ސައުދީ ރަސްގެފާނުގެ ބޭބޭފުޅު ބަންދާރު އަވަހާރަވެއްޖެ

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުުދުގެ ބޭބޭފުޅު ޕްރިންސް ބަންދާރު ބިން އަބްދުލް އަޒީޒް އަވަހާރަވެއްޖެއެވެ.

ސައުދީ ރަސްގެފާނުގެ ދޮށީ ބޭބޭފުޅު އަވާހަރަވީ އުމުރުފުޅުން 96 އަހަރުފުޅުގައެވެ. ޕްރިންސް ބަންދާރަކީ ސައުދީ އަރަބިއާގެ ބާނީ އަބްދުލް އަޒީޒުގެ އެންމެ ދޮށީ ދަރިކަލުންނެވެ. ޕްރިންސް ބަންދާރުގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު މައްކާގެ ހަރަމްފުޅުގަ އެވެ.

ޕްރިންސް ބަންދާރަކީ ވަރަށް ގިނަ ވިޔަފާރިތައް ހިންގެވި ބޭފުޅެކެވެ. އޭގެ ތެރޭގައި ތަބޫކް ސިމެންޓް ކޮމްޕެނީ އަދި ރިޔާޒް ރިކްރިއޭޝަނަލް ހޮޓެލްސް ކޮމްޕެނީ ހިމެނެއެވެ. ނަމަވެސް ޕްރިންސް ބަންދާރު ވަނީ ރަސްކަން ހޯއްދެވުމުގެ ރޭހުން އެއްކިބާވެ ވަޑައިގެންފައެވެ.

ޕްރިންސް ބަންދާރު ބިން އަބްދުލް އަޒީޒް ސަރުކާރުގައި ހަމައެކަނި އަދާކުރެއްވީ ދާޚިލީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމް އެކަންޏެވެ.

ޕްރިންސްގެ ދެ ދަރިކަލުންނަށް ވަނީ މަތީ މަގާމުތައް ދެއްވާފައެވެ. އެގޮތުން ދަރިކަލުން މަންސޫރު ބިން ބަންދާރު ހަމަޖައްސާފައި ވަނީ ޖިއްދާގެ ޕްރިންސް އަބްދުﷲ އެއާ ބޭސްގެ ކޮމާންޑަރުގެ މަގާމަށެވެ. އަދި ފައިސަލް ބިން ބަންދާރު ވަނީ އަލް ގާސިމް ޕްރޮވިންސްގެ ގަވަރުނަރުގެ މަގާމު އަދާކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...