އެމްޑީޕީގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައިވާ މަންޒަރުތައް އަންނަނީ ފެންނަމުން: އާދަމް ޝަރީފް

- މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު -

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމުގެ ހުވާ ކުރެއްވި ހިސާބުން ފެށިގެން ފެނިގެންދަނީ އެމްޑީޕީގެ ތެރޭގައި ފެކްޝަންތަކެއް އުފެދިފައިވާ މަންޒަރުތައް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ވައްޓާލެވިދާނެ ކަމަށާއި، ނަމަވެސް ވައްޓާލިޔަސް އެމްޑީޕީ އެނބުރި އައިސް އަނެއްކާ ވެސް މިހާރު ކުރާ މަސައްކަތް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ މި ދަނޑިވަޅުގައި މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ސަރުކާރަަށް އަށް މަސް ވެގެންދާއިރު ފެނިގެންދަނީ އެމްޑީޕީގެ ތެރޭގައި އެ ބޭފުޅުން އެއްބަސްވެވަޑައިގަތަސް އަދި ނުގަތަސް ފެކްޝަން ވަރަށް ބޮޑަށް އުފެދިފައިވާ މަންޒަރުކަމަށެވެ.

އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ ބޭފުޅުންނާއި ރައީސް ނަޝީދަށް ތާޢީދުކުރައްވާ ފެކްޝަނެއް ވަރަށް ބޮޑަށް އެބައޮތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެ ފެކްޝަންގެ ތެރެއިންވެސް ކޮމެޓީތަކުގައި މަސައްކަތް ކުރައްވާ އިރުގައިވެސް އަދި އެނޫން ގޮތްގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރުގައިވެސް ސަރުކާރާއި އެމްޑީޕީގެ ތެރޭގައި އޮންނަ ތަފާތު ކުރުންތައް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ވަކި ވަކި މެމްބަރުންގެ ފަރާތުން އަޑު އިވިފައި ހުރި ވާހަކަތަކުގެ ތެރޭގައި ވަކި ކަހަލަ ބިލެއް މަޖިލިހަށް ހުށަހެޅިޔަސް އެ ބިލަކަށް ބަހުސް ނުކުރެވޭނެ ވާހަކައާއި ވަޒީފާތައް ހޯދުމުގައިވެސް ދަތިތަކެއް ހުންނަކަމަށް އެ ބޭފުޅުން ވިދާޅުވާ ކަމަށް އާދަމް ޝަރީފުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި ކޯލިޝަންގެ ތެރޭގައިވެސް އެއްވެސް ވަރެއްގެ މަޝްވަރާ ކުރުމެއް ނޯންނަކަންވެސް ފާހަގަ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. ކޯލިޝަންގެ ތެރޭގައި ގިނަ ބޭފުޅުން ތިއްބެވީ ދުނިޔޭގެ ލަދަށްޓަކައި ކަމަށް ވިދާޅުވެ އާދަމް ޝަރީފު ވިދާޅުވީ ތަބީޢީ ގޮތުން ބައެއްކަހަލަ ކަންތައްތައް ކުރިމަތިވެ ދުރަށްދެވެން ނެތް ހާލަތަށް ގޮސްފައިވާ ބޭފުޅުންވެސް ކޯލިޝަންގެ ތެރޭގައި އެބަތިއްބެވި ކަމަށެވެ.

އަދި ރައީސް ނަޝީދު ވެރިކަން ވައްޓާލިޔަސް އެނބުރި އަންނާނަމޭ އެ ވިދާޅުވި ބަސްފުޅުގެ ހަގީތަކީ ކޮބައިކަމެއް ނޭގޭ ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ މިހާ އަވަހަށް އެމްޑީޕީގެ ތެރެއިން ވައްޓާލިޔަސް އެނބުރި އަންނާނަމޭ ބުނީމައި ގަބޫލުކުރެވެނީ ކޯލިޝަންގެ ތެރޭގައި ހިނގާފާނެ ކަމަކަށް ނުވަތަ ކޯލިޝަންގެ ތެރޭގައި ބަޢާވާތް ކޮށްފާނެ ފަދަ ބޭފުޅުން ތިއްބެވީމައި ކުރީބައިގައި ރައީސް ނަޝީދު ދެއްވި އިންޒާރެއްގެ ގޮތުގައި ކަމަށެވެ.

އެމްޑިޕީގެ ބޭފުޅުންނަށް ފާޑުވިދާޅުވެ އާދަމް ޝަރީފު ވިދާޅުވީ އެމްޑީޕީގެ މީހުންނަށް ރައްޔިތުން ކަމުގައި ވަނީ މިއަދު އެ ބޭފުޅުން ކަމަށެވެ. އަދި އެހެން ކުލައެއްގެ ބަޔަކީ ރައްޔިތުން ކަމަށް ގަބޫލުކުރާ ތަނެއް އަދި މިހާތަނަށް ފެނިގެން ނުދާ ކަމަށާއި ޚުދު ސަރުކާރުގެ ތެރެއިންވެސް ފެނިގެންދަނީ އެފަދަ މަންޒަރުތައް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ ވަޒީރުންނާއި ބައްދަލުކުރަން ބޭނުންވިޔަސް އެކަމެއް މިއަދު ނުވާ ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ވެރިކަން ކޮށްދިނުމަށް ވުރެ ބޮޑަށް އޮތީ އެބައެއްގެ ފިކުރުގެ މީހުނަށް ވެރިކަން ކޮށްދެއްވާ މަންޒަރު ކަަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބޭނުން ކަމުގައިވަނީ ނަމަ އަންނަ ކޮންމެ ވެރިއަކީވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އަންނަ މީހަކަށް ވާން ޖެހޭ ކަމަށް އާދަމް ޝަރީފުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...