ޓީޓީގެ ސިންގަލްސް ރަން މެޑަލް ދީމާއަށް އަދި ރަފާ ރިހި މެޑަލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސްގައި ވާދަކުރި ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް އިތުރު ދެ މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގެ ޓީޓީގެ އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރީވެސް މި ދެ ކުޅުންތެރިންނެވެ. އެގޮތުން ފައިނަލުން މޮޅުވެ ދީމާ ރަން މެޑަލް ހޯދިއިރު، ރަފާއަށް ވަނީ ރިހި މެޑަލް ލިބިފައެވެ.

މުބާރާތުގެ ފައިނަލުގައި ރަފާ އަތުން ދީމާ މޮޅުވީ 4-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ސެޓް 11-6 ގެ ނަތީޖާއިން ރަފާ ގެންދިޔަ ނަމަވެސް ޖެހިގެން އައި ހަތަރު ސެޓް ދީމާ ކާމިޔާބުކުރީ 7-11، 5-11، 7-11 އަދި 4-11 އިންނެވެ.

އައިއޯއައިޖީގައި ރާއްޖެއިން ވާދަކުރި އެންމެ ކާމިޔާބު ދެ އެތުލީޓުން ކަމުގައިވާ ދީމާ އާއި ރަފާ ވަނީ ޑަބަލްސް އިވެންޓުންނާއި ޓީމު އިވެންޓުން ވެސް ރަން މެޑަލް ހޯދާފައެވެ.

ޖުމްލަ ހަތަރު ރަން މެޑަލްއާއެކު މި މުބާރާތުގައި ރާއްޖެއިން ވަނީ 15 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި ޓީޓީ އިން ހޯދި ތިން ރަން މެޑަލްގެ އިތުރުން ބެޑްމިންޓަންގެ އަންހެން ސިންގަލްސް އިވެންޓުން އައިމިނަތު ނަބީހާ ވަނީ ރަން މެޑަލް ހޯދާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...