އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލެއް ނުލިބުނު: ޝިޔާމް

- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި އަދާއި ހަމައަށް 17 ގައުމަކަށް 28 ދަތުރެއްކުރައްވާފައިވާތީ އެ ދަތުރުތަކަށް ޖުމްލަ ހޭދަވީ ޙަރަދާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ވަޒީރަށް މަޖިލިހުގައި ޖާބުދާރިވެވަޑައިގަތުމަށް ދަތިފުޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާޒިރުކޮށް މެމްބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ރިޔާސަތުން ހުޅުވުމާއެކު ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ ޚާރިޖީ ވަޒީރަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން މެމްބަރު ވަނީ ސަރުކާރަށް ނުވަ މަސްވެގެންދާއިރު މިހާތަނަށް ސަތާރަ ގައުމަކަށް އަށާވީސް ދަތުރެއް ޝާހިދު ކުރައްވާފައިވާތީ އެ ދަތުރުތަކަށް ހޭދަވީ ޖުމްލަ ޚަރަދާއި އަދި އަށާވީސް ދަތުރެއް ކުރައްވާފައިވާ އިރު ޗައިނާއަށް ޒިޔާރަތްކުރައްވާފައި ނުވަނީ ކީއްވެގެންތޯ އައްސަވާފައެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ވަޒީރު ވިދާޅުވީ މަޖިލިހުގެ ހިންގާ ގަވާއިދުގެ ފަސްދޮޅަސް ފަސް ވަނަ މާއްދާގެ ( ބ ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ވަކިވަކި ގައުމުތަކާ ގުޅޭގޮތުން ސުވާލު އަމާޒު ނުކުރުމަށެވެ.

ވަޒީރުގެ ޖަވާބުދާރީވެވޑައިގަތުން މިފަދަ ގޮތެއްގައި ހުންނެވި އިރު މަޖިލިހުގެ ރައިސް ނަޝީދު ވަނީ މެމްބަރު ޝިޔާމްއަށް މަޖިލިހުގެ ހިންގާ ގަވާއިދުގެ ފަސްދޮޅަސް ވަނަ މާއްދާގެ ( ބ ) ގައި ބަޔާން ކޮށްފައިވާ ނުކުތާތަކަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ އެ މާއްދާގައި ބަޔާން ކޮށްފައިވަނީ ވަޒީރުންނާއި ކުރައްވަންނުޖެހޭ ސުވާލާއި އާންމު ކޮށް ޝާޢިއު ކޮށްފައިވާ މައުލޫމާތެއް ހޯދުމަށް މަޖިލިހުގައި ވަޒީރުންގެ ވަގުތު ނަންގަވާނުލެއްވުމަށް ކަމަށެވެ.

އަދި ދައުލަތުގެ ޚަރާދާއި އަދި ލިބޭ ފައިސާގެ މައުލޫމާތުތައް އަންނަނީ ޝާޢިއުކުރަމުން ކަމަށާއި އެހެންކަމުން ދައުލަތުގެ ޙަރަދުގެ މައުލޫމާތުތައް ވަޒީރުން ހާޒިރު ކޮށްގެން ނުކުރުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ޝާހިދުގެ ދަތުރުފުޅުތަކުން އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައްވެސް ދަނީ ސަރުކާރަށް އަމާޒުވަމުންކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...