އާސަންދަ ކަސްޓަމާ ފްރޮންޓް އޮފީސް: ފޮޓޯ ޗެނަލް ތާރޓީން

އާސަންދަ ކުންފުނިންދޭ ހުސްނުވާ އާސަންދަ ސްކީމްގެ ޚިދުމަތްތަކަށް ރާއްޖޭގެ ސިއްޚީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، ދިވެހި އެންމެހާ ރައްޔިތުން އަހުލުވެރި ކުރުމަށް ކުރިއަށްގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް މިމަހު 10 ވަނަ ދުވަހު ހދ.އަތޮޅުގައި ވަނީ ފަށާފައެވެ. އަހުލު ތިލަދުންމަތީ ދެކުނު ބުރީގެ ނަމުގައި ހދ.އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ޕްރޮގޮރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާސަންދައިގެ 2 ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.


މި ޕްރޮގްރާމްގެ ތެރޭގައި ހުސްނުވާ އާސަންދަ ސްކީމާ ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކޮށް، ސްކީމް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުން ކުރިއަށްދާނެ ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތުދެއެވެ. އަދި ހދ.އަތޮޅުގައި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހު 14 ވަނަ ދުވަހު ހަވީރު އެ އަތޮޅު ކުޅުދުއްފުށީގައި ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތުދެއެވެ. މިއަހަރުގެ ޖުލައި މަހުގައިވެސް އާސަންދަ ކުންފުނިން ވަނީ ގދ.އަތޮޅުގަ އަހުލު ޕްރޮގްރާމް ކުރިއަށްގެންގޮސްފައެވެ.