ރައީސްގެ މަޝްވަރާއެކު އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ކުރިން ހުޅުވާލި ފުރުސަތު އަލުން ހުޅުވާލުމަށް ނިންމީ ރައްޔިތުންގެ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި މަޝްވަރާ އެރުވުމާ ގުޅިގެން ކަމަށެވެ.

އެހެންކަމުން، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 އިން ފެށިގެން އޮގަސްޓު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ.

އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، ޢުމުރުން 30 (ތިރީސް) އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ތެރޭގައި ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުމާއި، ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު މަދުވެގެން ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން ވެސް ހިމެނެއެވެ.

އަދި އެ ފަރާތަކީ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި އަދި އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އެންއައިސީގެ މެމްބަރު ކަމަށް އަލުން ހުޅުވާލިއިރު، ކުރިން އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތި ލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް އެ ރިޕޯޓު މަޖިލީހަށް ވެސް ހުށަހަޅާފައިވެއެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމުން އަލުން ވަނީ ރިޕޯޓު ކޮމިޓީ އަށް ފޮނުވައިފައެވެ. މިދިޔަ ފެބްރުއަރީ މަހު ރައީސް އޮފީހުން އެ ފުރުސަތު ހުޅުވާއިލީ އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ.

މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 26 މީހަކު މީގެ ކުރިން ކުރިމަތިލާފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...