ރައީސް ސާލިހުގެ ޒީރޯ ޓޮލަރެންސްގައި އިޚްލާސްތެރިކަމެއް ނެތް: ޑރ. މުއިއްޒު

- ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު -

2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގައި ރައީސް ޔާމީންގެ ފުރަތަމަ ބަޔާން އޭސީސީން ނެންގެވި އިރުގައިވެސް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ކުރައްވައިފައިވާ ކަމުގެ އެއްވެސް ތުހުމަތެއް އޭސީސީން ކޮށްފައި ނުވާ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ތުހުމަތު ކުރާ އެއް މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގައި އޭސީސީން ވަނީ ރައީސް ޔާމީންގެ ބަޔާނެއް އެކަމާ ގުޅިގެން ނަގާފައިވާކަމަށެވެ.

އަދި އެ ބަޔާން އޭރު އޭސީސީން ނެގި އިރު އެކަމުގައި އެއްވެސް ވަރެއްގެ ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނުވަތަ ޝައްކު ކުރެވޭ ފާއިސާތަކެއްގެ ވާހަކަތަކެއް އޭސީސީން ހާމަ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ލިބުނު ގޮތާއި ގުޅޭ ގޮތުންވެސް އެއްވެސް ސުވާލެއް އޭސީސީން ކޮށްފައި ނުވާ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަދި އޭގެ ދުވަސްކޮޅެއް ފަހުން ޖުލައި މަހުގައި އެމްއެމްޕީއާރުސީގެ ރިޕޯޓެއް އޭސީސީން ތައްޔާރުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެ ރިޕޯޓެއް އާންމު ކޮށްފައި ނުވާ ކަމަށާއި އެ ރިޕޯޓު އާންމު ކުރީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މި ކަމުގައި ސުވާލު އުފެދޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ކަންތައްތަކަކީ ވަރަށް ބޮޑަށް ފާހަގަ ކުރަންޖެހޭ ނުކުތާތަކެއް ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ ޓީވީ ތަކުން ލައިވް ކޮށްގެން ކުރިއަށްގެންދިޔަ ޝަރީޢަތެއްގައި ފެނިގެން ދިޔައީ އިސްވެ ފާހަގަ ކުރެއްވި ކަންތައްތައް ފޮރުވުމަށްޓަކައި ނުވަތަ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައުލަތުގެ ފަރާތުން ވާހަކަ ދެކެވިގެން ދިޔަ މަންޒަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި 21 ފެބްރުއަރީ 2018 ވަނަ އަހަރުގައި ރައީސް ޔާމީންއަށް އޭސީސީން ފޮނުވި ސިޓީއެއްގައި ބުނެފައި އޮތީ އެ ފާއިސާތަކުން އެއްވެސް ކަހަލަ މުއާމަލާތެއް ނުކޮށް ބަހައްޓަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި 7 ފެބްރުއަރީ 2017 ވަނަ ދުވަހުގައި ބަޔާން ނެގި 21 ފެބްރުއަރީ 2018 ވަނަ ދުވަހާއި ހަމައަށް އެ މައްސަލައަށް އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް އޭސީސީން އެ ފައިސާ ބޭނުން ނުކުރަން ރައީސް ޔާމީންއަށް އެންގުމުން އެ ހިސާބުން އެކްސްރޯ އެކައުންޓެއް ރައީސް ޔާމީން ހުޅުއްވުމަށްފަހު އެ ފާއިސާ އެކްސްރޯ އެކައުންޓުގައި ވަގުތުން ޖަމާކޮށްފައި ބެހެއްޓެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ ފައިސާ ވަގަށް ނެގި ނަމަ ނުވަތަ ބޭނުން ރައީސް ޔާމީން ކުރެއްވި ނަމަ އެ ފާއިސާ އަކީ ނުހުންނާނޭ ފާއިސާތަކެއް ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ އެ ފާއިސާ ދައުލަތުގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ބޭނުމެއްގައި ރައީސް ޔާމީން އެކަހެރިކޮށް ބެހެއްޓުމަށްޓަކައި ކުރެވޭ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ގަބޫލު ކުރެވޭ ކަމަށް މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި ވަކި އަތަކަށް ނުޖެހި ވަކި ތައައްސުބެއް މިކަމުގައި ނެތި ވިސްނާ ކޮންމެ ރައްޔިތަކަށް މި މައްސަލައިގެ މަގުސަދު ވަރަށް ސާފުކަމަށާއި ރައީސް ސާލިހު އެ އެންމެ ސާދާކޮށް އެ ވިދާޅުވާ ޒީރޯ ޓޮލަރެންސް ގައި ހިމެނޭ އީޚްލާސްތެރިކަމެއް މި ކަމުގައި އެކުލެވިގެން ނުދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...