ރައްޔިތުންނަށް ވި ވައުދުތައް އޮތީ ޖަޒީރާ ވެފަ: ރައީސް ޔާމީން

- ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން -

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކޮންމެ ދިމާއަކުން ފެނިގެން ދަނީ އެޖެންޑާ 19 ގައި ހިމެނޭ ޖަޒީރާ ވަންތަ ސިފަތައް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެޖެންޑާ ނަވާރަ ސިފަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެޖެންޑާ ނަވާރައިގެ ފަންޏަކީ ދޮގު ހެދުމާއި މަކާރު ހެދުމާއި އޮޅުވާލުމާއި ޚިޔާނާތާއި އަދި މީހުންގެ ބުއްދި ފިލާ ފަދަ ވާހަކަތައް ދެއްކުން ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރުގައި ހިންގާފައިވާ ބިޔަ ބޮޑެތި މަޝްރޫޢުތަކާއި އަދި ހިނގަ ހިނގާ ހުރި މަޝްރޫޢުތަކަށް އެޖެންޑާ ނަވާރަ ވަދެފައިވާ ކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ކޮންމެ ކަމެއްގައި އޮންނަނީ ޖަޒީރާ ވަންތަ ސިފަތައް ވަދެފައި ކަމަށެވެ.

އަދި ޖަޒީރާ ވަންތަ ވެގެން ރައްޔިތުންނަށް ލިބެނީ ކޮން ފަސޭހަ ކަމެއްތޯ ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާޢްޖޭގެ ރައްޔިތުން އަދި ވަކިން ޙާއްސަ ކޮށް ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ގެ ދޮރުވެރިކަން ކަމަށާއި އެގޮތުން އެމަނިކުފާނުގެ ސަރުކާރުގައި އެތައް ހާސް ފްލެޓްތަކެއް އަޅުއްވައިދެއްވާފައިވާނޭ ކަމަށެވެ.

ނަމަވެސް މިހާރު ފެނިގެންދަނީ އެ ފްލެޓްތައް މާ ބޮޑަށް ކުޑަވެ، ކަމުނުގޮސްގެން އުޅޭ މަންޒަރުތައް ކަމަށެވެ. އަދި އެތަންތަން ތަޅާލުމަށް ފަހު އަލުން މި ސަރުކާރުން ހައްދަވާ ތަނެއްގެ ގޮތުގައި ހައްދަވަން މަސައްކަތް ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެން މީހުން ބުރަ މަސައްކަތުން ކޮށްފައި ހުންނަ މަސައްކަތްތަކުގެ ނަން ބޯޑު ފިލުވުމަކުން އަދި ނުވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ތަނެއްގެ ނަން ބަދަލު ކުރުމަށް ފަހު ސަރުކާރުން އެ އޮތީ ޕާކެއް ހުޅުވާފައޭ ބުނުމުން އެ ވަނީ ދިވެހި ރައްޔިތުން ޅޮސް އުނދޯއްޔަށް އެރުވުން ފަދަ ކަމެއް ކަމަށެވެ.

އެހެންކަމުން ޖަޒީރާ ވަންތަ ކަމުގެ ސިފަތައް އަންނަ އިރު އޭގައި މަކަރާއި ހީލަތާއި ދޮގާއި އޮޅުވާލުމާއި ނޫން އިތުރު އެހެން އެއްވެސް ކަމެއް ނުފެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތެއް ކަމަށްވާ ހައްގު މިންވަރަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ހައްގު މިންވަރެއް ކަނޑައަޅައިގެން ދާ އިރު އިވޭ އަޑުތަކަކީ ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވެ އާސަންދަވެސް ހުއްޓާލާ އަޑުތައް ކަމަށެވެ.

އަދި އުމުރުން ދުވަސްވީ މީހުނަށް ދޭ އިނާޔަތުގައި ވެސް ކޮރަޕްޝަން ހިނެމޭ ކަމަށް ވިދާޅުވެ އެ ކަންވެސް ހުއްޓާލަން އުޅޭ ވާހަކައާއި މަހާ ޖައްރާފުވެސް ހިންގަން ނޭގުނީމައި އެ ވެސް ވިއްކާލާ ކަމުގެ އަޑުތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ބިން ބޮޑު ކުރަނީ ކުރިއަށް އިންވެސްޓްމަންޓް ކުރުމުގެ ފަހި ފުރުސަތުތަކެއް ހޯދުމަށް ކުރާ މަސައްކަތެއް ކަަމަށާއި ފަސް އަަހަރުގެ ފުރިހަމަ ދައުރެއް ފުރިހަމަކޮށްފައި ދިޔައިރު މެދު ފަންތީގެ ރަށްރަށުގެ ވިހި ރަށުގެ ބިން އޮންނާނީ އުފައްދާފައި ކަމަށްވެސް ރައިސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...