ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް އަންނަ އާދީއްތަ ދުވަހު

- ރައީސް އަބްދުﷲ ޔާމީން -

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިެވެ.

ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑު އެހުމެއް އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:30ހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ. މި އަޑުއެހުމަށް ރައީސް ޔާމީންއަށް މިއަދު ޗިޓް ފޮނުވާފަވާއިރު މި އަޑު އެހުމުގައި ރައީސް ޔާމީންގެ ދިފާޢި ހެކިންގެ ހެކި ބަސް ނެގުމާއި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދައުލަތުން ރައީސް ޔާމީންއަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެމަނިކުފާނު ޖުލައި މަހުގެ 21 ވަނަ ދުވަހުގައި ކްރިމިނަލް ކޯޓަށް ހާޒިރު ކޮށް ޝަރީޢަތުގެ ފުރަތަމަ އަޑު އެހުން ވަނީ ބާއްވާފައެވެ.

އެސްއޯއެފުން ކުރީގެ ރައީސް އަބދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެމަނިކުފާނާއި އެކު ހުޅުވާފައިވާ އެސްކްރޯ އެކައުންޓަށް ޖަމާނުކުރީ ގާނޫނާ ހިލާފު ވާތީ ކަމަށް އެމަނިކުފާނު ވަނީ ޝަރީޢަތުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެސްއޯއެފުން ޖަމާކުރި ފައިސާ، އެމްއައިބީ އެކައުންޓުން، ބީއެމްއެލްގެ އެކައުންޓަށް ބަދަލު ކޮށްފި ނަމަ، އެ ފައިސާގެ އަސްލު އޮޅުވާލެވުނީ ކަމަށް ވާނެ ކަމަށާއި، އެ ފައިސާ އޭސީސީއާ އެކު ހުޅުވަފައިވާ އެކައުންޓަށް ޖަމާ ނުކުރެއްވީ އެ ސަބަބާ ހުރެ ކަމަށެވެ.

އަދި އެސްކްރޯ އެކައުންޓް ހުޅުވުމަށް ހެދި އެގްރީމެންޓާ އެއްގޮތަށް ފައިސާ ބެހެއްޓީމައި، އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ ކީއްވެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އަދި އެސްއޯއެފުން ޖަމާކުރި ޗެކަކީ، ދައުލަތުގެ ފައިސާ ކަމަށް ކަނޑައަޅާ ހިސާބުން އެ ފައިސާ އަނބުރާ ދެއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުގައެވެ. އެ މައްސަލައިގައި ޔާމީންގެ ބަޔާންތައް ނިންމާ ބަޔާންތަކުގައި ސޮއި ކުރުވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 08 ވަނަ ދުވަހުގައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގ މައްސަލައިގައި ދައުވާ އުފުލީ ފެބްރުއަރީ 13 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅޭގޮތުން އެކި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ރައީސް ޔާމިން ވަނީ އެސްއޯއެފް ކުންފުނީގެ ނަމުގައި އެއް މިލިއަން ރުފިޔާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްދެއްވީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި ޖަމާކުރި އިރު އެސްއޯއެފްއަކީ ކޮން ކުންފުންޏެއްކަން އެމަނިކުފާނަށް އެނގިނުލައްވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުންނާއި ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ގިނަ ފަރާތްތަކުން ވިދާޅުވަނީ އެ ދައުވާއަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަަކައި ކުރާ ދައުވާއެއްކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...