ނިއުޔޯކުގައި ދިން ބަޑީގެ ހަމަލާއެއްގައި މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމް ވެއްޖެ

އެމެރިކާގެ ނިއުޔޯކު ސިޓީގައި ދިން ބަޑީގެ ހަމަލާއެއްގައި މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމު ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ ބަޑީގެ ހަމަލާ ދީފައިވަނީ ނިއުޔޯކުގެ ބްރޫކްލިންގައި އެތައް ސަތޭކަ ބަޔަކު އެއްވެފައި އޮތް ކުޅިވަރު ކުޅޭ ޕާކެއްގައި ކަމަށެވެ. މި ހަމަލާގައި އެކަކު މަރުވެ 13 މީހުން ޒަޚަމް ވެފައިވާއިރު އޭގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނިއުޔޯކު ސިޓީގެ ފުލުހުނާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައި ވަނީ މި ހަމަލާ ދީފައިވަނީ ހަތިޔާރު އެޅި މީހެއް ކަމަށާއި ހަމަލާ ދިނުމަށް ފަހު އެ މީހާ ފިލާފައިވާ ކަމަށެވެ.

އެމެރިކާގައި އަމަލު ކުރަމުންދާ ގާނޫނު ބުނާ ގޮތުން އެ ގައުމުގެ ކޮންމެ ރައްޔިތަކަށްވެސް ރަޖިސްޓްރީ ކޮށްގެން ބަޑި ގެންގުޅުމުގެ ހުއްދަ އޮވެއެވެ. އެއާއެކު އެމެރިކާގައި ފަހަކަށް އައިސް ދެވޭ ބަޑީގެ ހަމަލާތައް ވަނީ އިތުރުވެފައެވެ.

ފްލޮރިޑާގެ ޕާކްލޭންޑްގެ ސެކަންޑަރީ ސްކޫލެއްގައި މިދިޔަ އަހަރު ވަނީ ބަޑިޖަހާ 17 މީހުން މަރާލާފައެވެ. އޭގެ ތެރޭގައި ވެސް ކުޑަކުދިން ހިމެނޭއިރު، އެ ހަމަލާއަކީ 2012 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސުކޫލްތަކަށް ދިން ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...