ރާއްޖޭގެ މިނިވަންކަން ދިޔުން މާ ދުރަކު ނެތް: މުހައްމަދު ސައީދު

- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -

މުވައްޒަފުންނަށް މުސާރަ ދިނުމަށް ބައެއްގެ އަތުން ފައިސާ ހޯދަން ޖެހޭ ހާލަތަށް ގައުމު ހިނގައްޖެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ބޭރު ބައެއްގެ އަތުން ފާއިސާތަކެއް ގެނެސް މުސާރަ ދޭ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށެވެ. އެއާއެކު ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިއުން އޮތީ ދުރުގައި ނޫން ކަމަށެވެ.

އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބޮޑެތި ލޮޅުންތަކެއް އަންނަކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް އެމަނިކުފާނުގެ ކެބިނެޓަށް ހަނދާން ކޮށްދެއްވާ ވަރަށް މުހިންމު ވާހަކަފުޅެއް އޮންނަ ކަމަަށެވެ.

އެގޮތުން ވެރިކަމުގެ ވިސްނުމާއެކު ވެރިކަމަށް އަންނަން ވާނީ ދިވެހިންގެ ހާލަތު މިހާރަށްވުރެ ރަނގަޅު ހާލަތަކަށް ގެންގޮސްދިނުމުގެ ވިސްނުންފުޅު ހުރެގެންކަން އެ މަނިކުފާނު ހަނދާން ކޮށްދެއްވާކަން ސައީދު ފާހަގަ ކުރެއްވިއެވެ.

ސައީދު ވިދާޅުވީ ކުރިން އިދިކޮޅުގައި ތިބި ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން ރަށްރަށަށް ވަޑައިނުގަންނަވާ ވާހަކަ ކަމަށާއި އެގޮތުން ވަކި މައިކަކުން ނޫނީ ވަކި ސައުންޑް ސިސްޓަމަކުން ނޫނީ އެމަނިކުފާނުގެ އަޑުވެސް އިއްވޭކަށް ނެތް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ކަމަށެވެ.

ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. ސަރުކާރުން މި އަހަރަށް ފާސްކުރި 32 ބިލިއަން ރުފިއާގެ ބޮޑު ބަޖެޓާއި ގުޅޭގޮތުން ސައީދު ވިދާޅުވީ އެ އޮއް ބޮޑު ބެޖެޓް ހުސްވި އިރު ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށެވެ.

އެހެން ނަމަވެސް މި ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާކަން ސައީދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރައީސް ސާލިހުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުން މަދުވާނެ ކަމަށް ވިދާޅުވުމަކީ ދޮގެއް ކަމަށް ސައިދު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...