ޓްރެކްއަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ދިޔަ ޕްރޮޖެޓެއް ނޫންކަމަށެވެ.

ނަމަވެސް ހައުސިން މިނިސްޓްރީގެ ބައެއް އިންޖިނޭރުންނާ ޑިޒައިނަރުން އެ މަޝްރޫއުގައި އަމަލީ ގޮތުން ބައިވެރިވެފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރަސްފަންނުގެ ޖޮގިން ޓްރެކަކީ ރައީސް ޔާމިންގެ ސަރުކާރުން އެންސްޕާއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި އޭރު ސަރުކާރުން އެންސްޕާއަށް އަންގާފައިވަނީ ތިން މިލިއަނަށްވުރެން ބޮޑުނުވާނެ މިންވަރަކަށް ހޭދަކޮށްގެން އެބޭފުޅުންގެ އަމިއްލަ ބެލުމުގެ ދަށުން ބަޔަކު ހޯދައިގެން ޖޮގިން ޓްރެކެއް ހެދުމަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެ މަޝްރޫއަށް ކޮންޓްރެކްޓަރ ހޯދުމާ އަދި އެހެން ހުރިހާ ކަމެއް ކުރިއަށް ދިޔައީ އެންސްޕާގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި. ހައުސިން މިނިސްޓްރީގެ އިންޖިނޭރުންނާ ޑިޒައިނަރުން އެ މަޝްރޫއުގައި ބައިވެރިވި ނަމަވެސް އެ މީހުންގެ ޚިޔާލުތަކަށް އެއްވެސް ވަރަކަށް އެ ކޮންޓްރެކްޓަރުން ބަލާފައި ނުވާ ކަމަށާ އެކަން އެންސްޕާގެ ސަމާލުކަމަށް އޭރު ގެނައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެކަމުގައި ހައުސިން މިނިސްޓްރީން އެއްވެސް ވަރަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި އަދި ގިނަ ފަހަރު މިކަހަލަ ކަންކަމުގައި ބަދުނާމު ވެގެން ދަނީ ކުށެއް ނެތް މީހާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ކަންކުރި މީހާ އޮންނަނީ ހޮރަށް ވަދެ ފިލާފާކަމަށް މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެސްއޯއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އެ ކުންފުނިން ޖޮގިން ޓްރެކް ހެދުމަށް އާސަންދަ ކުންފުނީގެ ބަޖެޓުން ޚަރަދުކުރީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ސިޓީ އަކުން ޑައިރެކްޝަން ލިބިގެން ކަމަށެވެ.

ސުނާމީ ބިނާ މައިޒާނާއި ރަސްފަންނާ ދެމެދުގައި އަޅާފައިވާ ޖޮގިން ޓްރެކްގެ މަސައްކަތަށް ނިމިދިޔަ ސަރުކާރުގައި، އާސަންދައިގެ ބަޖެޓުން 9.5 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށް އާސައިންދައިން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...