މާލޭކޭ އެއްގޮތަށް އަތޮޅުތަކުންވެސް އެންސްޕާގެ ޚިދުމަތް ލިބެންޖެހޭ: އާދަމް ޝަރީފު

- މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު -

އެންސްޕާގެ ޚިދުމަތް ހަމަ އެކަނި މާލެއިން ލިބުމުގެ ބަދަލުގައި އަތޮޅުތަކުންވެސް ލިބެންޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އެންސްޕާ ގެ ޚިދުމަތްތައް ޖެންޑާ މިނިސްޓްރީއަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހަަށް ބަހުސް ކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އާ ސަރުކާރުން މެންޑޭޓު ބަދަލު ކުރުމުން ގާނޫނަށް އިސްލާހު ކުރުމަށް ހުށަހެޅިފައިވާ އިސްލާހަަކީ ގެންނަން ޖެހޭނެ އިސްލާހެއް ކަމަށާއި އެކަމަކީ ރަނގަޅު ކަމެއް ކަަމަށެވެ.

އެހެންނަމަވެސް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ އިބާރާތަށް ބަލާއިރުގައި މިނިސްޓަރު ކަމުގައި ބުނެވިފައިވަނީ ރައްޔިތުންނަށް އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށޭ ލިޔެފައިވާ އިބާރާތް އެގޮތަށް އޮވެއްޖެ ކަމުގައި ވަނީ ނަމަ އަދިވެސް ހެލްތް މިނިސްޓްރީ އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

އެހެންކަމުން ގަބޫލުކުރެވޭ ގޮތުގައި އެންމެ ރަނގަޅު އިބާރާތަކީ އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދިނުން އެ އިބާރާތުން އޮތުން ރަނގަޅު ކަމަށެވެ.

އެހެންނޫންނަމަ އެ ގާނޫނަށް އިސްލާހު ގެނައިކަމުގައި ވިޔަސް ސަރުކާރުން ބޭނުންވާ އެންމެ ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެންސްޕާ އަދި އާސަންދައާއި ގުޅޭގޮތުން ހުށަހަޅާފައިވާ އިސްލާހަަށް ބަހުސްކުރައްވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ހުށަހެޅިފައިވާ ކުޑަކުޑަ އިސްލާހަށްވެސް ދެގަޑި އިރުވަންދެން ބަހުސް ކުރުމަށް ވަގުތު ހޭދަ ކުރެވިއްޖެ ކަމަށެވެ. އެއީ އަށްޑިހަ ހަތް މެމްބަރުންގެ ވަގުތަށް ބަލާ ކަމުގައި ވާނަމަވެސް ގާތް ގަނޑަކަށް ދުވަހުގެ ވަގުތު ކަމަށެވެ.

އެހެންކަމުން މިފަދަ ކުޑަކުޑަ ބަދަލަކަށް އެހާ ގިނަ ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި މަޖިލިހުން ރައްޔިތުންނަށް ފާއިދާ ހުރި މަސައްކަތްތައް ކުރުމަށް މެމްބަރު އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ.

މި ކަމަށް އިޝާރާތް ކުރައްވާ މަޖިލިހުގެ ރިޔާސަތުން ވިދާޅުވީ މުޅި ނިޒާމަށް ބަހުސް ކުރަން ޖެހޭނެ ކަމަށެވެ. އަދި އިބްތިދާއި ބަހުސްއަށް ހަތަރު ގަޑި އިރު އޮންނަ ކަމަށްވެސް މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...