ފޮރިންގ މިނިސްޓަރު ޝާހިދު ވަނީ މަޖިލީހުގައި ދޮގު ހައްދަވާފަ - ސައީދު

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެއްވުމުން ހަގީގަތާއި ޚިލާފް ވާހަކަ ދައްކަވާ ދޮގު ހައްދަވާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މަޖިލީހަށް ހާޒިރު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަކާއި ގުޅިގެންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ، ރައީސް ޞާލިހް، ހަތަރު ގައުމަކަށް ދަތުރުކުރައްވައި، ތިން މަސް ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހޯއްދަވައިފައިވާ ކަމަށެވެ. އަދި އެއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދި ހިލޭ އެހީއާ އެއްވަރު އަދަދެއް ކަމަށެވެ.

ޝާހިދުގެ ވާހަކަތަކަށް ރައްދު ދެއްވާ ކުރީގެ އިކޮނަމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ހިލޭ އެހީ ނުހޯއްދެވުނު ވާހަކައާއި ހޯއްދެވުނު ފައިސާގެ އަދަދު މަދު ކަމަށް ދޭހަވާ މޭރުމުން މިނިސްޓަރު ޝާހިދު ދައްކަވާފައިވަނީ ހަގީގަތާއި ޚިލާފް ދޮގު ވާހަކަތަކެއް ކަމަށެވެ.

ސައީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން އާންމުކުރި މިދިޔަ އަހަރުގެ މައުލޫމާތުތަކަށް ބަލާއިރު މޭޖަރ އެކްޓިވް އެކްސްޓާނަލް ގްރޭންޓްގެ ގޮތުގައި 222 މިލިއަން އެމެރެކީ ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި ހަމައެކަނި ކުނި މެނޭޖްކޮށް ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއުތަކަށް އެކަނިވެސް ރައީސް ޔާމީންގެ ސަރުކާރުން 146 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހޯދިފައިވާ ކަން ސައީދު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރެވޭ ބޭފުޅުން މައުލޫމާތު ދެއްވުމުގައި އިތުރުފުޅު ހައްދަވާ ނަމަ ދައުވާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން އެއީ ކުށެއްކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ދެން އެފަދަ ކަމެއް ކުރާ ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ތަހުގީގުކޮށް، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ބޭންކް އޮފް މޯލްޑިވަސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި ކަމަށްބުނެ އެ ކޮމެޓީގެ މުގައްރިރު ފޮނުއްވި ސިޓީއަކާއި ގުޅިގެންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...