ބޭރުގެ ގައުމުތަކުގެ މީހުންނަށް ރަށްވެހިކަން ދިނުމާ ދެކޮޅު: ޑރ. މުއިއްޒު

- ޕީޕީއެމްގެ ނައިބް ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -

ދިވެހިން ނޫން ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި 30 އަށްވުރެ ގިނަ އަހަރު ހޭދަކޮށް، މާމަ ކާފަ ކިޔާފައި ތިބި ބިދޭސީން އެބަތިބި ކަމަށާއި އެފަދަ ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ދޭން ނުފެނޭތޯ ސުވާލު އުފައްދަވާފައެވެ.

އާޒިމްގެ އެ ޓްވީޓާއެކު މީސް މީޑިއާގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުންދާ މި ދަނޑިވަޅުގައި އެޓުވީޓަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ، ދިވެހީން ނޫން ބަޔަކަށް ދިވެހިރާއްޖޭގެ ރަށްވެހިކަން ދިނުމަކީ މި ކުޑަ ކުޑަ މުޖުތަމައުގެ އެއް ނަސްލެއް ކަމާއި އެއް ދީނަކަށް އުޅުމާއި އެއްބަހަކުން ވާހަކަ ދެއްކުން ފަދަ ކަންކަމަށް ދުރު މުސްތަގުބަލެއްގައި އިޔާދަ ނުކުރެވޭފަދަ ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށެވެ.

މުއިއްޒު ވަނީ ސިޔާސީ ކަންކަމުގެ މައްޗަށް ގައުމިއްޔަތު އިސް ކުރުމަށް ގޮވާލައްވާފައެވެ. މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، އެހެން ގައުމުތަކުގެ މީހުންނަށް ރަށްވެހިކަން ދެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން ސަރުކާރުން އުޅޭ ކަމުގެ އިޝާރާތެއް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްވެސް ވަނީ ދެއްވާފައެވެ.

އެގޮތުން ކާނިވާ ސަރަހައްދުގައި ބޭވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އަދުގެ ސަރުކާރުން ވަރަށް އަވަހަށް އެ ފަދަ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާނެ ކަމަށެވެ.

ނަމަވެސް ދިވެހި ހުރިހާ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ބޭނުންވާ މިފަދަ ހުރިހާ ނޭއްގާނީ އަމަލުތަކަށް ވަރަށް ބޮޑަށް ހުޝިޔާރުވެ އެފަދަ ކަންތައްތަކާ ދޭރެތޭ ވަކާލާތު ކުރައްވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...