ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑޮދޮށުގައި ގޮނޑި ޖަހައިގެން ހިންގާ ކެފޭތައް ހުސްކުރަންޖެހޭ: އެޗްޑީސީ

ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑޮދޮށުގައި ގޮނޑި ޖަހައިގެން ހިންގާ ކެފޭތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް ނޯޓިސް ފޮނުވައިފިއެވެ.

އެޗްޑީސީއިން ހުޅުމާލޭ ބީޗް ސަރަހައްދުގައި ހަޓް ހަދައިގެން ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް އެޗްޑީސީ އިން ފޮނުވާފައިވާ ނޯޓިސްގައި ބުނެފައި ވަނީ މިއަދު ތިނެއް ޖެހުމުގެ ކުރިން ބީޗުގައި ހުރި ތަކެތި ނަގައި އެތަން ހުސްކުރަން ޖެހޭނެ ކަމަށެވެ.

ހުޅުމާލެ ބީޗް ސަރަހައްދު ބަންދުކޮށް އެތަން ހުސްކުރަން އަންގާފައި ވަނީ އެ ސަރަހައްދުގައި ކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާތީ ކަމަށްވެއެވެ. އެޗްޑީސީ އިން ބުނީ މިއަދު ތިނެއް ޖެހުމުގެ ކުރިން އެ ސަރަހައްދު ހުސްނުކޮށްފި ނަމަ، ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށެވެ.

އަދި އެ މަސައްކަތުގައި މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ. މިސަރުކާރު އައި ފަހުން މިގޮތަށް ހުޅުމާލެ ބީޗުގައި ކުރަމުންދާ ވިޔާފާރިތައް ހުއްޓުވައި ބީޗް ބަންދުކުރުމަށް ނިންމުމާއި ގުޅިގެން އެތަނުގައި ވިޔާފާރި ކުރާ ފަރާތްތަކުން ދަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެ ކޯޕަރޭޝަނުން މިގޮތަށް ނޯޓިސް ނެރެފައިވާއިރު ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެފޭ އަދި ރެސްޓޯރަންޓު މިހާރު ހިންގަމުން ދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެޗްޑީސީއަށް މިދިޔަ މޭ މަހު ވަނީ އަންގާފައެވެ.

އެގޮތަށް އޭސީސީން އެންގުމުގެ ކުރިން ވެސް، ބީޗް ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރަންޓުތައް ނަގަން އެޗްޑީސީން ނޯޓިސް ދީ، ވަރުގަދަ އިންޒާރެއް ވަނި ދީފައެވެ. އެކަމަކު، އެ ނޯޓިހުގެ މުއްދަތު ހަމަވުމުން ފެނުނީ އެއަށް އަމަލުކުރި މީހުންނަށް އިތުރު ލުޔެއް ދީ، އަދި އަމަލު ނުކުރި މީހުންނާ މެދުވެސް އެއް ހަމައަކުން އަމަލުކޮށް، އެ ތަން ހިންގަން ދޫކޮށްލި ތަނެވެ.

އެޗްޑީސީން ފަހުން ވަގުތީ ހުއްދައެއް ދިނީ އެ ކޯޕަރޭޝަންގެ އެންގުމާ އެއްގޮތަށް، ހުޅުމާލޭގެ ބީޗު ސަރަހައްދުން މޭޒާއި ގޮނޑި ނަގައި އެ ތަންތަން ހުސްކުރި ފަރާތްތަކަށެވެ. އެހެންނަމަވެސް ވަގުތީ ހުއްދަ ނެތް މީހުން ވެސް އައީ ކެފޭތައް ހިންގަމުންކަން ފާހަގަކޮށްލެވެއެވެ.

އަދި މިހާތަނަށް އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޗްޑީސީން އަޅާފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ކެފޭ، ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް އެެއްވެސް ފުރުސަތެއް މި ކަމުގައި ދީފައި ނުވާކަމަށް އެ ތަނުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...